ހަބަރު

ކޮމަންވެލްތުގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ކޮމަންވެލްތް ސެކެރެޓަރީ ޖެނެރަލްސް އިނޮވޭޝަން ފޯ ސަސްޓޭނަބަލް ޑިވަލޮޕްމަންޓް އެވޯޑްސް އަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮމަންވެލްތުގެ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އެހެން ކަމުން އެ ފުރިސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ކޮމަންވެލްތުގެ މި އަހަރުގެ އެވޯޑުތައް އަމާޒު ކޮށްފައި ވަނީ ކޮމަންވެލްތް ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވާ އުފެއްދުންތެރި، ކުރިމަގު ބިނާކުރަނިވި ހައްލުތަކުގެ އަގުވަޒަންކޮށް، އެކަންތައްތައް ފާހަގަކޮށް އެއްބާރުލުން ދިނުމާއެކު ކޮމަންވެލްތް ޗާޓަރުގެ ހަމަތައް ކުރިއެރުވުމަށެވެ.

މި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވަނީ ކޮމަންވެލްތްގައި ހިމެނޭ ގައުމުތަކުގެ ރައްޔިތުންނަށާއި، މި ގައުމުތަކަށް ނިސްބަތްވާ ޖަމިއްޔާ / ޖަމާއަތްތަކަށާއި، އަމިއްލަ ނުވަތަ ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތަކަށެވެ. އަދި ހާއްސަ ގޮތެއްގައި އަންހެނުންނާއި ޒުވާނުން މި އެވޯޑަށް ކުރިމަތިލުމަށް ކޮމަންވެލްތުން ވަނީ ބާރު އަޅާފަ އެވެ.

އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފަސް ދާއިރާ

  • ޕީޕަލް (އިންސާނުން): ފަގީރުކަމާއި ބަނޑުހައިހޫނުކަން ނައްތާލުން.
  • ޕްރޮސްޕަރިޓީ (ތިޔާގިކަން): ކާމިޔާބު އަދި ފާގަތި ދިރިއުޅުމެއް ކަށަވަރުކުރުމަށް ގުދުރަތީ ވެށީގެ މުއްސަނދިކަން.
  • ޕްލެނެޓް (ދުނިޔެ): ދުނިޔޭގެ މޫސުމާއި، ގުދުރަތީ ވަސީލަތްތައް ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުން.
  • ޕީސް (އަމާންކަން): މުޖުތަމައުގެ އެންމެހާ ފަރުދުންގެ އަމާންކަމާއި ހަމަހަމަކަން އަދި ސިޔާދަތު ދެމެހެއްޓުން.
  • ޕާޓްނާޝިޕް (ގުޅުން): އެޖެންޑާ 2030 ތަންފީޒުކުރުމަށްޓަކައި ދެމެހެއްޓެނިވި ގުޅުންތައް ވަރުގަދަކުރުން.

ޔޫތު މިނިސްޓްރީން ބުނީ މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކޮމަންވެލްތް ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން އެއް ލަނޑުދަނޑި ނުވަތަ އެއަށްވުރެ ގިނަ ލަނޑުދަނޑިތަށް ހާސިލްކުމަށްޓަކައި ކޮންމެ ދާއިރާއަކުން އެންމެ ގާބިލް، އުފެއްދުންތެރި ތިން ހުށަހެޅުމެއް މިނިވަން ފަނޑިޔާރުންގެ ޓީމަކުން ހޮވާނެ ކަމަށެވެ. އަދި ހޮވާލެވޭ 15 ފަރާތަކަށް ޓްރޮފީ އާއި ހަނދާނީ ލިޔުން އަދި 3000 ޕައުންޑްގެ ފައިސާގެ އިނާމެއް ލިބިގެން ދާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި އެވޯދަށް ކުރިމަތިލާންޖެހޭނީ އަންނަ އަހަރުގެ ޖެނެއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން އޮންލައިން ކޮށެވެ.