އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރަމުންދާއިރު، މިރޭ ދަންވަރާ ހަމަ އަށް މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން މަޖިލީހުން ފާސްކޮށްފި އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސް މިދިއަ ހޯމަ ދުވަހުން ފެށިގެން ކުރިއަށްދާއިރު މިއަދުގެ މެންދުރު 1:30 އާ ހަމައަށް ފުރުސަތަށް އެދިވަޑައިގެންފައިވާ މެންބަރުން ވާހަކަ ދައްކަވައި ނިމެންދެން ޖަލްސާ ކުރިއަށް ގެންދަން ފާސްކޮށްފައިވާ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 30 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ އާއްމު ކޮމިޓީން ބަޖެޓުގެ ބަހުސަށް ކޮންމެ މެންބަރަކަށް 15 މިނެއްޓުގެ އެއް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު، މިރޭ ގާތްގަނޑަކަށް 11:00 އާ ހަމައަށް ޖަލްސާ ދިގުމެންގިދާނެކަމަށް ލަފާކުރެއްވޭ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.
ބަޖެޓު ކޮމިޓީގެ ރިޕޯޓު އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ ތަޅުމަށް ފޮނުވޭނެކަމަށް މީގެ ކުރިން ނަޝީދު ވިދާޅުވެފައިވީ ނަމަވެސް، ބަހުސްގައި މެންބަރުން ފާޅުކުރެއްވި ހިޔާލުތަކަށް ކޮމިޓީން ރިއާއަތް ކުރަންޖެހޭތީ ކޮމިޓީގެ މަސައްކަތް އެއަށްވުރެ ލަސްވެގެންދާނެކަމަށް މިއަދުގެ ޖަލްސާގެ ތެރެއިން އެމަނިކުފާނު ވަނީ ވިދާޅުވެފައި އެވެ.
އޭގެ ފަހުން، ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނެއްޓުގެ އެއް ފުރުސަތު ދޭން ވަނީ ކަނޑައަޅައިފަ އެވެ.
އެ މަރުހަލާއަށްފަހު، މި މަހުގެ 26 ވަނަ ދުވަހު ބަޖެޓު ވޯޓަށް އަހަން މަޖިލީހުން ވަނީ އަމާޒުހިފައިފަ އެވެ.