ލައިފްސްޓައިލް

މީހެއްގެ މޫނުން އެމީހެއްގެ ނުރައްކާތެރިކަން ދެނެގަނެވިދާނެތަ؟

އިންޑިއާގެ މުމްބާއީގެ ރޭލު ސްޓޭޝަނަކަށް ދިން ބޮމުގެ ނުރައްކާތެރި ހަމަލާއެއްގެ ވާހަކައިން ފަށައިގަންނަމާ ހިނގާށެވެ. އެ ހަމަލާގައި ބައިވެރިވި މީހުންގެ ތެރެއިން، މަރުނުވެ ހުއްޓައި އިންޑިއާ ފުލުހުންނަށް އަތުލައިގަނެވުނީ އެންމެ މީހެކެވެ. އެއީ އަޖްމާލް ކަސަބް އެވެ.

އޭނާ ހައްޔަރުކޮށްގެން ޕޮލިހަށް ހާޒިރުކޮށް ފޮޓޯނެގިއިރު އިސްކޮޅުގައި ކިރިޔާ ފަސް ފޫޓް ހަމަވަނީ އެވެ. ޖަވާހިރެއްހެން ދެ ލޯ ވަނީ ދިއްލިފަ އެވެ. ދެ ކޮލުގައި މަސްޖަހައި އެ ވެސް މަޑު ފިނިފެންމަލުގެ ކުލައަކުން ދިއްލިފައިވާއިރު ހީވަނީ ކުޑަކުޖެއްގެ މޫނު ހެންނެވެ.

"ދަ ބޭބީ ފޭސްޑް ކިލާ" ގެ ނަމުން ކަސަބް އިންޑިއާ އަށް މަޝްހޫރުވީ ވެސް މި ސަބަބާ ހެދި އެވެ. އޭނާ އަކީ އޭނާގެ މޫނުގެ ސިފަތަކަށް ބަލާއިރު އެތައް ސަތޭކަ މީހުން މަރާލާފައިވާ މީހެކޭ ބުނެވޭ ވަރަށް ވުރެ "އިނޮސެންޓް ކިލާ" އެކެވެ.

ކަސަބުގެ މި "ބޭބީ ފޭސް" އެއް ފެނިގެން އިންޑިއާ އަށް ސިހުން ލިބުނުއިރު މިއީ ނުރައްކާތެރި މީހުންނާ މެދު އޮތް ގަބޫލުކުރުމަކާ މެދު ވެސް ސުވާލު އުފެއްދި ކަމެކެވެ. އާންމުކޮށް އެންމެނަށް ވިސްނިފައި އޮންނަނީ ނުވަތަ ގަބޫލުކުރެވިފައި އޮންނަނީ ހަނގުރާމަވެރިއެއް، ޓެރަރިސްޓެއް، ރޭޕިސްޓެއް ނުވަތަ މީހުން މަރައި ތަންތަނުން ވައްކަންކުރަމުން ގެންދާ މީހެއްގެ މޫނުން އޭނާގެ ނުބައިކަން އަބަދުވެސް ފާޅުވެ ފާޅުވެ ހުންނަ ކަމަށެވެ.

ނޫސްތަކުގައި ހުންނަ ޚަބަރުތަކުގައި ޝާއިއުކޮށްފައި ހުންނަ ކުށްވެރިންގެ މަގްޝޮޓް ފޮޓޯތައް ފެނުނީމަ ވެސް "އެއީ ހާދަ ނުލަފާ ވައްތަރު ޖަހާ މީހެކޭ" ނުވަތަ "މޫނުމަތިން ވެސް ވަގެއްގެ ވައްތަރު އެބަހުއްޓޭ" ހިތަށް އަރައެއް ނޫން ހެއްޔެވެ؟ މިއީ ހަގީގަތުގައި ވެސް ވަރަށް ގިނަ ބަޔަކު އެމީހުންގެ ކުށްވެރިން ނުވަތަ ނުލަފާ މީހުން ދެނެގަންނަ ގޮތެވެ.

ތާރީޚަށް ބެލި ނަމަވެސް މި ގަބޫލުކުރުމަކީ ވަރަށް ދުވަސްވީ ގަބޫލުކުރުމެއް ކަމަށް އަދި އެކަމުގައި ދިގުދެމިގެންވާ ސަގާފަތެއް އޮތް ކަމެއްކަން ވެސް ފާހަގަކޮށްލެވެ އެވެ. މީހާގެ މޫނަށް ބަލައިގެން އެ މީހަކާ މެދު ގޮތެއް ކަނޑައެޅުން އޮތީ ތާރީޚުގެ ވެސް ނިކަން ބޮޑު ކުޅިވަރަކަށް ވެފަ އެވެ.

މޫނުގެ ސިފަތައް ދިރާސާކޮށްގެން ކުށްވެރިން ނުވަތަ މީހުން މަރާ މީހުން ކަނޑައެޅުން މިފަހުން ހުއްޓިފައި އޮތް ނަމަވެސް މި ދިރާސާގައި މިފަހުން ވެސް އެދެވޭ ކުރިއެރުންތަކެއް ހޯދާފައިވެ އެވެ. އެގޮތުން ތަޖުރިބާކާރުން ބުނާ ގޮތުން މޫނުމަތީގެ ސިފަ ފުޅާކޮށް އުފެދިފައި ހުންނަ މީހުންނަކީ ހިމަކޮށް ދިގުކޮށް އުފެދިފައި ހުންނަ މޫނުތައް ހުންނަ މީހުންނަށް ވުރެ ކަންކަމުގައި ފަސޭހައިން ރުޅިގަދަވެ ހަމަނުޖެހުމަކަށް ދާން ބޭނުންވާ މީހުން ކަމަށެވެ.

ނަމަވެސް މިއީ ފަލަ-މޫނު ނުވަތަ ފުޅާ-މޫނު ލީ މީހުން އެއްގޮތަކަށް ވެސް ހިތްހަމަޖެހޭނެ ނިންމުމެއް ނޫނެވެ. އެހެން ނޫނަސް މިއީ ބައެއް ތަޖުރިބާކަރުންގެ މެދުގައި ވެސް ހިޔާލު ތަފާތުވެފައި އޮތް މައްސަލަ އެކެވެ.

މޫނުގެ ސިފަ ހުންނަ ގޮތަކުން ނުވަތަ މޫނުމަތިން ޖަހާ ވައްތަރެއްގެ ސަބަބުން މީހުން "ޖަޖުކޮށް" ނިންމާލާއިރު ވިސްނާލަން ޖެހެނީ އެފަދަ ބައެއް މީހުން ނުރައްކާތެރި ކުށްވެރިންނަށް ބަދަލުވެގެން ދިއުމުގެ ފަހަތުގައި މުޖުތަމައިން ކުޅޭ ރޯލު ވެސް ވަރަށް ބޮޑުކަމެވެ. މިސާލަކަށް މިފަދަ ގޮތަށް މޫނުގެ ސިފަ އަށް ބަލައިގެން ނުވަތަ މީހަކު ހުންނަ ސިފައަކަށް ބަލައިގެން އެމީހަކަށް ގޮތް ކިޔުމަކީ އޭގެ ނަފްސާނީ އަސަރު ނިކަން ބޮޑަށް އެމީހަކަށް ކޮށްފާނެ ކަމެކެވެ.

އޭގެ ސަބަބުން އެމީހުން އެންމެ ފަހުން ކުށްވެރިޔަކަށް ނުވަތަ މީހުން މަރާ މީހަކަށް ވެސް ވެދާނެ އެވެ.

އެކަމަކު ވެސް ފާހަގަކޮށްލަން ޖެހެނީ މޫނުގެ ސިފަ އަށް ބަލައިގެންނާއި މީހުން ތިބޭ ގޮތްގޮތަށް ބަލައިގެން ނުވަތަ ހެދުން އަޅާ ގޮތަކަށް ބަލައިގެން މުޖުތަމައުގައި އެކި މީހުން އެކި މީހުންގެ ގޮތުގައި ލޭބަލްކުރެވެމުންދާ ކަމެކެވެ. މިސާލަކަށް ބޯ ދިގުކޮށްލާފައި ހުންނަ ޒުވާން ފުރައިގެ ފިރިހެނަކު ރާއްޖެއިން ފެނިއްޖެ ނަމަ އެމީހަކު އާންމުކޮށް ލޭބަލްވެގެން ދަނީ "ހަކުރުބޯ ޕާޓޭއެއް" ގެ ގޮތުގަ އެވެ.

ނުވަތަ ބައެއް މީހުންގެ ވިސްނުމުގައި އެއީ "ވަރަށް ވެސް ނުލަފާ" އަދި އެހާމެ "ނުރައްކާތެރި" މީހެކެވެ.

އެކަމަކު، ބޯ ރީއްޗަށް ކޮށައިގެން، ބޮލުގައި ނިކަން ރީއްޗަށް ފުނާ އަޅައިގެން ޓައީ އަޅައިގެން ކޯޓު ފަޓްލޫނު ތުރުކުރައްވައިގެން، ނަމްބަރު އައިނެއް އަޅުއްވައިގެން ހުންނަ ސަރުކާރުގެ އިސް ވެރިޔަކު ވެސް ހަމަ ނިކަން ބޮޑު ކުށްވެރިޔަކަށް ނުވަތަ ނުރައްކާތެރި މީހަކަށް ވުމުގެ ފުރުސަތު އެބަ އޮތެއް ނޫން ހެއްޔެވެ؟