ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ނުހެދި ހުރި ރިސޯޓުތައް ހެދޭ ގޮތަށް ގާނޫނަށް ބަދަލެއް ގެންނަނީ

ނުހެދި ހުރި 70 އަށްވުރެ ގިނަ ރަށް ހެދޭނެ އުސޫލެއް ހަމަޖައްސަން، ގާނޫނަށް ބަދަލު ތަކެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގައި ރޭ ވާހަކަ ދައްކަވަމުން، މިނިސްޓަރު މައުސޫމް ވިދާޅުވީ ނުހެދި ރަށްތަކެއް ހުރުމަކީ މި ވަގުތު ވެސް ޓޫރިޒަމް އިންވެސްޓްމަންޓަށް އޮތް ގޮންޖެހުމެއް ކަމަށާ، ނުހެދި ހުރި ރަށްތައް ހަދަން ބާރު އެޅުމުގެ ގޮތުން ގާނޫނަށް ގެންނަ ބަދަލާއެކު ރަށްތައް ދޫކޮށްލަން ވެސް ފުރުސަތު ލިބޭނެ ކަމަށެވެ.

"މި ބަދަލުން އެ ބޭފުޅުންނަށް [ރިސޯޓު ލިބިގެން ތިބި ފަރާތްތަކަށް] ލިބޭނެ ފުރުސަތެއް ކުރި އަށް ދާން. މި ރަށްތަކަށް ބޮޑެތި ޖޫރިމަނާތަކެއް އަރަމުން އެބަދޭ. ކޮންމެ ދުވަހަކު 0.5 ޕަސެންޓުގެ ޖޫރިމަނާ އަރާ. އަހަރު ނިމޭއިރު 180 ޕަސެންޓު ޖޫރިމަނާގެ ގޮތުގައި އަރާ. އެހެންވީމަ އެ ކަމަށް ވެސް އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް ހައްލު ލިބިގެން ދާނެ. އެ ޖޫރިމަނާ އަށް ކޮންމެ ވެސް ގޮތެއް ވާނެ،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ރަށްތައް ދެވިފައި ހުރީ ރައްޔިތުންނާ ގާތުން ރިސޯޓު ތަރައްގީ ކުރުމަށް ކަމަށާ، ނަމަވެސް އެ ރަށްތައް ނުނިމޭތީ ގެއްލުން ވަމުންދާ ކަމަށެވެ.

"އެ ރިސޯޓުތައް ނުހެދީމަ ބ. އަތޮޅުގެ ރިސޯޓު ތަކަށް ހއ. އިން މީހުން ވަޒީފާ އަދާ ކުރަން ދާން ޖެހެނީ. ހދ. ގައި ވަރަށް އަވަހަށް ރިސޯޓު ހަދަން ޖެހޭ. އެއާޕޯޓުތައް ފީޒިބަލް ކުރަން ވެސް ރިސޯޓުތައް ހަދަން ޖެހޭ،" މައުސޫމް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ނިމުނުއިރު، ޓޫރިޒަމްގެ 400 މަޝްރޫއެއް ކުރިއަށް ދިޔަ އެވެ. މީގެތެރޭގައި މާލެ އަތޮޅުން 30 ފަޅެއް ދޫކޮށްފައިވެ އެވެ. އެ ވެރިކަމުގައި 50 އަށްވުރެ ގިނަ ރިސޯޓު ހުޅުވި އެވެ.