ސުކޫކް ވިއްކުމަށް ރާއްޖޭގެ އެންމެ އުސް އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލް "ވިއްކާލަން" މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ދައުލަތް ބަނގުރޫޓްވުމުން ކަމަށާ އެތަން "ވިއްކާލުމަކީ" ބޮޑު ޖަރީމާއެއް ކަމަށް ވިދާޅުވެ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.
މި ސަރުކާރު ގެނައުމަށްވެސް މަސައްކަތް ކުރި އަދި މިހާރު އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް ހުންނެވި ޖަމީލް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ހަރު މުދާ ވިއްކަން ޖެހުނީ މޮޅު "ނޫ އިގްތިސާދު"ގެ ސިޔާސަތު ތަކާހެދި ކަމަށެވެ. އަދި ރޭޓިން ދަށްވެ ސޮވެރިން ގެރެންޓީވެސް ގަބޫލުނުކުރާ ހިސާބަށް ދިޔައީތޯ ވަނީ ސުވާލު ކުރައްވާފައެވެ.
"އަމީރު، އޮޅުވާނުލައްވާ! ދަރުމަވަންތަ 'ވިއްކަނީ' ރާއްޖެ ހަގީގަތުގައިވެސް ބެންކޮރަޕްޓް ވީމަ. ތީ ރައްޔިތުންނާ ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް،" ފިނޭންސް މިނިސްޓަރު އަމީރަށް ޓެގް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.
ކޮވިޑްގެ ކާރިސާގެ ތަކުލީފު ވިޔަފާރިތަކާއި މުވައްޒިފުން އަދިވެސް އުފުލަމުންދާއިރު ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ އެއްވެސް ކަމެއް 2021 ގެ ބަޖެޓް ނެތް ކަަމަށްވެސް ޖަމީލް ވިދާޅުވިއެވެ. އަދި ރައްޔިތުން ޖޫރިމަނާކޮށް މުދާ ވިއްކައިގެންވިޔަސް މަތިބަރު ސަރުކާރު ހިނގަން ޖެހޭތޯ ޖަމީލް ސުވާލު ކުރެއްވިއެވެ.
"މަޖިލިސް މެންބަރުންގެ މުސާރަ ހަމަައަށް ދޭން ޖެހޭ؟" މެންބަރުންގެ ފޮޓޯތަކާއެކު ޖަމީލް ސުވާލު ކުރައްވާފައިވެއެވެ.
ންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި އާމްދަނީ ހޯދަން ބޭރަށް ވިއްކަން ހިމަނާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތް ރަހުނު ކުރަން އުޅޭ ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ފިނޭންސްއިން ރޭ ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބަޖެޓްގައި ހިމަނައިގެން ދުނިޔޭގެ ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފަޔާ އިރުޝާދުގެ މަތިން އިޝޫ ކުރުމަށް މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނޭންސިން އިސްޓްރްމަންޓެއް ކަމަށެވެ. އެކަން މަޖިލީހަށް ސާފުކޮށްދީފައިވާނެ ކަމަށްވެސް ބުންޏެވެ.
އައިސީޑީއާއެކު ވިއްކުމަށް މަސައްކަތް ކުރަމުންދާ މި ސުކޫކުގެ މައިގަނޑު އަސާސަކީ އެސެޑް ބޭސްޑް ސުކޫކެއް ކަމަށްވެސް ފިނޭންސުން ބުންޏެވެ. އެއީ ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 އިންސައްތަ ދައުުލަތުގެ ހިއްސާވާ ސްޕެޝަލް ޕާފޯސް ވެހިކަލް އަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނާޝިފް ބަދަލުކޮށް ސުކޫކުގެ އިންވެސްޓަރުންގެ ފަރާތުން އެސްޕީވީގެ ބެނެފިޝަލް އޯނާޝިފްގައިވާ އެސެޓެއް ދައުލަތަށް އިޖާރާ އެއްބަސްވުމެއްގެ ދަށުން ބެނެފިޝަލް އޯނާޝިފް ދައުލަތުގެ 100 އިންސައްތަ ހިއްސާވާ އެސްޕީވީން އަނބުރާ މިނިސްޓްރީ އޮފް ފިނޭންސްއަށް ނެގުމެވެ.
މި ސުކޫކް ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނާޝިފް ބަދަލު ކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުންވެސް އެ ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުން ނޫން ކަމަށް ފިނޭންސް ބުންޏެވެ.
"އަދި ސުކޫކު އިޝޫ ކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މިލްކުވެރިކަން މި މިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބަދަލު ނުކުރެވޭނެ އެވެ. އަދި ހަަމަ އެހެންމެ މި ސުކޫކު އިޝޫ ކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްވެސް ނުކުރެވޭނެއެވެ،"
ފިނޭންސް ގެ ބަޔާނުގައި ބުނީ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުވެސް ދައުލަތަށް ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީގެ އިމާރާތް ބޭނުންކޮށްގެން މިފަދަަ ސުކޫކް ވިއްކުމުގެ މަސައްކަތް ކުރެވުނު ކަމަަށެވެ. ނަމަވެސް އޭރު އެކަން ނުކުރެވުނީ ގާނޫނީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ހެދި ކަމަށެވެ.
އެ މިނިސްޓްރީން ވަނީ ސުކޫކް އިޝޫކުރުމާއި ގުޅޭގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް ނުފެތުރުމަށްވެސް އެދިފައެވެ.