ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އާ ރިސޯޓުތަކަށް ބޮޑެތި އިންވެސްޓަރުން ކުރިމަތިލާނެ: ޑރ. މައުސޫމް

އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ހުޅުވާލާ އާ ރިސޯޓު ތަކަށް ބޮޑެތި އިންވެސްޓަރުން ކުރިމަތިލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގައި ރޭ ވާހަކަ ދައްވަމުން މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ދުނިޔޭގެ އިގްތިސޯދު 4.4 ޕަސެންޓު ދަށްވި ނަމަވެސް ރާއްޖެއަކީ އިންވެސްޓްމަންޓް އަވަހަށް ރިކަވާވާ ގައުމެއް ކަމަށާ، އެހެންކަމުން އާ ރިސޯޓު ތަކަށް ކުރިމަތިލާނެ ބޮޑެތި އިންވެސްޓަރުން ވާނެ ކަމަށެވެ.

"ރާއްޖެއާމެދު ފެން ބޮވައިގެންފައި ތިބި އިންވެސްޓަރުން މަދެއް ނޫން. ރާއްޖޭން އިންވެސްޓްމަންޓުތަކުގެ ބަދަލު ވަރަށް ފަސޭހައިން ލިބޭ. އިންވެސްޓްމަންޓް ކަވަރު ކޮށްލެވޭ އެބަ ވަރަށް އަވަހަށް. ގިނަ ވެގެން 10 އަހަރު ތެރޭގައި އިންވެސްޓްމަންޓް އެބަ ލިބޭ. އެ އިތުބާރު އޮތީމަ އާ ރަށް ތަކަކަށް އިންވެސްޓަރުން ލިބެނީ،" މައުސޫމް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައި ޓޫރިޒަމަށް އާ ރިސޯޓުތަކެއް ދޫކޮށްގެން 154 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފަ އެވެ.

މި ސަރުކާރުން މިހާތަނަށް ޓޫރިޒަމަށް ދޫކުރަން އިއުލާނު ކޮށްފައިވަނީ އުލިގަން ޓޫރިޒަމް މަޝްރޫއު އެކަންޏެވެ. ނަމަވެސް އެ މަޝްރޫ އަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އަލުން ވަނީ އިއުލާނުކޮށްފަ އެވެ. މީގެ އިތުރުން ހއ. ކެލާގައި ސިޓީ ހޮޓަލެއް އަޅާނެ ބަޔަކު ހޯދަން ވެސް މިދިޔަ ހަފުތާގައި ވަނީ އިއުލާނުކޮށްފަ އެވެ.