ކޮވިޑްގެ ބަލިމަޑުކަމުގެ ނުރައްކާތެރި ރާޅު މި ރާއްޖޭގެ ގޮނޑުދޮށްތަކަށް ބިންދާލީ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. އޭގެ 38 ދުވަސް ފަހުން ފުރަތަމަ ފަހަރަށް މާލެއިން ކޮވިޑް ކޭހެއް ފެނުނެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ކޮންމެ ދުވަހަކު ކޮވިޑްގެ ބަލި މީހުން ދަނީ ފެންނަމުންނެވެ. އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެއިން ފެނުނު ކޮވިޑް ކޭހާއެކު މާލެ ސިޓީ ލޮކްޑައުން ކުރިއެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ހަތް މަސް ދުވަސް ވީއެވެ. ލޮކްޑައުން ދެމި އެބައޮތެވެ.
ބަލިމަޑުކަމުން ސަލާމަތްވުމަށް ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅިއެވެ. އެއީ އުނދަގޫ އަދި ރައްޔިތުންނަށް އިންތިހާއަށް ދަތިވީ ފިޔަވަޅުތަކެއް ނަމަވެސް ބަލިން ރައްކާތެރިވުމަށް އެ ފިޔަވަޅުތައް އެޅުން މަޖުބޫރެވެ. ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައިހެން ކޮވިޑުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. އެ ފިޔަވަޅުތަކާއެކު ދެތިން ހަތަރު މަސް ދުވަސް ތެރޭ ބަލި ކޮންޓްރޯލް ކުރި ކިތަންމެ ގައުމެއް އެބަހުއްޓެވެ.
ފިޔަވަޅުތަކާއެކު ރާއްޖެއިންވެސް ބަލި ކޮންޓްރޯލް ކުރިއެވެ. ނަމަވެސް އަލުން މަސް ދުވަސްތެރޭ ބަލި ފެތުރެން ފެށުމުން ފިޔަވަޅުތައް ވަރުގަދަ ކުރަން މަޖުބޫރުވީއެވެ. ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑް ޖެހުނު މީހުންގެ އަދަދު މަދު ކުރެވުނެވެ. ބަލީގައި މަރުވި މީހުންގެ އަދަދުވެސް ދަށް ކުރެވުނެވެ. މިހާތަނަށް ރާއްޖެއިން 12,355 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. 45 މީހަކު އެ ބަލީގައި މަރުވެއްޖެ އެވެ. ބަލި ޖެހުނު 11،388 މީހަކު ރަނގަޅުވެއްޖެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ހޭދަކުރި ހަތް މަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ އެޗްޕީއޭއިން ރައްކާތެރިކަމަށްޓަކައި ހަދާ ގައިޑްލައިންތަކެވެ. ގައިޑްލައިން ތަންފީޒު ނުކުރެވުމެވެ. އެކި މީހުންނަށް އެކި ގޮތް ހެދުމުގެ ޝަކުވާއެވެ. ގައިޑްލައިން ހެދުމަށްފަހު ކަންކަން ބަލަން ޖެހޭ މިންވަރަށް ނުބުލެމެވެ. އަދި ލުއި ދޭން ޖެހޭ ކަންކަމުގައި ލުއި ނުދީ ހިފަހައްޓާ ކަމުގެ ޝަކުވާއެވެ. މިހެން ގޮސް ކިތަންމެ ޝަކުވާއެކެވެ.
މިއީ ގައިޑްލައިންތަކާމެދު ރައްޔިތުންގެ ޝަކުވާތަކެވެ. އިހުމާލާއި އިންތިޒާމުތަކުގެ ދެރަވަރުކަން އެއީވެސް އޮތް ޝަކުވާތަކެވެ. ނަމަވެސް މި ދުވަސްވަރު ވައިގައި ހިފާފައި އޮތީ ގައިޑްލައިނާމެދު ކުރެވޭ ޝަކުވާތަކެވެ. ހާއްސަކޮށް މާލެއިން ރަށްރަށައް ދިއުމުގައި ކަރަންޓީންގައި ގިނަ ދުވަސްތަކެއް ހުންނަން ޖެހުމެވެ. ކުރިއަށް އޮތީ ބޮޑު ޗުއްޓީގެ ދުވަސްވަރު ކަމުން ގިނަ ބަޔަކު ތިބީ މާލެއިން ރަށްރަށައް ދާން ވަރަށް ބޮޑަށް ބޭނުންވެފައެވެ. އެނަމަވެސް އެ ކަމަށް ކޮވިޑްގެ ބަލިމަޑުކަމަކީ އޮތް ހުރަހެކެވެ. އެކަން ރައްޔިތުންވެސް ގަބޫލު ކުރެއެވެ. ބަލިމަޑުކަމެއް އޮތް ތަނަކުން ބަލި ނެތް ތާކަށް ދަތުރު ނުކުރެވޭއެވެ. އެއީ ރައްކާތެރިކަމެއްވެސް ނޫނެވެ.
ނަމަވެސް އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެޗްޕީއޭއިން އަމިއްލައަށް ހެދި ގައިޑްލައިނަށް އެ އިދާރާއިން އިހުތިރާމް ނުކުރުމެވެ. އެކި މީހުންނަށް ގައިޑްލައިން ތަފާތުކޮށް ތަންފީޒު ކުރަމުން ގެންދާތީއެވެ. އެކަމުގެ ސަބަބުން ބަލީގެ އަސްލު ސީރިއަސްކަން ގެއްލިގެންވެސް ހިނގައްޖެއެވެ. ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުންވެސް ކުޑަވެއްޖެ އެވެ.
މާލެއިން ރަށްރަށައް ދަތުރުކުރުން މަނާކޮށްފައިވީނަމަވެސް އެޗްޕީއޭގެ ހާއްސަ ހުއްދަ ހޯދައިގެން ރަށްރަށައް ކަރަންޓީންނުވެ ދެވެއެވެ. އެއީ ހާއްސަ މަސައްކަތެއް ކުރުމަށް ނުވަތަ ކޮންމެހެން އެ ރަށަކަށް ބޭނުންވާ ހިދުމަތެއް ފޯރުކޮށްދޭން ދާ މީހުންނަށެވެ. އެއީ ކޮން ބައެއްކަން ނިންމަނީ އެޗްޕީއޭއިންނެވެ.
މިދިޔަ ދުވަސްތަކުގައި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި ސަރުކާރުގެ ބައެއް އިސްވެރިންނަށް ގައިޑްލައިންއިން ލުއި ދީފައިވެއެވެ. ފޮރިން މިނިސްޓަރު ޝާހިދު ކަރަންޓީންގައި ހުންނަވައިގެން އިވެންޓްތަކުގައި ބައިވެރިވާން ދިއުމުގެ ހުއްދަ ދިނެވެ. އެމްޓީސީސީ އާއި ފެނަކަ ފަދަ ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް އެ ކުންފުނިތަކުން އަތޮޅުތެރޭގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް ރަށްރަށައް ދިއުމުގެ ހުއްދަ ދީފައިވެއެވެ.
މިފަދަ ދަތުރުތަކުގައި އެ ރަށްރަށުގެ އެކި ސަރަހައްދުތަކަށް އެ ބޭފުޅުން ވަޑައިގަންނަވައެވެ. ގިނަ އަދަދެއްގެ ރައްޔިތުންނާއި ބައްދަލުކުރެއެވެ. އެކަމަކު ކޮވިޑްގެ ޓްރާސްމިޝަނެއް އޮތް މާލެ ސިޓީން އެހެން ރަށްރަށައް ގޮސް ކަރަންޓީންނުވެ އާންމުންގެ ތެރެއަށް ނިކުމެ އުޅުމުގެ ނުރައްކާ ކޮންމެ ރެއަކު ސިއްހީ ހިދުމަތްތެރިން ވިދާޅުވެ ދެއްވައެވެ. އެއީ ރަށްރަށައް އޮތް ބޮޑު ނުރައްކަލެއްކަން ވިސްނަވައިދެއެވެ. މާލެއިން އެހެން ރަށްރަށައް ކަރަންޓީން ނުވެ ދިއުމުގެ ހުއްދަ ނުދެނީ އެހެން ވެގެން ކަމަށް ވިދާޅުވެއެވެ. ނަމަވެސް އޭގެ އަނެއްކޮޅުން ދެން ކަންކަން ކުރާ ގޮތް ރައްޔިތުންނަށް ފެނެއެވެ.
ތިލަދުންމަތީ އުތުރުބުރީގައި ތަރައްގީކުރި ހޯރަފުށި އެއާޕޯޓް ހުޅުވުން މިއަދު އެބައޮތެވެ. އެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާއާ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ވަޑައިގަންނަވާނެ އެވެ. ކޮވިޑްގެ ޓްރާސްމިޝަން އޮތް މި މާލެ ސިޓީންނެވެ. މިދިޔަ ހޯމަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސުމުގެ ރަސްމިއްޔާތަށް ކުންފުނިތަކުގެ ވެރިންނާއި މަޖިލިސް މެންބަރުން އަދި މާލެއިން ޓީމުތައްވެސް އެ ރަށައް ދިޔައެވެ.
ރައްޔިތުންގެ ސުވާލަކީ މިއީއެވެ. އެ ބޭފުޅުންގެ ގައިން ކޮވިޑް ފެތުރުމުގެ ފުރުސަތު ނެތީ ހެއްޔެވެ. ނޫނީ އެ ރަށަކަށް ބަލި ގޮސް މުޅި ރަށައް ކޮވިޑް ފެތުރުމުގެ ފުރުސަތު ނެތީ ހެއްޔެވެ.
އޭގެ ތަންކޮޅެއް ކުރިއެވެ. ރާއްޖެއާ އިންޑިއާގެ ކޮންޗިން ފެރީ ފެށުމުގެ ގޮތުން ރާއްޖެއަށް އައި ފުރަތަމަ ފެރީ ދަތުރަށްވެސް މާލެއިން އެތަށް ބަޔަކު ކުޅުދުއްފުއްޓަށްދިޔައެވެ. އެފަހަރު މާލެއިން ދިޔަ ފުލުހުންގެ ޓީމުން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެސް ވިއެވެ. އަދި އެ މީހުންނާއެކު ކުޅުދުުއްފުށި، ދިއްދޫ އަދި ށ އަތޮޅުގެ ބައެއް ރަށްރަށުގައި މަސައްކަތް ކުރަމުންދިޔަ ފުލުހުންވެސް ޕޮޒިޓިވްވިއެވެ.
އެ ފަހަރުވެސް ސަރުކާރުގެ އިސްވެރިންނާއި މީޑިއާތައް ކުޅުދުއްފުއްޓަށް ގެންގޮސް ކަރަންޓީންނުވެ ރަށުތެރޭގައި އުޅުނެވެ. އެކަމާއި އެ ރަށުގެ ރައްޔިތުން ކަންބޮޑުވުންވެސް ފާޅުކުރިއެވެ. ނަމަވެސް އެ ދަތުރު އިންތިޒާމްވެގެން އައީ އެޗްޕީއޭއިން ދިން ހާއްސަ ހުއްދައިގެ ދަށުންނެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ރާއްޖެ އާދެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. ފުރަތަމަ ބޯޑަރު ހުޅުވާލީ ނެގެޓިވް ޕީސީއާރު ޓެސްޓެއްވެސް ނުގެނެސް އާދޭ ގޮތަކަށެވެ. އެތަށް ބައެއްގެ ކަންބޮޑުވުންތަކާއެކު ޕީސީއާރު ޓެސްޓެއް ހަދާ ނެގެޓިވް ސެޓިފިކެޓް ހުށައެޅުމުން ނޫނީ އެތެރެ ނުވެވޭ ގޮތަށް ހެދީ ބޯޑަރު ހުޅުވާލިތާ ދުވަސްތަކެއް ފަހުންނެވެ. ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ރާއްޖެ އައިސް ރިސޯޓްތަކުގެ އިތުރުން ގެސްޓް ހައުސް ހިންގާ ރަށްރަށަށް ފަތުރުވެރިންނަށް ދެވެއެވެ.
އާންމުންގެ ސުވާލަކީ މިއީއެވެ. ފަތުރުވެރިންނަށް އޮތް ފުރުސަތު މާލެއިން ރަށްރަށައް ދާން ބޭނުންވާ ދިވެހިންނަށް ނެތީ ކީއްވެ ހެއްޔެވެ. 14 ދުވަހު ކަރަންޓީން އުވާލާ ޕީސީއާރު ޓެސްޓެއް ހެދުމުން ނެގެޓިވްވާ މީހުން ރަށްރަށައް ނުފޮނުވަނީ ކީއްވެ ހެއްޔެވެ. ބައެއް މީހުންގެ ނަޒަރުގައި އެޗްޕީއޭއިން ބިދޭސީންނާއި ދިވެހިން ތަފާތު ކުރެއެވެ. ގައިޑްލައިންގެ ހުރިހާ ދައްޗެއް އޮތީ ދިވެހިންނަށެވެ.
ނަމަވެސް އެޗްޕީއޭއިން އެކަން ދޮގުކުރެއެވެ. އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގަށް އެ ސުވާލު ނޫސްވެރިއަކު އަމާޒުވެސް ކުރިއެވެ. ސުވާލަށް ޖަވާބު ދެއްވުމުގެ ކުރިން ނަޒްލާ ފުރަތަމަ ދިމާކޮށްލެވީ ނޫސްވެރިޔާއާއެވެ. ވިދާޅުވީ "އަޅުގަނޑަށް ވަރަށް ރަނގަޅު އިނގޭތޯ ތި ބޭފުޅުން އަޅުގަނޑުމެން ޕްރެސްގައި ދޭ ޖަވާބުތައް ކަވަރު ކުރައްވާ ކަމުގައިވަންޏާ ބައިވެރިވެވަޑައިނުގެންނެވިޔަސް،" ކަމަށެވެ. ބައެއް މީހުންގެ ނަޒަރުގައި މިއީ ގައިޑްލައިން ތަންފީޒު ކުރުމުގައި އެޗްޕީއޭއިން ގޯސްހަދާފައިވާ މިންވަރަށް ވެވުނު އިއުތިރާފެކެވެ. އެހެން ނޫންނަމަ މި މޭރުމުން އެކަމަނާ ވާހަކަ ނުދެއްކެވީސްއެވެ.
ނަޒްލާ އެ ރޭ އެހެން ވިދާޅުވީ ކުރިން ޕްރެސްއެއްގައިވެސް އެ ސުވާލަށް ޖަވާބު ދެއްވާފައިވާ ކަމަށް ވިދާޅުވެއެވެ. ހަފްތާއަކު ތިން ހަތަރު ރޭ ބާއްވާ ޕްރެސްތަކުގައި ގިނައިން ދައްކަނީ އެއް ވާހަކަތަކެކެވެ. އޭގެ އިތުރުން ފަހުގެ އަޕްޑޭޓްތަކެވެ. ނޫސްވެރިން އެއް ސުވާލެއް ތަކުރާރުކޮށްވެސް ކޮށްފާނެއެވެ. އެއް ވާހަކައެއް ފަށްފަށްކޮށްވެސް ދައްކަން ޖެހިދޭނެއެވެ. އެއީ ގިނަގިނައިން ހަނދާން ކޮށްދޭށެވެ. މި ބަލިން ސަލާމަތްވާން އެއީ ކުރާން ޖެހޭ ކަމެކެވެ. އެހެންވީމަ ދިވެހިންނާއި ބިދޭސީން ތަފާތު ކުރޭތޯ ސުވާލު ކުުރުމުން މިވަރު އަރުވާލަން ހެޔޮ ނުވާނެއެވެ.
ދެން އޮތީ އެ ތުހުމަތަށް އޮތް އަސްލު ޖަވާބެވެ.
"އެއްގޮތަކަށްވެސް ތަފާތު ކުރަނީކީ ނޫން ދިވެހިންނަކާއި ބޭރު މީހުންނަކާއެއް. ޕީސީއާރު ނެގެޓިވް ޓެސްޓެއް ހަދައިގެން އައި ކަމުގައިވިޔަސް ކުރިންވެސް ދެންނެވިހެން ރިސޯޓްތަކުގައި ނުވަތަ ގެސްޓްހައުސްތަކުގައި ޖެހެނީ ވަކި ގައިޑްލައިންތަކަކާއެކުގައި. ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށްވެސް ދަތުރެއް ނުކުރެވޭ ކަރަންޓީން ނުވެއެއް،" ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރަށް މުހިންމެވެ. އެޗްޕީއޭއިން މިހާރު އަޅާފައިވާ ފިޔަވަޅުތައްވެސް ރަނގަޅެވެ. އާންމު ހާލަތަށް ދެވެން އޮތީ އެ ފިޔަވަޅުތައް އަޅައިގެންނެވެ. ކޮވިޑް ބަލިމަޑުކަމަކީ ނުރައްކާތެރި ބަލިމަޑުކަމަށް ވަނީ އެ ބައްޔަށް ހާއްސަ ވަކި ބޭހެއް، ވެކްސިނެއްވެސް ނެތުމުންނެވެ. އަހަރު ދުވަހުގެ މަސައްކަތުންވެސް ދުނިޔެއަށް މި ބައްޔަށް ބޭހެއް ނުހޯދުނެވެ. އެހެންވީމަ މިއީ ފަރުވާ ކުޑަކޮށްލެވޭނެ ބައްްޔެއް ނޫނެވެ. ފެތުރެން ދޫކޮށްލައިގެން ތިބެވޭނެ ބައްޔެއްވެސް ނޫނެވެ.
ނަމަވެސް ފިޔަވަޅުތަކާމެދު ރައްޔިތުން ސުވާލު އުފައްދަނީ ތަންފީޒީ އިދާރާއިން އަމަލު ކުރާ ގޮތުންނެވެ. ކޮންމެ ދުވަހަކު މަޖިލީސް އެއްވަނީއެވެ. ސިޔާސީ ހަރަކާތްތައް ކުރިއަށް ދަނީ އެވެ. ވެރިން އަތޮޅުތަކަށް ދަތުރު ކުރަނީއެވެ. ރައްޔިތުން ރަށު ބަންދުގައެވެ. މިއީ ލޮލަށްވެސް ނުފެންނަ ވައިރަހަކުން ފެތުރޭ ބައްޔަކުން ސަލާމަތްވާން އުޅޭ ބަޔަކު އުޅޭނެ ގޮތެއް ނޫނެވެ. ރައްޔިތުން ބުނަނީ މި ވާހަކައެވެ.
ރާއްޖެއިން ބޭރުން އަންނަހާ ބިދޭސީ މަސައްކަތްތެރިން ކަރަންޓީން ނުވާކަން އެޗްޕީއޭއަށް އެނގޭނެއެވެ. އެ މީހުން ކަރަންޓީންވާ ކަމަށް އޮންނަނީ ހަމައެކަނި ލިޔުމުގައެވެ. އެ މީހުން ކަރަންޓީންވާކަން އެޗްޕީއޭއިން ޔަގީން ނުކުރާކަން ބިދޭސީ މަސައްކަތްތެރިން ގެންނަ މީހުންނަށް އެނގެއެވެ. އެހެންވީމަ 14 ދުވަހު އެ މީހާ ކަރަންޓީންގައި ބަހައްޓަން ޖެހޭ ކަމަށް އެ މީހުން ނުދެކެނީއެވެ.
އިހަކަށް ރޭ ކައިވެންޏެއްގެ އުފުލުގައި މާލޭގައި ދެ މިނެޓަކަށް ހަވާ އެރުވިއެވެ. އެ މަންޒަރު ބަލަންވެސް އެތަށް ސަތޭކަ ބަޔަކު ޖަމާވިއެވެ. އެކަން ހުއްޓުވަންވެސް ބަޔަކު ނޫޅެއެވެ. ކެފޭ/ހޮޓާތައް އެ އޮތީ ފުރިފައެވެ. ހަފްތާ ބަންދަށް ފިނޮޅުތަކަށް ދިއުމާއި މަސް ދަތުރު ދިއުން އޮތީ އިންތިހާއަށެވެ. މިއިން ކަމެއް ނުހުއްޓުވެއެވެ. އެހެންވީމަ ހަމައެކަނި ރަށްރަށައް ދިއުން މަނާކޮށްގެން ގައިޑްލައިން ތަންފީޒު ކުރަނީ ކަމަށް ދެއްކުމަކީ ވަރަށް ބޮޑު ގޯހެކެވެ.
އެއް ބަޔަކަށް އެޗްޕީއޭގެ ގައިޑްލައިނަކީ ޖޯކެކެވެ. އަނެއް ބަޔަކަށް އެއީ ސިޔާސީ ގައިޑްލައިނެކެވެ. ބޭނުމަކީ ވަކި ބައެއްގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމެވެ. ނަމަވެސް ގައިޑްލައިން މުހިންމެވެ. ގައިޑްލައިނެއް އޮންނަންވެސް ޖެހެއެވެ. މި ހުރިހާ ވާހަކަތަކަކަށް އަސްލު ފުރުސަތު ހުޅުވާލީ އެޗްޕީއޭއިންނެވެ. ތަފާތު ތުހުމަތުތަކާއި ވާހަކަތައް ދައްކަން، އެ ވާހަކަ ދައްކާ ބަޔަކަށް ދިން ފުރުސަތަކީ ގައިޑްލައިން ތަންފީޒު ކުރުމުގައި ތިޔަ ގެންގުޅޭ ދެކޮޅު ނުޖެހޭ ސިޔާސަތެވެ.