ދުނިޔޭގެ ވެކްސިން އާއި ބޭސް އުފެއްދުމުގެ ރޮނގުގައި އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށްވާ މޮޑާނާ އިން ހޯމަ ދުވަހު މުޅި ދުނިޔެއަށް ވަރަށް އުފާވެރި ޚަބަރެއް ދީފި އެވެ. އެ ކުންފުނިން އުފެއްދުމުގެ މަސައްކަތްކުރަމުންދާ ވެކްސިން 94.5 ޕަސެންޓް ކާމިޔާބުކަމުގެ އުފާވެރި ޚަބަރެވެ. މީގެ ކުރިން ވެކްސިން ކާމިޔާބުކަމަށް އިއުލާންކުރި ފައިޒާގެ ވެކްސިން ކާމިޔާބީ 90 ޕަސެންޓް ކަމަށް އެ ކުންފުނިން ބުނެފައިވަނިކޮށް މޮޑާނާ ވެކްސިން އަދި އެއަށް ވުރެ ވެސް ބޮޑު ކާމިޔާބެއް ހޯދުމުން ސައިންސްވެރިންނާއި މުޅި ދުނިޔެއަށް ވެސް ވަނީ ހަމަޖެހުމުގެ ނޭވާއެއް ލެވި އެވެ. ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެވިދާނެކަމުގެ އުންމީދު ބޮޑުވީމަ އެވެ.
އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި މޮޑާނާ އިން ބުނި ގޮތުގައި އެ ކުންފުނިން އަޖުމަ ބެލުމުގެ ގޮތުން ވޮލަންޓިއަރުންނަށް ދެމުންދާ މި ވެކްސިން އިން ކޮވިޑާ ހަނގުރާމަކުރާނެ ވަރުގަދަ ދިފާއީ ބާރެއް ވެކްސިން ދިން މީހުންގެ ހަށިގަނޑުގައި އުފެދިފައި ވެއެވެ. ވެކްސިން އުފެއްދުމުގެ ހުއްދަ ހޯދަން އެމެރިކާގެ ކަމާ ބެހޭ އޮތޯރިޓީތަކަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
މޮޑާނާގެ ސީއީއޯ ސްޓެފަނީ ބެންސެލް ވިދާޅުވީ މި ވެކްސިންގެ ޓްރަޔަލްތަކުގެ ތެރެއިން ތިން ވަނަ ޓްރަޔަލް މިހާރު ކުރިޔަށްދާއިރު ޓްރަޔަލްގެ މިހާރު ލިބެނުންދާ ނަތީޖާތައް ފެންނަނީ ވަރަށް ވެސް ރަނގަޅަށެވެ. ވެކްސިން ދޭ މީހުންގެ ހަށިގަނޑުގައި ކޮވިޑާ ދެކޮޅަށް ދިފާއީ ބާރު ވަރަށް ގަދަޔަށް އުފެދިފައި ވެއެވެ. މީގެ ތެރޭގައި ވަރަށް ގަދަޔަށް ބަލި ޖެހޭ މީހުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިން ކާމިޔާބުކަމަށް އިއުލާންކުރި ފައިޒާ ބައޮއެންޓެކް ވެކްސިން ފަދައިން މޮޑާނާގެ ވެކްސިން ތައްޔާރުކޮށްފައިވަނީ ވެކްސިން ތައްޔާރުކުރުމަށް މުޅިން އަލަށް އުފެއްދި ޕްލެޓްފޯމެއް ކަމަށްވާ މެސެންޖާ އާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. މިއީ މީގެ ކުރިން ވެކްސިން އުފައްދަމުން އައި ގޮތާ މުޅިން ތަފާތު ޓެކްނޮލޮޖީ އެކެވެ.
ދެ ވެކްސިންގެ ވެސް ނަތީޖާ އެހާ ރަނގަޅުވުމަކީ މިބަލިމަޑުކަމުން ދުނިޔެއަށް އަރައިގަނެވިދާނެ ކަމުގެ ޔަގީންކަން ދުނިޔޭގެ އެންމެންނަށް ލިބިގެންދިޔަ ކަމަކަށް ވަނީ ވެފަ އެވެ.
ދެ ކުންފުނިން ވެސް ވެކްސިން ފަރުމާކުރުމުގައި ބޭނުންކޮށްފައިވަނީ މުޅިން އާ އީޖާދުތަކަކާއި އެކްސްޕެރިމެންޓް ތަކެކެވެ.
މޮޑާނާ އިން ވެކްސިން އިއުލާން ކުރަމުން ބުނެފައިވަނީ އެ ދުވަހަކީ ދުނިޔޭގެ ހަޔާތުގައި އުފާވެރި ދުވަހެއް ކަމަށެވެ. އަދި ކުރިޔަށް އޮތް މަދު ހަފުތާ ތަކެއްގެ ތެރޭގައި ވެކްސިން އުފެއްދުމުގެ ހުއްދަ ހޯދަން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ.
ވެކްސިންގެ ކާމިޔާބީ ބެލީ ކިހިނެއް؟
މޮޑާނާ ވެކްސިންގެ ފަހުގެ ޓްރަޔަލްގައި އެމެރިކާގެ 30،000 މީހަކަށް ވެކްސިން ދީފައި ވެއެވެ. މި ވެކްސިންގެ ދެ ޑޯޒް ކޮންމެ މީހަކަށް ދިނީ ފުރަތަމަ ވެކްސިން ޖެހިތާ ހަތަރު ހަފުތާ ފަހުން ދެ ވަނަ ޑޯޒް ދީގެންނެވެ. ވެކްސިން ދިން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ދިނީ ޑަމީ އިންޖެކްޝަނެވެ. މާނައަކީ އެމީހުންގެ ގަޔަށް ޖަހާފައިވަނީ އަސްލު ކޮވިޑަށް ތައްޔާރުކުރި ވެކްސިނެއް ނޫނެވެ. މިއީ ކްލިނިކަލް ޓްރަޔަލްތަކުގައި އާންމުކޮށް ގެންގުޅޭ އުސޫލެވެ.
އެ ބޭހެއް ނުވަތަ ވެކްސިނެއްގެ އަސަރުކުރާ ގޮތް ދެނެގަތުމަށް ސައިންސްވެރިން ގެންގުޅޭ އުކުޅެކެވެ.
މޮޑާނާގެ ފަހުގެ އެނަލިސިސް ބިނާކުރީ ވެކްސިން ދިން މީހުންގެ ތެރެއިން 95 މީހެއްގެ މައުލޫމާތަށެވެ. މި މީހުންނަކީ ކޮވިޑްގެ އަލާމާތްތައް ފެނުނު މީހުންނެވެ. މީގެ ތެރެއިން ވެކްސިން ޖެހި މީހުންގެ ތެރެއިން ކޮވިޑް އަލާމާތް ފެނުނީ އެންމެ ފަސް މީހުންނަށެވެ. ބަލި ޖެހުނު މީހުންގެ 90 ޕަސެންޓަކީ ޑަމީ އިންޖެކްޝަން ޖެހި މީހުންނެވެ. މި ވެކްސިން 94.5 ޕަސެންޓް ކާމިޔާބުކަމަށް މޮޑާނާ އިން އިއުލާން ކުރީ އެހެންވެ އެވެ.
މި ޑޭޓާތަކުން ދައްކާ ގޮތުގައި ވެކްސިންގެ ޓްރަޔަލްގައި ބައިވެރިކުރި 11 މީހަކަށް ވަރަށް ގަދަޔަށް ކޮވިޑް ޖެހުނެވެ. ނަމަވެސް މި އެންމެންނަކީ ވެސް އަސްލު ވެކްސިން ދިން މީހުން ނޫން ކަމާއި ޑަމީ އިންޖެކްޝަން ޖެހި މީހުން ކަން ޔަގީންވުމުން މޮޑާނާގެ ވެކްސިން ކާމިޔާބުކަމުގެ ހިތްހަމަޖެހުން އެފަރާތަށް ލިބުނީ އެވެ.
އަހަރެމެންނަށް ނޭނގޭ ބައެއް ކަންކަން އެބަހުރިތަ؟
ވެކްސިން އާ ގުޅޭ ގޮތުން އަދިވެސް ސާފުނުވާ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. ފުރަތަމަ ކަމަކީ ވެކްސިން ޖެހުމުން ދިފާއީ ބާރު އުފެދިފައިވާ މީހުންގެ ހަށިގަނޑުގައި އެ ދިފާއީ ބާރު ހުންނަނީ ކިހާ ދުވަހަކަށް ކަމެވެ. މިކަން ޔަގީންކުރަން ގިނަ ދުވަސްތަކެއް ނަގާނެ އެވެ.
މި ވެކްސިން ދިނުމުން ދުވަސްވީ މީހުންނަށް ވެސް ބަލިން ދިފާއުވެވޭ ކަމުގެ ބައެއް ހެކި ލިބިފައި ވުމަކީ ވެސް އުފާކުރަން ޖެހޭ ވަރުގެ ކަމެކެވެ. ސަބަބަކީ ކޮވިޑް-19 ޖެހިގެން މަރުވުމުގެ ނުރައްކާ އެންމެ ބޮޑީ ދުވަސްވީ މީހުންނަށް ކަމަށް ވާތީ އެވެ.
ވެކްސިން ރައްކާތެރިތަ؟
އެއްވެސް ބޭހަކީ ނުވަތަ ވެކްސިން އަކީ އޭގެ ރައްކާތެރިކަމުގެ 100 ޕަސެންޓް ގެރެންޓީ ދެވޭނެ އެއްޗެއްނޫނެވެ. އާއްމުކޮށް މީހުން ބޭނުންކުރާ ޕެރަސެޓަމޯލް ފަދަ ޕެއިންކިލާގައި ވެސް ސައިޑްއިފެކްޓްސް ހުރެ އެވެ. ހަމަ އެގޮތަށް މޮޑާނާ ވެކްސިން ޖެހުމުން ވެސް ބައެއް މީހުންނަށް ކުޑަ އިރުކޮޅަކަށް ނަމަވެސް ބޮލުގައި ރިހުމާއި ވަރުބަލިވުމުން އަދި ގައިގައި ރިއްސުން ފަދަ ކަންތައްތައް ދިމާވިކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށް މޮޑާނާ އިން ބުނެފައި ވެއެވެ.
މިފަދަ ސައިޑް އިފެކްޓްސް ތަކަކީ ރަނގަޅު ވެކްސިން އަކުން ފެންނަން ޖެހޭނެ އަލާމާތްތަކެއް ކަމަށް ވެކްސިން އުފެއްދި ފަރާތުންބުނެފައި ވެއެވެ. ވެކްސިން ޖެހުމަށްފަހު ތަފާތު އުނދަގޫތައް މީހާއަށް ވާނަމަ އެއީ ވެކްސިން ރަނގަޅަށް މަސައްކަތް ކުރަމުންދާ ކަމުގެ ނިޝާނެއް ކަމަށް ބެލެވޭތީ އެވެ.
އޮކްސްފޯޑް ޔުނިވަސިޓީގެ ސައިންސްވެރިން ވެސް ވަނީ މޮޑާނާ ވެކްސިންގެ ކާމިޔާބީއަށް މަރުހަބާ ކިޔާފަ އެވެ. އަދި އެއް ވެކްސިނަށް ވުރެ ގިނަ ވެކްސިން މި ވަގުތު ދުނިޔެއަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށާއި ކާމިޔާބު ކޮންމެ ވެކްސިންއަކުން އުފާވެރި ޚަބަރެއް ލިބިދޭކަމަށް އޮކްސްފޯޑުން ބުނެފައި ވެއެވެ.
އަދި މި ނޫނަސް ދުނިޔޭގެ ފުންނާބުއުސް ގިނަ ސައިންސްވެރިންތަކެއް މި ވެކްސިންގެ ކާމިޔާބީއަށް މަރުހަބާ ކިޔާފައި ވެއެވެ.