ބޮޑު ކަންނެލި ކިރުމުގައި ދަތި ތަކެއް ކުރިމަތިވެ، މަސްވެރިން ކަންބޮޑުވެއްޖެ އެވެ.
ހުޅުމާލޭ ކަންނެލި ޖެޓީގައި މިހާރުވެސް 32 ދޯންޏަށްވުރެ ގިނަ ދޯނި ކިޔޫގައި އޮތް އިރު މަސްވެރިން ބުނީ މަސްކިރޭނެ ކަމަށް ބުނެ ކިޔޫގައި ތިބޭތާ މިއަދަށް ހަތަރު ދުވަސްވެފައިވާ ކަމަށެވެ.
އަވަސް އާ ވާހަކަ ދެއްކި މަސްވެރިޔަކު ބުނިގޮތުގައި ކަންނެލި ބާނައިގެން އައިސް ކިރޭނެ ކަމުގެ އުއްމީދުގައި ތިބޭތާ މިއަދަށް ހަތަރު ދުވަސް ވެފައިވާ ކަމަށާ ކިޔޫގެ ކުރީގައި ތިބި ދޯނިތައް މިހާރު އެ އަށްވުރެ ގިނަ ދުވަސް ވެސް ވެދާނެ ކަމަށެވެ.
"ހަގީގަތުގަ މިގޮތަށް ވީމަ އަޅުގަނޑުމެންނަށް މަހުގެ ހަމަ އަގު ލިބުމުގެ ބޮޑެތި ދަތިތައް އެބަހުރި. ކިޔޫގައި އެތަށް ދުވަހަކު ތިބެން ޖެހުނީމަ އައިސް އަޅަ އަޅާ ތިބެން. ދެން ކޮން ކޮލިޓިއެއް ތޯ ހުންނާނީ. އަޅުގަނޑުމެން ވެސް ވަރަށް ބުރަ މަސައްކަތުން ބާނާ ކަންނެލި ކޮޅަށް ހަމަ އަގު ނުލިބޭ ތާ ކިރަން ވެސް އެހާ ދަތި." އޭނާ ބުންޏެވެ.
އެހެން، މަސްވެރިޔަކު ބުނީ ކުންފުނިތަކުން މަސް ބޭރުކުރުމަށް ދަތިތަކެއް ހުންނަ ވާހަކަ ބުނަމުންދާ ކަމަށެވެ. އެކަމަކު މަސްވެރިން ކިޔޫގައި ނުތިބެ ފަސޭހަ ކަމާއެކު މަސްކިރޭނެ އިންތިޒާމެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ މަސްވެރިން ފެންނަނީ ކޮންމެ ފަހަރަކު ވެސް ވޯޓަކާ ގާތްކޮށްފައި ކަމަށެވެ. އަދި ބުރަ މަސައްކަތުން މަސްވެރިން ބާނާ ކަންނެއްޔަށް ހަމަ އަގު ނުލިބޭތާ މަސް ކިރުމަށް ވެސް ތިން ހަތަރު ދުވަހު ކިޔޫގައި ތިބެން ޖެހޭ ކަމަށެވެ. މިހެން ވުމުގެ ސަބަބުން ބާނާ މަސްކޮޅުގެ ކޮލިޓީ ދަށްވެ އަގު ވެއްޓިގެންދާ ކަމަށެވެ. މީގެ އިތުރުން އެ ޔޫނިއަނުން ބުނީ މިއީ މަސްވެރިންނަށް ހައްގު މިންވަރު ނޫން ކަމަށާ ސަރުކާރުން މަސްވެރިންނަށް ވަމުންދާ އިހުމާލު ބަލައި ނުގަނެވޭނެ ކަމަށެވެ.
ބޮޑު ކަންނެލި ގަންނަ ބައެއް ކުންފުނިތަކުން ބުނަމުންދަނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ޔޫރަޕްގެ މާކެޓަށް ކަންނެލި ބޭރުކުރުމުގައި ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން ބޯޑަރު ހުޅުވުމާއެކު ކަންނެއްޔަށް ލިބިފައިވާ އޯޑަރުތައް ކޮވިޑުގެ ދެވަނަ ރާޅާއެކު ކެންސަލް ވެފައިވާ ކަމަށެވެ.
އެންމެ ގިނައިން ކަންނެލި ގަންނަ އިޓަލީ އަދި ފްރާންސްގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ހުރިހާ އޯޑަރު ތަކެއް ކެންސަލް ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން މަސްވެރިންގެ އަތުލް ކަންނެލި ގަތުމަށް ދަތިތަކެއް ހުރި ކަމަށާއި އެކަމަކު ޖާގަ އޮތް މިންވަރަކުން ގަންނަމުންދާ ކަމަށެވެ.
ބޮޑުކަންނެލި މަސްވެރިންނަށް މަސްކިރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު އުތުރުގެ މަސްވެރިންނަށް ވެސް މަސްކިރުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެފަ އެވެ.