ހަބަރު

ވޯޓުލެވޭނަމަ، މި ބަޖެޓަށް ވޯޓެއް ނުދޭނަން: ނަޝީދު

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ޑެފިސިޓް އަދަދުތަކާ އެކީގައި، މަޖިލީހުގައި ރިޔާސަތުގައި ނީންނަވާނަމަ، މި ބަޖެޓަށް ވޯޓު ނުދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.

ބަޖެޓުގެ ބަހުސް މިދިއަ ހޯމަ ދުވަހުން ފެށިގެން ކުރިއަށްދާއިރު، މިއަދުގެ ބަހުސްގެ ތެރެއިން ނަޝީދު ވިދާޅުވީ 2021 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން މޫޑިސް އިންވެސްޓާ ސާވިސަސް އިން ކަރުދާހެއް އެކުލަވާލާފައިވާ ކަމަށެވެ.

އެ ކަރުދާހުގައި މި އަހަރު ބަޖެޓުގެ ޑެފިސިޓް ހުންނާނެ އެންމެ މަތީ އަދަދުކަމަށް 13.4 ކަނޑައަޅާފައިވާއިރު، ސަރުކާރުން އަންނަ އަހަރުގެ ބަޖެޓުގައި އެ އަދަދު 23.4 ޕަސަންޓް ކަމުގައި ބަޔާންކޮށްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިގޮތުން، ބަޖެޓުގައި ހިމެނިފައިވާ އެ އަދަދާ އެއްގޮތަށް މަޖިލީހުން ބަޖެޓު ފާސްކޮށްފިނަމަ، މޫޑީސްއިން ރާއްޖެއަށް ދޭ ދަރަނީގެ ރޭޓިންއަށް ބަދަލު އަންނާނެކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަތުގައި ބަޖެޓަށް ވޯޓު ދޭނެ ވޯޓެއްނެތް. އަޅުގަނޑު ރިޔާސަތުގެ މި ގޮނޑީގައި އިންނާތީ. އެހެން ނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާނީ، އަޅުގަނޑު މައްޗަންގޯޅި މެދު ގޮނޑީގައި އިންނަމަ މި ޑެފިސިޓާއެކީގައި އަޅުގަނޑަށް ވޯޓު ދެވޭނެ ބަޖެޓެއް ނޫނޭ،" މީގެ ކުރިން ވެސް މި ބަޖެޓަކީ "ޅޮސް ލަކުޑި" ބަޖެޓެއްގެ ގޮތުގައި އެކި ފަހަރުމަތިން ސިފަކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް އެކީގައި ހުއްޓިގެން ދިއުމާއެކު މޫޑީސް އިން ވަނީ މިދިއަ މެއި މަހު ރާއްޖޭގެ ރޭޓިން ބީ2 އިން ބީ3 އަށް ދައްކޮށްފައި އެވެ.

އަދި ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ، ހޮންކޮންގްގެ ފިޗް ރޭޓިން އޭޖެންސީން ވަނީ މި މަހުގެ ކުރީ ކޮޅު ރާއްޖޭގެ ރޭޓިން ސީސީސީ އަށް ދަށްކޮށްފައި އެވެ.

ރާއްޖޭގެ ރޭޓިންއަށް ބަދަލު ގެނެސް ފިޗުން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން މާލީ އެހީ ހޯދުމުގައި ކާމިޔާބު ތަކެއް ހޯދާފައިވީ ނަމަވެސް ޑޮލަރު ލިބުމުގައި ރާއްޖެއަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ނަމަވެސް ފިޗުގެ ނިންމުން ގަބޫލުނުކުރެވޭކަމަށް ސަރުކާރުން ވަނީ ބުނެފައި އެވެ.

އަންނަ އަހަރު 15 ބިލިއަނަށް ވުރެ ބޮޑު ޑެފިސިޓެއް ފޫ ބައްދަން ރާވާފައިވަނީ ރާއްޖެއިން ބޭރުންނެވެ.

މިގޮތުން، އަންނަ އަހަރު ކުރިން އެއްބަސްވެފައިވާ 300 މިލިއަން އެމެރިކާ ޑޮލަރުގެ އިސްލާމިކް ސުކޫކާއެކު 100 މިލިއަން ޑޮލަރުގެ ގްރީން ބޮންޑެއް ވިއްކުމަށް މަސައްކަތް ކުރެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައި އެވެ.

އަދި ދޭދޭ ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށް 150 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ބަޖެޓުގައި ވަނީ ރާވައިފަ އެވެ. މީގެ އިތުރުން ރާއްޖޭގެ އެތޭރޭގެ މާކެޓަށް ޓްރެޒަރީ ބިލާއި ބޮންޑު ވިއްކައިގެން ނެޓް ފައިނޭންސިން ގޮތުގައި 3.7 ބިލިއަން ރުފިޔާގެ ފައިސާ އިތުރަށް ހޯދަން ހިމަނާފައި ވެއެވެ.

ނަމަވެސް، ދަރަނި އިތުރުވެ، ރާއްޖޭގެ ކްރެޑިޓް ރޭޓިން މިފަހުން ދަށްކޮށްފައިވާއިރު، ދަރަނި ނަގަން ރާއްޖޭން ކުރަންޖެހޭ ހަރަދު އިތުރުވާނެކަމަށް ބުނެ މަރުކަޒީ ބޭންކުގެ އިތުރުން އޮޑިޓް އޮފީހުން ބަޖެޓާ ގުޅޭގޮތުން ދީފައިވާ ލަފާގައިވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފައި އެވެ.