ތިލަމާލެ ބްރިޖްގެ ނަމުގައި މަޝްރޫއެއް ފެށުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ޖީބަށް ލާނެ ފައިސާ ކޮޅެއް ހޯދުމަށް ކަމަށް ވިދާޅުވެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މާލެ، ވިލިނގިލި އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖަށް، އިންޑިއާ އިން 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނެއް ވަނީ ނަގާފައެވެ. އެ މަސައްކަތް 2021 ގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިގްތިސާދީ ގޮތުން ދަތި މި ވަގުތު އެފަދަ މަޝްރޫއެއް ނުފެށުމަށް އިގްތިސާދީ ތަޖުރިބާކާރުން ގެންދަވަނީ ލަފާ ދެއްވަމުންނެވެ.
މިރޭ ޗެނަލް13 އިން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ދައުލަތުގެ ދަރަނި ބޮޑުވެ ސަރުކާރު ނުހިންގިގެން އުޅޭއިރު ބްރިޖެއް އެޅުމުގެ މަސައްކަތް ފަށަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ލަތީފް ވިދާޅުވީ ތިލަމާލެ ބްރިޖަކީ ރައްޔިތުންގެ މަންފާއަށްޓަކައި ސަރުކާރުން ކުރަން ރާވާ ކަމެއް ނޫން ކަމަށެވެ. އޭގެ ފަހަތުގައި ފޮރުވިފައި ވަނީ ސަރުކާރުގެ ވެރިންގެ ޖީބަށް ފައިސާ ކޮޅެއް ލުން ކަމަށް ލަތީފް ވިދާޅުވިއެވެ.
"އިއްޔެ މެންދުރު ބްރިޖެއް އަޅާ މި ނިމުނީ. އަނެއްކާ ބްރިޖެއް އަޅަން މި އުޅެނީ. ނަމަވެސް ހަގީގަތުގައި މި އުޅެނީ ބްރިޖެއް އަޅާކަށް ނޫން. މި އުޅެނީ ޖީބަށް ލާނެ ފައިސާ ކޮޅެއް ލިބޭތޯ،"
ލަތީފް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ދެ އަހަރު ނިމިގެންދިޔައިރު ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރާ ނުބައްދަލު ދަރަނި އުފައްދައިފި ކަމަށެވެ. ދިވެހިރާއްޖޭގެ ދަރަނީގެ ތިލަފަތް މިހާރު އޮތީ އިންޑިއާ ކޮޅަށް ބަދަލުވެ އެ ގައުމަށް ބޮޑުތަނުން ދަރާފައި ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.
އިއްޔެ މެންދުރު ބްރިޖެއް އަޅާ މި ނިމުނީ. އަނެއްކާ ބްރިޖެއް އަޅަން މި އުޅެނީ. ނަމަވެސް ހަގީގަތުގައި މި އުޅެނީ ބްރިޖެއް އަޅާކަށް ނޫން. މި އުޅެނީ ޖީބަށް ލާނެ ފައިސާ ކޮޅެއް ލިބޭތޯއަބްދުއްލަތީފް މުހައްމަދު | ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު
ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ބޭރުން ނެގި ލޯނުތަކުން ކުރި ކަންކަން ހުރީ ފެންނަން ކަމަށެވެ. އަދި ލޯނު ނަގައިގެން ކޮށްފައިވަނީ އެ ވަގުތަށް ކޮންމެހެން ކުރަންޖެހޭ އަދި ރައްޔިތުންގެ ލާބައާ މަންފާ އޮތް ކަންކަން ކަމަށެވެ. ސިނަމާލެ ބްރިޖާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވާލި ހައިވޭއަކީ އެތަށް ހާސް ރައްޔިތުންނާއި ގުޅުންހުރި އެ ރައްޔިތުންގެ ދިރިއުޅުމަށް ސީދާ ގޮތުން ފަސޭހަ ލިބިގެންދިޔަ ކަމެއް ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ފޭސް ދެއަކާއި އެއާޕޯޓް ތަރައްގީގެ މަަސައްްކަތަކީ ރާއްޖޭގެ ތަރައްގީއާ ކުރިއެރުމާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަން ކަމަށް ވިދާޅުވިއެވެ.
"ބްރިޖު އަޅާ ހިސާބަށް ދިޔައީމަ ބްރިޖްވެސް އަޅަންވީ. އޭގެ ކުރިން ދަނޑުވެރިންގެ އެތިކޮޅު ގަނެދީ. މަސްވެރިން ބާނާ މަހަށް ހަމަ އަގުދީ. ޓީޗަރުންނާއި ސިއްހީ އެހީތެރިންނަށް ހައްގު މުސާރަދީ. އޭގެ ފަހުން އެކަން ކުރަން ވާނީ،" ރައީސް ޔާމީންގެ ދިފާއުގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ސިނަމާލެ ބްރިޖުން ރައްޔިތުންނަށް ވާ ފައިދާ ފެންނަން އެބައޮތް ކަމަށެވެ. އަދި އެއީ މާލެ އާއި ހުޅުމާލޭގައި ވިޔަފާރި ކުރާ ވިޔަފާރި ވެރިންނަށްވެސް އެތަށް ގޮތަކުން ފައިދާ ލިބެމުންދާ ތަނެއް ކަމަށެވެ.
ނަމަވެސް ރާއްޖެ މިހާލަތުގައި އޮއްވާ ތިލަފުއްޓާއި ގުޅިފަޅުގައި ބްރިޖް އަޅަނީ ކީއްކުރަންތޯ ލަތީފް ވަނީ ސުވާލު ކުރައްވާފައެވެ.
އުޅުނީ ދަރުމަވަންތަ ހޮސްޕިޓަލް ވިއްކާލަން؟
މިރޭގެ ޕްރަގްރާމްގައި ވާހަކަ ދައްކަވަމުން ލަތީފް ވަނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި އާމްދަނީ ހޯދަން ބޭރަށް ވިއްކަން ހިމަނާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކަށް ރާއްޖޭގެ އެންމެ އުސް އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތް ރަހުނު ކުރަން ނިންމާފައިވާތީ އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ލަތީފް ވިދާޅުވީ އެމްޑީޕީން އިދިކޮޅުގައި އޮތް އިރު ދަރުމަވަންތަ ހޮސްޕިޓަލަކީ "ހޮހޮޅަ"އެއް ކަމަށް ބުނި ކަަމަށެވެ. އަދި އެއީ އެންމެ 40 މިލިއަން ޑޮލަރަށް އެޅޭނެ ތަނެއް ކަމަށް ބުނި ކަމަށެވެ. ނަމަވެސް މިއަދު ވެރިކަމަށް އައިސް ތަންތަން ވިއްކަން ފެށިއިރު ދަރުމަވަންތަ ހޮސްޕިޓަލަކީ 600 މިލިއަން ޑޮރަށްވުރެ އަގުހުރި އިމާރާތެއް ކަން އެނގިއްޖެ ކަމަށެވެ.
"މިއީ 40 މިލިއަނަށް އެޅޭނެ ތަނެކޭ ބުނި މީހުން މިއީ. މިއަދު ދަރުމަވަންތަ ހޮސްޕިޓަލް ނީލަމަށް ލައިގެން އެ އުޅެނީ. ދޮލަގަށް ލައިގެން ވިއްކަން ނިކުމެ އެ އުޅެނީ،"
ލަތީފް ވިދާޅުވީ ސަރުކާރުން ދިމާ ކޮށްފައިވަނީ ދަރުމަވަންތަ ވިއްކާލަން ކަމަށެވެ. 300 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށްފަހު އެ ފައިސާ ނުދައްކާ މި ސަރުކާރުން ރާވާފައި އޮތީ އެ ތަން ދޫކޮށްލަން ކަމަށް ވިދާޅުވިއެވެ. ލަތީފް ވިދާޅުވީ ލޯން ނެގުމަށް ރަހުނު ކުރާނެ ތަންތަން ހުންނާނެ ކަމަށާ ނަމަވެސް ރައްޔިތުންގެ ހޮސްޕިޓަލެއް ރަހުނުކޮށް ވިއްކާނެ ބަޔަކު މި ނޫނީ ދުނިޔޭގައި ނުތިބޭނެ ކަމަށެވެ.
"ލޮލާ، ސިކުޑިއާ، ނޭފަތާ މި އުޅެނީ ވިއްްކަން. މިއީ މީހުން ވިއްކާ އުޅޭ އެއްޗެހިތޯ. މި މީހުންނާ ޖެހިއްޖެއްޔާ ކޮންމެ އެއްޗެއްވެސް ވިއްކާނެ އެނގޭތޯ،" ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ލަތީފް ވިދާޅުވިއެވެ.