ރާއްޖެ ކުޅިވަރު

އެފްއޭއެމް އިންތިހާބު ބާއްވަން އޭއެފްސީން އަންގައިފި

ބުރާސްފަތި ދުވަހު އެފްއޭއެމް އިންތިހާބު ބާއްވަން އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ (އޭއެފްސީން) އެފްއޭއެމަށް އަންގައިފި އެވެ.

އޭޝިޔާގެ ފުޓްބޯޅައިގެ އެންމެ ބާރުގަދަ ޖަމާއަތުން މި ގޮތަށް އެންގީ އިންތިހާބަށް ނުފޫޒު ފޯރުވަން އެފްއޭއެމުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާތީވެ އިންތިހާބު ނުބާއްވަން ޔޫތު މިނިސްޓަރު އަންގަވާފައިވަނިކޮށެވެ.

އޭއެފްސީން މިއަދު އެފްއޭއެމަށް ފޮނުވާފައިވާ ސިޓީގައިވަނީ އެފްއޭއެމުން، އޭއެފްސީ އަށް ފޮނުވާފައިވާ ލިޔެކިއުންތަކުން އެނގޭ ގޮތުގައި އެފްއޭއެމުން ފައިސާގެ މުއާމަލާތްތައް ކޮށްފައިވަނީ ވަރަށް ޕްރޮފެޝަނަލްކޮށްކަން އެނގިފައިވާ ކަމަށެވެ. އަދި އެފްއޭއެމުގެ އިލެކްޓޯރަލް ކޮމިޓީން އިންތިހާބަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެނޑިޑޭޓް މުހައްމަދު ޝަވީދާއި އޭނާގެ ޓީމުގެ ކެނޑިޑެސީ ބަލައިގެންފައިވާތީވެ އިންތިހާބު ބާއްވަން އޭއެފްސީގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށެވެ. އަދި ބުރާސްފަތި ދުވަހު އިންތިހާބު ބާއްވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އެފްއޭއެމުގެ މައްސަލަ އޭސީސީ އަށް ވެއްދީ އެ ތަނުގެ ކުރީގެ އެގްޒެކްޓިވް ސެކްރެޓަރީ ހުސައިން ރަޝީދެވެ. އޭނާ ފޮނުވި ސިޓީގައިވަނީ މި އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރާއި ބައިނަލް އަގްވާމީ ޖަމާއަތްތަކުން އެފްއޭއެމަށް ދީފައިވާ ފައިސާ އެތަނުގެ ވެރިންގެ އެކައުންޓަށް ޖަމާކޮށް ކުލަބުތަކުގެ ވެރިންނަށް ރިޝްވަތުދެމުންދާ ކަމަށެވެ.

މިހެންވެ އެފްއޭއެމުގެ ވެސް އެދުމުގެ މަތިން އިއްޔެ އޭސީސީގެ އިސްވެރިންގެ ޓީމަކުން ވެސް އެފްއޭއެމުގެ މުއާމަލާތްތައް ފާސްކޮށްފަ އެވެ. އަދި އެކަމާ ބެހޭ ރިޕޯޓެއް މިހާރު އެކޮމިޝަނުން ދަނި ތައްޔާރުކުރަމުންނެވެ. އޭއެފްސީގެ ސިޓީގައި ވެސް މި ރިޕޯޓަށް އިންތިޒާރު ކުރާ ވާހަކަ ލިޔެފައިވެ އެވެ.