ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުވެސް ދައުލަތަށް ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީގެ އިމާރާތް ބޭނުންކޮށްގެން ސުކޫކު ވިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި އާމްދަނީ ހޯދަން ބޭރަށް ވިއްކަން ހިމަނާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކަށް ރާއްޖޭގެ އެންމެ އުސް އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތް ރަހުނު ކުރަން އުޅޭ ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައެވެ.
އަންނަ އަހަރު 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ވިއްކަނީ އިސްލާމިކް ކޯޕަރޭޝަން ފޮ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާ ގުޅިގެން ކަމަށާއި، މި ކަމުގެ އެގްރީމަންޓެއް މިހާރު ވެސް އެފަރާތާއެކު ހެދިފައިވާ ކަމަށް އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް މިދިއަ ހަފްތާގައި ވަނީ ވިދާޅުވެފަ އެވެ.
ފިނޭންސް ގެ ބަޔާނުގައި ބުނީ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުވެސް ދައުލަތަށް ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީގެ އިމާރާތް ބޭނުންކޮށްގެން މިފަދަަ ސުކޫކް ވިއްކުމުގެ މަސައްކަތް ކުރެވުނު ކަމަަށެވެ. ނަމަވެސް އޭރު އެކަން ނުކުރެވުނީ ގާނޫނީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ހެދި ކަމަށެވެ.
އިތުރަށް ބުނެފައިވަނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބަޖެޓްގައި ހިމަނައިގެން ދުނިޔޭގެ ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފަޔާ އިރުޝާދުގެ މަތިން އިޝޫ ކުރުމަށް މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނޭންސިން އިސްޓްރްމަންޓެއް ކަމަށެވެ. އެކަން މަޖިލީހަށް ސާފުކޮށްދީފައިވާނެ ކަމަށްވެސް ބުންޏެވެ.
އައިސީޑީއާއެކު ވިއްކުމަށް މަސައްކަތް ކުރަމުންދާ މި ސުކޫކުގެ މައިގަނޑު އަސާސަކީ އެސެޑް ބޭސްޑް ސުކޫކެއް ކަމަށްވެސް ފިނޭންސުން ބުންޏެވެ. އެއީ ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 އިންސައްތަ ދައުުލަތުގެ ހިއްސާވާ ސްޕެޝަލް ޕާފޯސް ވެހިކަލް އަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނާޝިފް ބަދަލުކޮށް ސުކޫކުގެ އިންވެސްޓަރުންގެ ފަރާތުން އެސްޕީވީގެ ބެނެފިޝަލް އޯނާޝިފްގައިވާ އެސެޓެއް ދައުލަތަށް އިޖާރާ އެއްބަސްވުމެއްގެ ދަށުން ބެނެފިޝަލް އޯނާޝިފް ދައުލަތުގެ 100 އިންސައްތަ ހިއްސާވާ އެސްޕީވީން އަނބުރާ މިނިސްޓްރީ އޮފް ފިނޭންސްއަށް ނެގުމެވެ.
މި ސުކޫކް ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނާޝިފް ބަދަލު ކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުންވެސް އެ ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުން ނޫން ކަމަށް ފިނޭންސް ބުންޏެވެ.
"އަދި ސުކޫކު އިޝޫ ކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މިލްކުވެރިކަން މި މިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބަދަލު ނުކުރެވޭނެ އެވެ. އަދި ހަަމަ އެހެންމެ މި ސުކޫކު އިޝޫ ކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްވެސް ނުކުރެވޭނެއެވެ،"