ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އަހަރު މާޗު މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައިވަނީ މުޅި ދުނިޔޭގައިވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ. ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ރައްޔިތުންގެ މަޖިލީހުން ވަނީ ހައްލު ހޯދާދީފައެވެ. އަދި އަހަރު ދުވަހުގެ މުއްދަތު ކައުންސިލް އިންތިހާބު ބޭއްވުމަށް ފަހިކޮށްދީފައިވެއެވެ.
މިރޭ ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ މުޅިން ފައިނަލް ކޮށްފައިވާ ތާރީހެއް ނޫން ކަމަށް ވިދާޅުވިއެވެ.
އިންތިހާބަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި ގާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް މިހާރު ކުރަމުންދާ ކަމަށާ ރޯދަ މަހުގެ ކުރިން އިންތިހާބު ބާއްވާ ނިންމަން ބޭނުންވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އިންތިހާބު ކޮންމެ ތާރީހެއްގައި ބޭއްވި ނަމަވެސް ކެންޑިޑޭޓުންނަށް ކެންޕެއިން ކުރުމާއި އެ ނޫން ކަން ކަމަށް ގާނޫނުގައި ބުނާ މުއްދަތު ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުށަހެޅުއްވި ބަޖެޓުގައި ލޯކަލް ކައުންސިލް އިންތިހާބަށް ޖުމްލަ 49.18 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މިއީ، އެންމެ ފުރަތަމަ މި އަހަރުގެ އޭޕްރީލްގައި ބާއްވަން އުޅުނު އިންތިހާބަށް ކަނޑައެޅި ބަޖެޓުން 31.5 މިލިއަންގެ އިތުރުވުމެކެވެ. ފުރަތަމަ ކަނޑައެޅީ، 17.6 މިލިއަން ރުފިޔާ އެވެ.
ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލުން އަދި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް ޖުމުލަ 980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. މި މަގާމުތަކަށް ކުރިމަތިލީ 2400 ކެނޑިޑޭޓުންގެ ތެރެއިން ބައެއް މީހުން ވަނީ ނަން ނަގާފައެވެ.