ހަބަރު

ރައީސް ޔާމީންގެ އިގްތިސޯދީ ވައުދުތައް ދަނީ ފުރިހަމަ ވަމުން: އަދީބު

  • ޗައިނާއާ ރާއްޖެއިން ފްރީ ޓްރޭޑް އެގްރީމެންޓެއްގައި ގާއިމު ކުރާނެ
  • އިގްތިސޯދީ ކުރިއެރުންތައް ދަނީ ލިބެމުން
  • އިތުރު އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިވޭ

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިގްތިސޯދީ ވައުދުތައް މިހާރު ފުރިހަމަ ވަމުން އަންނަ ކަމަށް ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ވެރިރަށް ބީޖިންގައި މިއަދު މެންދުރު ފެށި ރާއްޖޭގެ ދެވަނަ އިންވެސްޓްމެންޓް ފޯރަމް ހުޅުވައި ދެއްވަމުން ނައިބު ރައީސް އަދީބު ވިދާޅުވީ ރާއްޖެއަށް އިތުރު އިންވެސްޓަރުން ޝައުގުވެރިވެފައިވާ ކަމަށާއި އެފަދަ ފަރާތްތައް ގެނެސް ރާއްޖޭގައި ސަރުކާރުން ހިންގަން ރާވާފައިވާ ބޮޑެތި މަޝްރޫއުތައް ފެށިގެން ދިއުމުން އިގްތިސޯދީ ގޮތުން ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.

ރައީސް ޔާމީންގެ އިގްތިސޯދީ ސިޔާސަތުތަކަށް ތައުރީފު ކުރައްވާ އަދީބު ވިދާޅުވީ އަންނަ މަހު މަސައްކަތް ފަށާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަކީ އިގްތިސޯދީ ވައުދުތައް ފުރިހަމަ ވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށާއި ޗައިނާ އާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓްއެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

"މިއަހަރު ނިމުމުގެ ކުރިން މި އެއްބަސްވުމުގެ ފުރަތަމަ މަޝްވަރާތައް ބޭއްވިގެން ދާނެ އަދި އެއްބަސްވުމާއެކު ވިޔަފާރީގައި ރާއްޖެއަށް ފަހި ދޮރެއް ހުޅުވިގެންދާނެ މިއީ ރާއްޖޭގެ އިގްތިސޯދަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަންކަން،" އަދީބު ވިދާޅުވި އެވެ.

ބީޖިން ހޮޓެލް އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި އިންވެސްޓްމެންޓް ފޯރަމް މެންދުރު ފެށި އިރު މިއަދު ހެނދުު ވަނީ އެގްޒެބިޝަންގެ ބައި ފަށައި ރާއްޖޭގައި ހުރި ޕްރޮޖެޓްތަކާއިބެހޭ މައުލޫމާތު ދިނުމުގެ ޕްރެޒެންޓޭޝަނެއް ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ހުށަހަޅައިދީފަ އެވެ.

އެ ޕްރެޒެންޓޭޝަންތަކުގައި ހުޅުމާލޭ ޔޫތް ސިޓީ އާއި މެރިން ޓްރާންސްޕޯޓް ތަރައްގީ ކުރުމާއި ރިނިއުބަލް އެނާޖީ އާއި ރިޔަލްއެސްޓޭޓާއި ބޭންކިން އާއި ފައިނޭންސިން ފަދަ ދާއިރާތަކުގެ މައުލޫމާތު ހިމެނެ އެވެ.

އިންވެސްޓްމެންޓް ފޯރަމްފައި "ޑްއިން ބިޒްނަސް" ގެނަމުގައި ރާއްޖެއިން ލިބެން ހުރި ވިޔަފާރީގެ ފުރުޞަތުތަކާ ގުޅޭ ގައިޑެއް ވެސް ނެރުނެވެ. މި ގައިޑު ނެރެއްދެވީ އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މިފަހަރުގެ އިންވެސްޓްމެންޓް ފޯރަމްފައި 600 އަށްވުރެ ގިނައިން ގައުމު ތަކުގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިން ބައިވެރިވި އިރު ރާއްޖޭގެ 150 ކުންފުންޏެއް ބައިވެރިވި އެވެ.