އެންމެ ބޮޑު އިސްކަމެއް ދިނީ ދިފާއީ މުއައްސަސާ ސިޔާސީ ހުރިހާ ނުފޫޒަކުން އެއްކިބާ ކުރުމަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އައްޑަނަ މަޖައްލާގެ މި ފަހަރުގެ އަދަދުގައި ލިޔުއްވި ލިޔުއްވުމުގައެވެ. ރައީސް ސޯލިހުގެ ސަރުކާރަށް ދެ އަހަރުން ފުރުން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ މިދިޔަ ދެ އަހަރު އެންމެ ބޮޑު އިސްކަމެއް ދިނީ ދިފާއީ މުއައްސަސާ ސިޔާސީ ހުރިހާ ނުފޫޒަކުން އެއްކިބާ ކުރުމަށް ކަމަށެވެ. އަދި ދިފާއީ ބާރުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކަނޑައެޅިފަައިވާ ވަކި ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ހިމެެނޭ "ކެޕްސްޓޯން ޑޮކްޓަރިން" އެކުލަވާލައި އެއަށް އަމަލު ކުރުމަށެވެ.
"އަޅުގަނޑުމެން ވާނީ އަސްކަރީ އަދުލްގެ ނިޒާމެއް ގާއިމްކޮށްފައެވެ. ހަަމަ އެހެންމެ ސިފައިންނާއި ފުލުހުންގެ ވެލްފެއާގެ ކަންކަން އެއްގޮތްކޮށް ސިފައިންގެ މަރުކަޒުތަކުގެ ތެރެއިން ސިފައިންނަށް ލިބެން ހުންނަ ހިދުމަތްތަކުގެ ފެންވަރުވެސް ވާނީ ރަނގަޅުކޮށްފައެވެ،"
މިދިޔަ ދެ އަހަރުތެރޭގައި ސިފައިން ވަނީ 2،000 އަށް ވުރެ ގިނަ އޮޕަރޭޝަނުގައި ހަރަކާތްތެރިވެފައި ކަމަށާ ކޮވިޑް-19 ގެ އޮޕަރޭޝަންގައި ސިފައިންގެ ދައުރު މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ ގެންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރުވެސް 600 އެއްހާ ސިފައިން ރާއްޖެއިން ބޭރުގައި ތަމްރީންވަމުންދާ ކަމަށެވެ. މިދިޔަ ދެ އަހަރު ސިފައިންގެ ކޮންމެ ފަސް މީހަކުން ތިން މީހަކު ތަމްރީން ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މިދިޔަ ދެ އަހަރު ކަނޑުމަތީގައި ހިނގި 700 ހާދިސާއެއްގައި ގާތްގަނޑަކަށް 2000 އަށް ވުރެ ގިނަ މީހުންގެ ފުރާނައާއި މުދާ ވަނީ މާތްﷲ ގެ ރަހުމަތްފުޅުން ސަލާމަތް ކުރެވިފައެވެ. ވެރިރަށް މާލޭގައި ހިނގައިދިޔަ އަލިފާނުގެ ބޮޑެތި ހާދިސާތަކުން އެކަނިވެސް ސިފައިންގެ ހިތްވަރާއި ފަންވާރާއި ގާބިލްކަން އިތުރުވެފައިވާ މިންވަރު ފެނި، އެކަން ދިވެހި ރައްޔިތުން ވަނީ ޝުކުރާއި ތައުރީފާއެކު ބަލައިގެންފައެވެ،"