ހަބަރު

އަދިވެސް އެމްއެމްޕީއާރްސީ ފުލުހުންގެ ބެލުމުގެ ދަށުގައި

ވެލާނާގެ ހަތަރު ވަނަ ފްލޯގައި ހުންނަ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީީ) އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ސިފައިނާއި ފުލުހުން އެމްއެމްޕީއާރްސީީ އޮފީހަށް ވަދެ ބަލައި ފާސްކޮށް، އެއޮފީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނީ އެމްއެމްޕީއާރްސީ ބަނދުކޮށްފައިވަނީ ތަހުގީގުކުރާ މައްސަލައެއް ބެލުމަށް ކަމަށާއި އެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ވެސް ނުވަދެވޭ ގޮތަށް އޮފީސް ބަންދުކޮށްފައިވާނެ ކަމަށެވެ. ފުލުހުން މިހެން ބުނެފައިވީ ނަމަވެސް އެމްއެމްޕީއާރްސީ ބަލައި ފާސްކުރީ ކީވެއް ކަމެއް އެއްވެސް ފަރާތަކުން މިހާތަނަށް ރަސްމީ ސިފައެއްގައި ބުނެފައެއް ނުވެ އެވެ.

އެމްއެމްޕީއާރްސީ ބަނދުކޮށްފައިވާ އިރު އެއޮފީސް ހިނގެވުމާއި ހަވާލުގައި ހުންނެވި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އިއްޔެ ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. މީގެ އިތުރުން މިދިއަ ބުދަ ދުވަހުގެ ރޭ ވަނީ އޭނާ ދިރިއުއްވާ ހ. ހިޔާކޯޅި ގެއަށް ފުުލުހުން ވަދެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފަ އެވެ.