ލައިފްސްޓައިލް

ޗޮކްލެޓް ތިޔަ ކަނީ ކާންވާ ގޮތަކަށް ނޫން: ތަޖުރިބާކާރުން

ޗޮކްލެޓާ ބެހޭ ތަޖުރިބާކާރަކު ހާމަކުރި ގޮތުގައި ދުނިޔޭގެ ގިނަ ބަޔަކަށް އެންމެ މީރު ކާއެއްޗަކަށް ޗޮކްލެޓް ވިޔަސް އެ ކާންވާ ގޮތަށް ކާކަށް އެކަކަށް ވެސް މިހާތަނަށް ނޭނގެ އެވެ.

ޗޮކްލެޓް އެކްޓެސީ ޓުއާސްގެ ފައުންޑާ، އިނގިރޭސި ވިލާތުގެ ޖެނިފާ އާލޭ ޔޫކޭގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ބުނީ ޗޮކްލެޓަކީ އަސްލު ކާ އެއްޗެއް ނޫން ކަމަށާއި ޗޮކްލެޓް ރަހައިގެ ހުރި މީރުކަން އޭގެ އެންމެ ފުރިހަމަ އަށް އިހްސާސް ވަނީ ޗޮކްލެޓް ބުއީމަ ކަމަށެވެ.

އެންމެ ރަހަ މީރު ޗޮކްލެޓްގެ ރަހަތައް ތަޖުރިބާކޮށްލަން ބޭނުންނަމަ ޗޮކްލެޓް ކެއުމުގެ 20 މިނިޓް ވަރު ކުރިންސުރެ އެއްވެސް އެއްޗެއް ނުކައި ނުބޮއި ހުރުމާއި ޗޮކްލެޓް ކާ ގަޑީގައި ސެންޓާއި ހޭންޑް ކްރީމް ފަދަ ތަކެތި ބޭނުން ނުކުރުމަށް ވެސް އޭނާ އެދިފައިވެ އެވެ.

"އެންމެ މުހިންމު އެއް ކަމަކީ ޗޮކްލެޓް ކާއިރު ވަރަށް ރަނގަޅަށް އެއަށް ސަމާލުކަން ދީގެން ލަސް ލަހުން އެ ކައުން،" ޖެނިފާ ބުންޏެވެ. ޗޮކްލެޓާ ބެހޭ ތަޖުރިބާކާރު ބުނީ އެންމެ ފުރިހަމަ ޗޮކްލެޓެއްގެ ހުންނާނެ އެއް ސިފައަކީ ޗޮކްލެޓްގައި ދަތް އެޅުމުން މުގު ރައިގެންދާ އަޑު އިވުމެވެ.

"ނަމަވެސް ޗޮކްލެޓް ހެފުމުގެ ބަދަލުގައި ކާން ފަށާއިރު އާއި މެދުތެރޭން އަދި ނިމޭއިރު ލޮލީއެއް ހެން ބުއިމަ އެންމެ ތަފާތު ރަހައެއް އިހްސާސް ވާނީ،" ޖެނިފާގެ ޗޮކްލެޓް ތަޖުރިބާ ހިއްސާ ކުރަމުން އޭނާ ބުންޏެވެ.

"މަޑުމަޑުން ޗޮކްލެޓްކޮޅެއް ހަފާލާފައި ދެން ބޯލާނީ. ހަރު މެޓައެއް ކާ ގޮތަށް،" އޭނާ ބުންޏެވެ.

ޑިނާ ޕާޓީއެއް ކެއުމެއްގައި ޗޮކްލެޓް ބަހައްޓާނަމަ އޭގެން ތައްޔާރުކުރެވިދާނެ ތަފާތު ކާ އެއްޗެހި ވެސް ޖެނިފާ ކިޔައިދިނެވެ. އޭގެ ތެރޭގައި ޗޮކްލެޓް އަޅައިގެން ކްރެޕް ތައްޔާރުކުރާނެ ގޮތާއި ޗީޒްއާއެކު ޗޮކްލެޓް ކާނެ ގޮތްތައް ހިމެނެ އެވެ.

ޖެނިފާ ބުނި ގޮތުގައި ޗޮކްލެޓް ކެއުމުގެ ކުރިން އޭގެ ވަހުގެ މީރުކަން އިހްސާސްކޮށްލުމަކީ ވެސް ވަރަށް ބޭނުންތެރި ކަމެކެވެ.

"އަނގަޔަށް ލުމަށްފަހު އެ ވަހެއް އިތުރަކަށް އިހްސާސެއް ނުވާނެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ޗޮކްލެޓް ކެއުމުގެ ކުރިން ރަނގަޅަށް އޭގެ ވަސް ބަލާލާ އެ ވަސް ސިކުނޑިއަށް ފޯރުކޮށްލުން. ޗޮކްލެޓް ލާފައިވާ ކަރުދާސްގަނޑު ނޮޅާލުމަށްފަހު ތިން ފަހަރަށް ލަސް ލަހުން އޭގެ ވަސް ބަލާލަން ވާނެ. އަދި ހަތަރު ވަނަ ފަހަރު ވަސް ބަލާލާފައި ކާން ފަށާނީ،" ޗޮކްލެޓާ ބެހޭ ތަޖުރިބާކާރު ބުންޏެވެ.