ލައިފްސްޓައިލް

272 ޑޮލަރުގެ ބިރިޔާނީ ތައްޓެއް!

ކިތަންމެ ކާ ހިތް ނުވެފައި ހުއްޓަސް މީރު ބިރިޔާނީ ތައްޓެއްގެ ވަސް ދުވައިފިނަމަ ކުޑަ އެތިކޮޅެއް ނަމަވެސް ކައި ނުލައެއް ނުހުރެވޭނެ އެވެ. މިހާރު ބިރިޔާނީ ތަކުގެ ތެރެއިން ވެސް ވަރަށް އަރާހުރި މާ މީރު ބިރިޔާނީއެއް އިންޑިޔާގެ ރެސްޓޯރަންޓަކުން ވަނީ ތައްޔާރު ކުރަން ފަށާފަ އެވެ.

"ރޯޔަލް ގޯލްޑް ބިރިޔާނީ" ގެ ނަން ދީފައިވާ މި ބިރިޔާނީ ލޯންޗު ކޮށްފައި ވަނީ ޑުބާއީ އިންޓަނޭޝަނަލް ފައިނެންޝަލް ސެންޓަރުގައި ހުންނަ ކާ ތަނެއްގަ އެވެ. މިއީ އެތަނުގެ އެނިވާސަރީ ފާހަގަ ކުރުމުގެ ގޮތުން ކައްކާލި މޮޅު ބިރިޔާންޏެކެވެ.

"ރޯޔަލް ގޯލްޑް ބިރިޔާނީ ސާވް ކުރަނީ ވެސް ވަރަށް ބޮޑު ރަން ތައްޓެއްގަ އެވެ. ބިރިޔާނީ ރައިސް އާއި ކީމާ ރައިސް އާއި ވައިޓް އެންޑް ސެފްރޯން ރައިސް ކަހަލަ ކޮންމެ ވައްތަރެއްގެ ބަތެއްގެ ބިރިޔާނީ ވެސް ހިޔާރު ކުރެވިދާނެ އެވެ.

މި ބިރިޔާނިތަށީގެ ބަރުދަނުގައި ތިން ކިލޯ ހުރެ އެވެ. ބިރިޔާންޏާއެކު ކުދިކުދި އަލުވި، ފެނުކެއްކި ބިސް، ރޯސްޓް ކޮށްފައި ހުރި ކެޝޫނަޓް، އައްނާރު، ތެލުލި ފިޔާ އަދި މިންޓް ހުރެ އެވެ. ބިރިޔާންޏާއެކު އެކި ކަހަލަ ސޯސް ތަކާއި ރިހަތައް އަދި ރައިތާގެ ވައްތަރުތައް ވެސް ހުރެ އެވެ. އަދި ކުކުޅާއި ކަންބަޅި މަހުން ތައްޔާރުކޮށްފައިވާ ރާޖްޕޫތު ޗިކަން ކަބާބް، މުރުގީ ސޫލާ، ފަދަ ތަކެތި ތަށީގެ ވަށައިގެން އަތުރާފައި ހުރެ އެވެ.

މި ބިރިޔާނި ކޭ ބައެއް މީހުން ބުނަނީ އަގު ހެޔޮކޮށް ކާން ބޭނުން މީހަކަށް މި ކެއުން ނުކެވޭނެ ކަމަށެވެ. ސަބަބަކީ މީގެ އެންމެ ބިރިޔާނި ތައްޓެއްގެ އަގު 1،000 ދިރުހަމް (272 ޔޫއެސް ޑޮލަރަށް) އަރަ އެވެ.

މި ބިރިޔާނި ތަށި ގާނިޝްކޮށްފައި ހުންނަނީ 23 ކެރެޓް -- ކެއުމަށް ބޭނުން ކުރާ -- ރަނުންނެވެ.