ރާއްޖެ ކުޅިވަރު

ފީފާއިން ދިވެހި ސަރުކާރަށް އިންޒާރު ދީފި

ގައުމީ ފުޓްބޯޅަ އިދާރާގެ އިންތިހާބު ލަސްކުރަން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށާއި އެކަން އެގޮތަށް ކުރިއަށް ގެންގޮސް އިންތިހާބު ލަސްކޮށްިނަމަ ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން ރާއްޖެ ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރު ފީފާއިން ދީފި އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ދިވެހިންނާ ދިމާލަށް ރަތްކާޑު އަމާޒު މިކުރީ އާ އިންތިހާބެއް ބާއްވައި އެފްއޭއެމް ހިންގާނެ ވެރިއަކާއި އޭނާގެ ޓީމު އިންތިހާބު ކުރަން ފީފާއިން ދީފައިވާ އެންމެ ފަހުގެ މުއްދަތު ހަމަވާން ބާކީ 11 ދުވަހަށް ވެފައިވަނިކޮށެވެ. އަދި އިންތިހާބު ބާއްވަން އޭއެފްސީން ވެސް އަންގާފައިވަނިކޮށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހު ބޭއްވި ފީފާގެ އެގްޒެކްޓިވް ކޮމިޓީން ނިންމާފައިވަނީ ރާއްޖެއިން އެފްއޭއެމަށް އޮކްޓޫބަރު 30 ވަނަ ދުވަހުގެ ކުރިން ވެރިއަކު އިންތިހާބު ކުރަންޖެހޭނެ ކަމަށެވެ. އެއީ ކުރިން އޮގަސްޓް 22ގައި ބާއްވަން އުޅުނު އިންތިހާބު، ކުލަބުތަކުގެ ކޯޅުންބޮޑުވެ، އެފްއޭއެމުގެ އަސާސީ ގަވައިދު ފާސްނުވެ ލަސްވުމުންން އިތުރު ފުރުސަތު ދީފައިވާތީ އެވެ.

ފީފާއަށް ކޮޕީކޮށް، އޭއެފްސީން މިއަދު އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލަށް ފޮނުވި ސިޓީގައިވަނީ އެޖަމާއަތުގެ މެމްބަރު އެސޯސިއޭޝަންތަކަކީ މިނިވަންކަމާއެކު ހަރަކާތްތެރިވާންޖެހޭ ތަންތަން ކަމަށާއި ޔޫތު މިނިސްޓްރީން އިންތިހާބު ފަސްކުރަން ބުނެ އިއްޔެ ފޮނުވި ސިޓީއަކީ ބަލައިގަނެވޭނެ ސިޓީއެއްނޫން ކަމަށެވެ. އަދި މިނިސްޓްރީން އެފްއޭއެމުގެ އިންތިހާބަށް ނުފޫޒު ފޯރުވާނަމަ ރާއްޖެ ސަސްޕެންޑްކުރާނެ ކަމަށެވެ.

ބުރާސްފަތި ދުވަހު ބާއްވާ އިންތިހާބު އޮބްޒާވްކުރަން ފީފާ އާއި އޭއެފްސީގެ އޮފިޝަލުން ރާއްޖެ ވަޑައިގަންވާ ގޮތަށް ހަމަޖެހިފައިވާއިރު، ފީފާއިން ރާއްޖެ ސަސްޕެންޑްކުރުމާ ދިމާލަށް މިސްރާބު ބަދަލުކޮށް މިކޮށްލީ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުންނަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާތީވެ އެންޓިކޮރަޕްޝަން ކޮމިޝަނުން އެކަން ބަލާ ނިމެންދެން އެފްއޭއެމުގެ އިންތިހާބު ލަސްކުރަން ފެންނަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު އިއްޔެ އަންގަވާފައިވަނިކޮށެވެ.

އެފްއޭއެމުގެ ކޮރަޕްޝަނުގެ މައްސަލަ އޭސީސީ އަށް ވެއްދީ އެއިދާރާގެ ކުރީގެ އެގްޒެކެޓިވް ސެކްރެޓަރީ ހުސައިން ރަޝީދެވެ. އޭނާ ފޮނުވި ސިޓީގައިވަނީ މި އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރާއި ބައިނަލް އަގްވާމީ ޖަމާއަތްތަކުން އެފްއޭއެމަށް ދީފައިވާ ފައިސާ އެތަނުގެ ވެރިންގެ އެކައުންޓަށް ޖަމާކޮށް ކުލަބުތަކުގެ ވެރިންނަށް ރިޝްވަތުދެމުންދާ ކަމަށެވެ. މިހެންވެ އެފްއޭއެމުގެ ވެސް އެދުމުގެ މަތިން އިއްޔެ އޭސީސީގެ އިސްވެރިންގެ ޓީމަކުން ވެސް އެފްއޭއެމުގެ މުއާމަލާތްތައް ފާސްކޮށްފަ އެވެ. އަދި މި މައްސަލަ އޭއެފްސީ އަށް އެފްއޭއެމުން ހުށަހެޅުމުން އެއިދާރާއިން ވަނީ އެފްއޭއެމުގެ ފައިސާގެ މުއާމަލާތްތަކުގައި މައްސަލައެއްނެތް ކަމަށް ބުނެފަ އެވެ.

ސަސްޕެންޑްކޮށްފިނަމަ ވާނީ ކިހިނެތް؟

ފީފާއިން ރާއްޖެ ސަސްޕެންޑްކޮށްފިނަމަ ރާއްޖެ އަށް ވާދަނުކުރެވޭނެ އެންމެ މުހިންމު މުބާރާތަކަށްވާނީ ޑިސެމްބަރު އިންޑިޔާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެވެ. އޭގެ އިތުރުން ގައުމީ ޓީމު މިހާރު ވާދަކުރަމުންދާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ވެސް ވާދަކުރުމުގެ ފުރުސަތު ގެއްލޭނެ އެވެ. އަދި ދިވެހި ކުލަބުތަކަށް އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް ވާދަނުކުރެވޭނެ އެވެ.

އެފްއޭއެމުގެ ރައީސް ކަމުގެ މަގާމު ހުސްވީ 2013 ވަނަ އަހަރު ބޭއްވި ވާދަވެރި އިންތިހާބުގައި އެއިރުގެ ރައީސް އަލީ އާޒިމް ބަލިކުރެއްވި އިލްހާމު އަހުމަދުގެ ދައުރު މި އަހަރު ކުރީކޮޅު ފީފާއިން ނިމުމަކަސް ގެނައުމުންނެވެ. އޭގެ ފަހުން އެފްއޭއެމް ހިންގަމުން އަންނަނީ ފީފާއިން އެކުލަވާލި ފަސް މެމްބަރުންގެ ނޯމަލައިޒޭޝަން ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައ ތިއްބެވީ އެފްއޭއެމުގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެނޑިޑޭޓް މުހައްމަދު ޝަވީދާއި ގައުމީ ޓީމުގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ އަލީ އުމަރާއި މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އަބުދުލްހަމީދު އަބުދުލްގަފޫރު (އައްޑޯ) އާއި ގާނޫނީ ވަކީލު ފަސީހު ޒާހިރެވެ.

މި ކޮމިޓީން މިހާރު ވަނީ އިންތިހާބު ބާއްވާނެ އިލެކްޓޯރަކް ކޮމިޓީ އާއި އެޕީލް ކޮމިޓީ ވެސް އެކުލަވާލައިފަ އެވެ.

ފީފާއިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރުދީފައިވާއިރު އެޖަމާއަތުން ވަނީ މީގެ ދެ ދުވަސް ކުރިން ކުވޭތު ވެސް ސަސްޕެންޑްކޮށްފަ އެވެ. އެއީ އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނާއި ކުލަބުތަކަށް މިނިވަންކަމާއެކު ހަރަކާތްތެރިވެވޭ ގޮތަށް ކުޅިވަރާ ބެހޭ ގާނޫނު އިސްލާހުނުކޮށްގެންނެވެ. މީގެ އިތުރުން ތައިލެންޑްގެ އެފްއޭގެ އަސާސީ ގަވާއިދު ބަދަލުކޮށް، އާ އިންތިހާބެއް ބާއްވަން އެ ގައުމަށް ވެސް ފީފާއިން ވަނީ ނޯމަލައިޒޭޝަން ކޮމިޓީ އެއް އައްޔަންކޮށްފަ އެވެ.