ހަބަރު

މިއަދު މެންދުރު ބަޖެޓު ބަހުސްގެ ފުރުސަތު ބަންދުކުރަނީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ބައިވެރިވުމުގެ ފުރުސަތު މިއަދު މެންދުރު 1:30 ގައި ބަންދު ކުރަން ނިންމައިފި އެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސް މިދިއަ ހޯމަ ދުވަހުން ފެށިގެން ކުރިއަށްދާއިރު، މިއަދުގެ ޖަލްސާ ފައްޓަވަމުން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިއަދު މެންދުރު 1:30 ގައި ބަހުސްގައި ބައިވެރިވުމުގެ ފުރުސަތު ބަންދު ކުރައްވާނެ ކަމަށެވެ.

އެ ވަގުތާ ހަމައަށް ފުރުސަތަށް އެދިފައިވާ ހުރިހާ މެންބަރުންނަށް މިއަދުގެ ޖަލްސާ ނިންމާނުލައި، ފުރުސަތު އަރުވަމުން ގެންދަވާނެ ކަމަށް ނަޝީދު އިއުލާނުކުރެއްވި އެވެ.

"އެއީ މިރޭ މެންދަމާ ހަމައަށް ވިޔަސްވެސް، އަޅުގަނޑުމެން މި މަސައްކަތް ކުރިއަށް ގެންދާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ އާއްމު ކޮމިޓީން ބަޖެޓުގެ ބަހުސަށް ކޮންމެ މެންބަރަކަށް 15 މިނެއްޓުގެ އެއް ފުރުސަތު ކަނޑައަޅާފައިވާއިރު، ހޯމަ ދުވަހުން ފެށިގެން ކުރިއަށްދާ ބަހުސްގައި، މިއަދުގެ ޖަލްސާ ހަމައަށް 33 މެންބަރަކު ވަނީ ވާހަކަ ދައްކަވައިފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.

ބަހުސްގައި މިހާތަނަށް ވާހަކަ ދެއްކެވި މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮންނަ އެމްޑީޕީ މެންބަރުން ވަނީ ދަރަނި ނަގައިގެން ޑެފިސިޓް އިތުރުވި ނަމަވެސް، އެއީ މިފަދަ ދަނޑިވަޅެއްގައި ކޮންމެހެން ކުރަންޖެހޭ ހަރަދުތަކެއް ކަމާއި، އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް މަޝްރޫއުތައް ހިންގަންޖެހޭކަން ފާހަގަކުރައްވައި، ސަރުކާރަށް ތައުރީފު ކުރައްވައިފަ އެވެ.

އަދި މިފަދަ ދަތި އުނދަގޫ ހާލަތެއްގައި ރައްޔިތުންގެ އުއްމީދުތަކާ އެއް ގޮތަށް ހުރިހާ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެ، އެމްޑީޕީ މެންބަރުން ވަނީ ނުސީދާކޮށް އެ ބޭފުޅުން ނިސްބަތްވާ ދާއިރާތަކަށް ކެތްތެރިވުމަށްވެސް އިލްތިމާސް ކުރައްވައިފަ އެވެ.

ބަޖެޓުގައި ހިމަނާފައިވާ އަދަދުތައް ދިމާނުވާ ކަމަށް ބުނެ، އިދިކޮޅަށް ނިސްބަތްވާ މެންބަރުން ބަޖެޓަށް ފާޑުކިއުންތައް އަމާޒުކޮށްފައިވާއިރު، ބަޖެޓު ފާސްކުރަން ވޯޓު ނުދޭނެކަމަށް އިދިކޮޅުގެ ބައެއް މެންބަރުން ވަނީ ސީދާ ވިދާޅުވެފައި އެވެ.

ރިޔާސަތުގައި އިންނަވައިގެން، ބަހުސްގެ ތެރެއިން އެކި ފަހަރު މަތިން ނަޝީދު ވަނީ ސަރުކާރަށް ހުށަހަޅަންޖެހިފައިވަނީ "ޅޮސް ލަކުޑި" ބަޖެޓެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

ނަމަވެސް، އެކަން އެ ގޮތަށް މެދުވެރިވެފައިވަނީ، ކުރީގެ ސަރުކާރުން، ހާއްސަކޮށް ޗައިނާ އިން ނަގާފައިވާ ލޯނުތައް އަންނަ އަހަރު ދައްކަން ޖެހިފައިވާތީ ވިދާޅުވެ، އެމަނިކުފާނު ވަނީ ބަޖެޓުގައި ހުރި އަދަދުތައް ދިފާއުވެސް ކުރައްވައިފަ އެވެ.

ބަޖެޓު ކޮމިޓީގެ ރިޕޯޓު އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ ތަޅުމަށް ފޮނުވޭއިރު، އޭގެ ދެ ދުވަސް ފަހުން ކޮމިޓީގެ ރިޕޯޓަށް އިސްލާހު ހުށަހެޅުން ބަންދުކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ.

އޭގެ ފަހުން، ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނެއްޓުގެ އެއް ފުރުސަތު ދޭން ވަނީ ކަނޑައަޅައިފަ އެވެ.

ނަމަވެސް، އެ މަރުހަލާގައި ގިނަ މެންބަރުން ވާހަކަ ދައްކާނެކަމަށް ނުބެލެވޭއިރު، ކުރިން އަމާޒު ހިފާފައިވާ މިމަހުގެ 26 ވަނަ ދުވަހުގެ މާ ކުރިން، ވޯޓަށް އަހައި، ބަޖެޓު ފާސްކުރާކަމަށް ބެލެވެ އެވެ.