ދުނިޔެ އިން ކޮވިޑް-19 ގެ ބަލި ފެނުމާއެކު އެންމެ ފުރަތަމަ ބަންދު ކުރީ ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި އެވެ. ގެސްޓުން ގެނައުން އެންމެ ފުރަތަމަ ހުއްޓާލީ ގެސްޓްހައުސް ތަކަށެވެ. ސަބަބަކީ ކޮވިޑް-19 ގެ ބަލި ރާއްޖޭގެ ހަފޮޅުން އެެތެރެވެ، ރާއްޖޭގައި ފެތުރިދާނެކަމުގެ ބިރު ބޮޑުވަމުން ދިއުމެވެ. އެ ދުވަހުން ފެށިގެން ހުއްޓުނު އިކޮނޮމީގައި އެންމެ ބޮޑު ވޭނެއް ތަހައްމަލް ކުރަން ޖެހުނު އެއް ވިޔަފާރިއަކީ ގެސްޓްހައުސް ވިޔަފާރި ތަކެވެ. ދިވެހި އާއިލާ ތަކަށް ޑޮލަރު ލިބޭ މައިދޮރޯށީގެ ގޮތުގައި ސިފަ ކުރާ މި ވިޔަފާރިތައް ބަންދުކޮށްފައި ބެހެއްޓި ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ލިބުނު ގެއްލުން 30 މިލިއަން ޑޮލަރަށް ވުރެ މަތިވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ނަމަވެސް އޮގަސްޓް 15 ގައި ގެސްޓްހައުސްތައް ހުޅުވަން އަލުން ހުއްދަ ލިބުމާއެކު، މި ވިޔަފާރި ރަނގަޅުވެ ދާނެ ކަމުގެ އުންމީދު ބޮޑުވި އެވެ.
އާއިލާ ތަކަށް ދިރުން ލިބޭނެ ކަމުގެ ފޮނި ހުވަފެންތައް އެ މީހުން ދެކުނެވެ. ނަމަވެސް އަލުން ގެސްޓްހައުސްތައް ހުޅުވުނު ނަމަވެސް މިހާރު މި ވިޔަފާރި އަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ ރާއްޖެ އަންނަ ޓޫރިސްޓުން އެ މީހުންގެ ގައުމަަށް އެނބުރި ދިއުމުގެ ސަބަބުން ޕީސީއާރު ޓެސްޓެއް ހަދަން މަޖުބޫރުކޮށްފައި އޮތުމެވެ. މި ކަމުގެ ސަބަބުން ބަޖެޓް ޓޫރިޒަމްގެ މި މާކެޓަށް ލިބޭ ގިނަ ބުކިންތައް ދަނީ ކެންސަލް ކުރަމުންނެވެ. މި ޓެސްޓް މަޖުބޫރުކޮށްފައި އޮތުމުން މި ވިޔަފާރި އަށް ދަނީ ބޮޑު ގެއްލުމެއް ލިބެމުންނެވެ. މި ޓެސްޓުގެ ސަބަބުން ގެސްޓްހައުސްތައް ފެއިލްވުމުގެ ބިރު އެބައޮތެވެ.
"އަޅުގަނޑުމެން ގެންނަ ގެސްޓުން ރާއްޖޭން ފުރޭނީ ޕީސީއާރު ޓެސްޓެއް ހަދައިގެން. މިއީ މަޖުބޫރުކަމެއް. މިހެން އޮތީމަ އަޅުގަނޑުމެން ގެސްޓްހައުސް އަށް އަންނަ ބުކިން ހައްދަން ވާހަކަ ދައްކާ މީހުންގެ 80 ޕަސެންޓް މީހުންގެ ބުކިންތައް ދަނީ ކެންސަލް ވަމުން. މިއީ ވަރަށް ދަތި ޓެސްޓެއް. މިކަން އެބަޖެހޭ އެހެން އުސޫލަކަށް ބަދަލު ކުރަން. ނޫނީ މިކަމެއް ނުވާނެ،" ގުރައިދޫގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރާ ގެސްޓްހައުސްއެއްގެ ވެރިއަކު ޝަރުތުކޮށް ބުންޏެވެ.
ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ގައި ހުޅުވާލިއިރު ފުރަތަމަ ހުޅުވީ ރިސޯޓު ތަކެވެ. ރިސޯޓުތައް ހުޅުވާލި ނަމަވެސް ރާއްޖެ އައިސް ފުރާ ޓޫރިސްޓުން ޕީސީއާރު ޓެސްޓް ހެދުމަކީ މަޖުބޫރު ކަމެއް ނޫނެވެ. ފުރުމުގެ ކުރިން ޕީސީއާރު ޓެސްޓެއް ހަދަން މަޖުބޫރު ވަނީ ހަމައެކަނި ބައެއް އެއާލައިންތަކާއި އެ މީހުންދާ ގައުމުން އެގޮތަށް ލާޒިމްކޮށްފައިވާ މީހުންނަށް އެކަންޏަށެވެ. ނަމަވެސް، ގެސްޓްހައުސް ތަކަށް އަންނަ ޓޫރިސްޓުން ފުރުމުގެ 96 ގަޑިއިރު ކުރިން ކޮވިޑް-19 ގެ ޕީސީއާރު ޓެސްޓެއް ހަދަން އޮތުމީ މި ވިޔަފާރިއަށް މިހާރު އޮތް އެންމެ ބޮޑު ހުރަހެވެ. މި ވިޔަފާރި ކުރާ ގިނަ ފަރާތްތަކުން ބުނާ ގޮތުގައި މި ޓެސްޓުން ގެސްޓްހައުސް ވިޔަފާރި ފެއިލްވުން ގާތެވެ. ކުރިމަތީގައި ޓޫރިޒަމްގެ މައި މޫސުން އޮތްއިރު މީހުންގެ ސަމާލުކަން އަގުހެޔޮ ޓޫރިޒަމަށް އޮތް ނަމަވެސް، މި ޓެސްޓު ހަދަން ޖެހޭތީ ގެސްޓުންގެ ބަޖެޓަށް އަންނަ ބޮޑުކަމާއެކު ދަނީ ބުކިންތައް ކެންސަލް ވަމުންނެވެ.
ގާތްގަނޑަކަށް 12،00 އެއްހާ ކޮޓަރި ހުރި ކ. މާފުށީ ގެސްޓްހައުސްއެއްގެ އިސްވެރިއަކު ބުނި ގޮތުގައި އެ ރަށުގެ ގެސްޓްހައުސް ތަކަށް ވެސް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭން ގެސްޓުން ފުރާއިރު ޓެސްޓު ހަދަން މަޖުބޫރުކޮށްފައި އޮތުން ކަމަށެވެ.
"ގެސްޓްހައުސްތަކަށް އާއްމުކޮށް މި އަންނަނީ އާއިލާއެއްކޮށް. އެ މީހުން އައިސް ފުރުމުގެ ކުރިން ކޮންމެ މީހަކު އަތުން 100 ޑޮލަރު ޓެސްޓަށް އިތުރަށް ޗާޖު ކުރަން ޖެހޭތީ މިހާރު ގިނަ މީހުން ނާދެ. ބުކިން ހައްދަން ކޮންފޮމޭޝަން ދޭ ހިސާބަށް ގޮސްފަ ވެސް ގިނަ ބުކިންތައް ދަނީ ކެންސަލް ކުރަމުން. މިއީ ވަރަށް ބޮޑު ގެއްލުމެއް،" ނަން ނުޖެހުމަށް އެދި ބުންޏެވެ.
ލެބުތަކަށް މިލިއަނުން ބޮޑު ފައިދާއެއް
ރާއްޖޭގައި ކޮވިޑް-19 ބައްޔަަށް މިހާރު ޓެސްޓް ކުރެވެން ހުރީ އައިޖީއެމްއެޗް އާއި ބ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލް އަދި ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ގއ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލް އާއި އޭޑީކޭ ހޮސްޕިޓަލް ޓްރީޓޮޕް އަދި ދާދިފަހުން ހުޅުމާލޭގައި ހުޅުވި އާރުއެމްއެލްސް ލެބް އިން އެކަންޏެވެ
މި ލެބޯޓަރީތަކާ ހަމައަށް ގެސްޓުންގެ ކޮވިޑް ސާމްޕަލް ގެންދަން ގެސްޓްހައުސް ތަކުން މިހާރު އޮތް ގޮތުން ބޮޑު ހަރަދެއް ކުރަން ޖެހެ އެވެ. ކޮވިޑް ޓެސްޓް ހެދުމަކީ ލެބުތަކަށް މިލިއަން ރުފިޔާގެ ވިޔަފާރިއެއްގެ ގޮތުގައި އޮތް ނަމަވެސް ގެސްޓްހައުސްތަކަށް މިއީ ޖީބު ހުސްވާނެ ކަމެކެވެ. މިކަމުން ވަންނަ އެއްޗަކަށްވުރެ ޖީބުން ބޭރުވާ އަދަދު މަތިވުމުގެ ފުރުސަތު އެބައޮތެވެ. ގެސްޓްހައުސް ވިޔަފާރި ހުޅުވިފަހުން މާފުށީގެ ގެސްޓްހައުސްތަކުން އެކަނި ގެންދިޔަ ސާމްޕަލުން ބައެއް ލެބު ތަކަށް މިލިއަނުން އާމްދަނީ ހޯދައިފި އެވެ. އެ މީހުން މިކަމަށް ކުރި އިންވެސްޓްމަންޓް މިހާރު ވަނީ ގާތްގަނޑަކަށް ކަވަރު ވެފައިވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
ގުރައިދޫގައި ހިންގާ ގެސްޓްހައުސް އަކުން ވާހަކަ ދެއްކި ވެރިއަކު ބުނި ގޮތުގައި ފުރުމުގެ 96 ގަޑިއިރު ކުރިން ޓެސްޓް ހަދަން ޖެހޭއިރު، ގެސްޓުންގެ ސާމްޕަލް ގެންދިއުމުގައި ހުރި ދަތިތަކާއެކު ބޮޑު ތަކުލީފެއް އުފުލަން ޖެހޭ ކަމަށެވެ.
"ކުރިން ވިޔަފާރި ރަނގަޅުއިރު ދަތުރުފަތުރުތައް ބަރާބަރަށް އޮތް. އެކަމަކު މިހާރު ރެގިއުލާކޮށް ޓްރާސްޕޯޓެއް ނެތް. އެހެންވެ ސިއްހީ މަރުކަޒުގެ މީހުން ނަގާ ޓެސްޓް ސާޕްޕަލް ހިފައިގެން އެބަޖެހޭ ބޮޑު ހޭދައެއް ކޮށްފަ ސާމްޕަލް ބޮކްސް ފޮނުވާލަން. މީގެ ސަބަބުން ބޮޑު ގެއްލުމެއް ވަމުންދޭ. މީހަކަށް 120 ޑޮލަރު ވަރު ހޭދަކޮށްފަ ވެސް މި ފޮނުވާލައިގެން އެ މީހުން ފުރަންވާއިރަށް ޓެސްޓް ނަތީޖާ ހޯދަން މަޖުބޫރު،" ނަން ނުޖެހުމަށް އެދި ބުންޏެވެ.
ބޯޑަރު ބަންދު ކުރުމުގެ ކުރިން ރާއްޖޭގައި 600 ގެސްޓްހައުސް ހިންގި އެވެ. ނަމަވެސް ކޮވިޑް-19 އަށްފަހު އަލުން ހުޅުވާލުމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިހާތަނަށް ހުޅުވާފައިވަނީ 87 ގެސްޓްހައުސް އެވެ. އަދި އިތުރު ތަންތަން ހުޅުވަމުންދާ ވަރަކަށް އެޗްޕީއޭގެ މި އުސޫލުގެ ސަބަބުން މި ވިޔަފާރި ތަކަށް ލިބޭ ގެއްލުން ދާނީ ބޮޑުވަމުންނެވެ. މިއީ މި ވިޔަފާރިތަކުން ބޮޑު ޝަކުވާ އެކެވެ.
އއ. ތޮއްޑޫ ގެސްޓްހައުސްއެއްގެ ވެރިއަކު ބުނި ގޮތުގައި އެޗްޕީއޭ އިން ޓެސްޓް ހަދަން މަޖުބޫރުކޮށްފައިވަނީ ކޮމިއުނިޓީގައި ބަލި އޮތް ތޯ ބަލަން ކަމަށާ، އެ އުސޫލުން ބަލާއިރު އެއީ އެއްގޮ ތަކުން ރަނގަޅު ނިންމުމެއް ކަމަށެވެ. ނަމަވެސް ވިޔަފާރީގެ އޭންގަލުން ބަލާނަމަ ގެސްޓްހައުސް ވިޔަފާރި އަށް މީގެ ސަބަބުން ބޮޑު ގެއްލުމެއް ވަމުންދާ ކަމަށް އޭނާ ބުންޏެވެ
"ތޮއްޑޫ އަށް މި އަންނަނީ ގިނަ އިން އާއިލާތައް އެއްކޮށް. ރަޝިއާގެ އާއިލާތަކުގައި އާއްމުކޮށް އެބަތިބޭ ދެ ތިން ކުދިން. މީގެ ކޮންމެ އާއިލާ އަކުން ރާއްޖެން ފުރުމުގެ ކުރިން އިތުރު 500 ޑޮލަރު ހޭދަ ކުރަން ޖެހޭ ޓެސްޓަށް. އެ މީހުން މިކޮޅަށް އަންނަނީ ވެސް އެ ގައުމުން ޓެސްޓް ހަދައިގެން. އެވެސް ފައިސާ. އަދި ދާއިއިރު ވެސް ޓެސްޓް ހަދަން މަޖުބޫރު. މިކަމުގެ ބޮޑު ގެއްލުމެއް ވޭ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.
ލޯންޗެއް ހިފާފަ ހަމައެކަނި ސާމްޕަލް ފޮނުވުން
މި އުސޫލުގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވަނީ ބަރާބަރަށް ޓްރާންސްޕޯޓް ހިދުމަތް ނެތް ރަށްރަށުގެ މި ވިޔަފާރި ތަކަށެވެ. އެފަދަ އެއް ރަށަކީ މިދިޔަ ހަފުތާގައި ގެސްޓުން ގެންނަން ފެށި ވ. ކެޔޮދޫ އެވެ. އެ ރަށަށް އަންނަ ގެސްޓުން ފުރާނަމަ އަތޮޅު ތެރެއިން އެހެން އުޅަނދެއް މާލެ ދާދުވަހަށް ގެސްޓްހައުސް ވެރިން އިންތިޒާރު ކުރަން ޖެހެ އެވެ. ނޫނީ ލޯންޗު ހިފައިގެން ސާމްޕަލް ފޮނުވަން މަޖުބޫރުވެ އެވެ.
"މި ރަށުގަ އަދި މި ހުޅުވީ ދެ ތަން. އެހެންވީމަ ޓްރާންސްޕޯޓު އަދި ވަރަށް ދަށްކޮށް މި އޮތީ. މިހާރު ގެސްޓުން ފުރަން ޕީސީއާރު ސާމްޕަލް މާލެ ފޮނުވޭނީ 8،000ރ ނޫނީ 10،000ރ. އަށް ލޯންޗެއް ނަަގައިގެން. އެހެންވީމަ ޓޫރިސްޓު މީހާގެ އަތުން ދާ 100 ޑޮލަރުގެ އިތުރުން ގެސްޓްހައުސް މީހާގެ އަތުން ފުރާ ކޮންމެ މީހެއްގެ ސާމްޕަލް މާލެ ގެންނަން އެބަ ދޭ ބޮޑު އަދަދެއް،" ކެޔޮދޫގައި އެންމެ ފުޅާކޮށް މި ވިޔަފާރި ކުރާ އެއް ކުންފުނީގެ ޑިރެކްޓަރަކު ބުންޏެވެ،
ގެސްޓްހައުސް ތަކަށް އޮތް މި ބުރަ އެހެން ގޮތަކަށް ބަދަލު ކުރެވޭ ތޯ އެޗްޕީއާއެކު ޓޫރިޒަމް މިނިސްޓްރީން ދަނީ މަޝްވަރާތަކެއް ވެސް ކުރަމުންނެވެ.
އުސޫލު ބަދަލު ކުރެވޭތޯ މަޝްވަރާ ކުރަނީ
ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވި ގޮތުގައި ގެސްޓްހައުސްތަކަށް ދާ ގެސްޓުން ފުރުމުގެ ކުރިން ޓެސްޓް ކުރަން މަޖުބޫރުކޮށްފައި އޮތުމުން ޝަކުވާ އަންނަ ކަމަށާ، ނަމަވެސް އެކަން ކޮށްފައިވަނީ އެޗްޕީއޭ އިން މެޑިކަލީ ބަލާ ބެލުން ތަކަށްފަހު ކަމަށެވެ. ނަމަވެސް މި އުސޫލު އެހެން ގޮތަކަށް ބަދަލު ކުރެވޭނެ ގޮތެއް އޮތްތޯ މަޝްވަރާ ތަކެއް ކުރަމުންދާ ކަމަށެވެ.
"ގެސްޓްހައުސްތަކުން ވަރަށް ޝަކުވާ އަންނަ ކަމެއް މިއީ. އެހެންވެ މަޝްވަރާ ކުރެވެމުން ދޭ އެޗްޕީއޭއާ. މިގޮތަށް ހަދާފަ އޮތީ ކޮމިއުނިޓީގައި ބަލި ފެތުރުން ހުއްޓުވަން. މަޝްވަރާ ކުރެވޭ ކޮމިއުނީޓީގައި ބަލި އޮތް ތޯ ބަލަން ރަށްރަށުގައި ރެންޑަމް ސާމްޕަލިން ނެގުން ފަދަ ކަމެއް ކުރުމާމެދު ވެސް،" ރައްޒާން ވިދާޅުވި އެވެ.
ރަށު ޓޫރިޒަމް ހުޅުވައި ހަމަ ފައިމައްޗަށް ފެތުވަމުންދާއިރު، މި އުސޫލުގެ ސަބަބުން ފޫބައްދަން ބޮޑު ގެއްލުމެއްވެ އެވެ. އެހެންވެ ގެސްޓްހައުސްތަކުގެ ވެރިންގެ އެދުމަކީ މި އުސޫލު ބަދަލު ކުރުމެވެ. މިކަން ކޮންމެވެސް އެހެން ގޮތަކަށް ބަދަލުކޮށް ފަސޭހަ އެހެން ނަމަވެސް ރައްކާތެރިކަން ޔަގީން ކުރެވޭނެ ގޮތެއް ހަމަ ޖެއްސުމެވެ.