ފިނޭންސް މިނިސްޓްރީ

ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއް ނުކުރާނެ: ފިނޭންސް

ސުކޫކް ވިއްކުމަށް ރާއްޖޭގެ އެންމެ އުސް އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނާޝިފް ބަދަލު ކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުންވެސް އެ ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުން ނޫން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި އާމްދަނީ ހޯދަން ބޭރަށް ވިއްކަން ހިމަނާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތް ރަހުނު ކުރަން އުޅޭ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފައިވާތީ އެކަމާއި ގުޅޭގޮތުން މިރޭ ނެރުނު ބަޔާނެއްގައެވެ.

އަންނަ އަހަރު 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ވިއްކަނީ އިސްލާމިކް ކޯޕަރޭޝަން ފޮ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާ ގުޅިގެން ކަމަށާއި، މި ކަމުގެ އެގްރީމަންޓެއް މިހާރު ވެސް އެފަރާތާއެކު ހެދިފައިވާ ކަމަށް އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް މިދިއަ ހަފްތާގައި ވަނީ ވިދާޅުވެފަ އެވެ.

އެކަމާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މިރޭ އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބަޖެޓްގައި ހިމަނައިގެން ދުނިޔޭގެ ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފަޔާ އިރުޝާދުގެ މަތިން އިޝޫ ކުރުމަށް މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނޭންސިން އިސްޓްރްމަންޓެއް ކަމަށެވެ. އެކަން މަޖިލީހަށް ސާފުކޮށްދީފައިވާނެ ކަމަށްވެސް ބުންޏެވެ.

އައިސީޑީއާއެކު ވިއްކުމަށް މަސައްކަތް ކުރަމުންދާ މި ސުކޫކުގެ މައިގަނޑު އަސާސަކީ އެސެޑް ބޭސްޑް ސުކޫކެއް ކަމަށްވެސް ފިނޭންސުން ބުންޏެވެ. އެއީ ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 އިންސައްތަ ދައުުލަތުގެ ހިއްސާވާ ސްޕެޝަލް ޕާފޯސް ވެހިކަލް އަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނާޝިފް ބަދަލުކޮށް ސުކޫކުގެ އިންވެސްޓަރުންގެ ފަރާތުން އެސްޕީވީގެ ބެނެފިޝަލް އޯނާޝިފްގައިވާ އެސެޓެއް ދައުލަތަށް އިޖާރާ އެއްބަސްވުމެއްގެ ދަށުން ބެނެފިޝަލް އޯނާޝިފް ދައުލަތުގެ 100 އިންސައްތަ ހިއްސާވާ އެސްޕީވީން އަނބުރާ މިނިސްޓްރީ އޮފް ފިނޭންސްއަށް ނެގުމެވެ.

މި ސުކޫކް ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނާޝިފް ބަދަލު ކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުންވެސް އެ ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުން ނޫން ކަމަށް ފިނޭންސް ބުންޏެވެ.

"އަދި ސުކޫކު އިޝޫ ކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މިލްކުވެރިކަން މި މިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބަދަލު ނުކުރެވޭނެ އެވެ. އަދި ހަަމަ އެހެންމެ މި ސުކޫކު އިޝޫ ކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްވެސް ނުކުރެވޭނެއެވެ،"

ފިނޭންސް ގެ ބަޔާނުގައި ބުނީ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުވެސް ދައުލަތަށް ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީގެ އިމާރާތް ބޭނުންކޮށްގެން މިފަދަަ ސުކޫކް ވިއްކުމުގެ މަސައްކަތް ކުރެވުނު ކަމަަށެވެ. ނަމަވެސް އޭރު އެކަން ނުކުރެވުނީ ގާނޫނީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ހެދި ކަމަށެވެ.

އެ މިނިސްޓްރީން ވަނީ ސުކޫކް އިޝޫކުރުމާއި ގުޅޭގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް ނުފެތުރުމަށްވެސް އެދިފައެވެ.

ފިނޭންސް މިނިސްޓަރު އަމީރު ސޮއި ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ އައިސީޑީ މެދުވެރިކޮށް ވިއްކަން ހަމަޖެހިފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށް، އިސްލާމިކް ފައިނޭންސްގެ ހަމަތަކުގެ މަތިން 100 ޕަސަންޓް ސަރުކާރު ހިއްސާވާ ސެޕްޝަލް ޕާފޮސް ވެސެލް (އެސްޕީވީ) އެއް ބޭނުންވާ ކަމަށެވެ.

މިގޮތުން، އެ އެސްޕީވީ ހެދުމަށްޓަކައި، ވިއްކަން ގަސްދުކުރާ ސުކޫކުގެ 51 ޕަސަންޓަށް ވުރެ މަތިން އަގު ކުރެވޭ އެސެޓެއްގެ ބެނިފިޝަލް އޯނާޝިޕް މި އެސްޕީވީ އަށް ޓްރާންސްފާ ކުރަންޖެހޭކަމަށް އެ ސިޓީގައިވެ އެވެ.

އެ ސިޓީގައި އިތުރަށް ބުނީ، އެކަން ކުރުމަށްޓަކައި ސަރުކާރުގެ ހަރު މުދަލަށް ބަލާއިރު، އެކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމަށާއި، ނަމަވެސް، އެ ތަން މިވަގުތު ހުރީ ހެލްތު މިނިސްޓްރީގެ ނަން މަތީގައި ކަމަށެވެ.

ނަމަވެސް، އެ އެސެޓު އޮންނަން ޖެހޭނީ ފިނޭންސް މިނިސްޓްރީގެ ރަޖިސްޓްރީގެ ދަށުގައި ކަމަށްވާއިރު، އެކަން ކޮށް ދިނުމަށް ސިޓީ ކައުންސިލު މެދުވެރިކޮށްދެއްވުމަށް އަމީރު ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައި އެވެ.