ހަބަރު

އަޅުގަނޑުގެ ނަމުގައި "ގަލްފްކްރާފްޓް" ބޭނުންކޮށްގެން ނުވާނެ: ހާމިދު

Oct 19, 2015
10

ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލް އާއި ގުޅުވައި ފަތުރަމުންދާ ހަބަރުތަކުގައި އޭނާގެ ނަމުގެ ކުރިޔަށް "ގަލްފްކްރާޓް" ބޭނުން ނުކުރުމަށް އޭނާ އެދިވަޑައިގެންފި އެވެ.

ބަޔާނެއް މެދުވެރިކޮށް އޭނާ ވިދާޅުވެފައި ވަނީ ފުުލުހުން އޭނާ ދިރިއުޅޭ މ. ޝުރާމަންޒިލް ބަލައި ފާސް ކުރުމާ ވިދިގެން އެކި ފަރާތްތަކުން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް މީޑިއާގައި ހަބަރު ފެތުރުުމުގައި އޭނާގެ ނަމުގެ ކުރިޔަށް "ގަލްފްކްރާފްޓް" ބޭނުންކޮށްގެން ފަތުރަމުންދާ ހަބަރުތަކަކީ އެއްވެސް ހަގީގަތެއް މައްޗަށް ބުރަވެ ފަތުރާ ހަބަރުތަކެއް ނޫން ކަމަށެވެ.

"... ގަލްފްކްރާފްޓް މޯލްޑިވްސްއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓް ފޮރިން އިންވެސްޓްމެންޓް ކުންފުންޏެކެވެ. އެކުންފުނީގެ މައި ކުންފުންޏަކީ ޔޫއޭއީގެ 'ގަލްފްކްރާފްޓް ޔޫއޭއީ' އެވެ. އަޅުގަނޑުގެ ނަމުގައި ގަލްފްކްރާފްޓްގެ އެއްވެސް ހިއްސާއެއް ނުވާނެ އެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑްގެ އެއްވެސް މަގާމެއްގައިވެސް އަޅުގަނޑު ނުހިމެނޭކަން ވެސް މައުލޫމާތައްޓަކައި ދެންނެވީމެވެ. މި މައްސަލާގައި މީޑިއާއިން ގަލްފްކްރާފްޓްގެ ނަން ބޭނުން ކުރަމުން ދިއުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެކެވެ. އެކަން އަޅުގަނޑު ހަރުކަށިކޮށް ކުށްވެރި ކުރަމެވެ،" އޭނާގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނަނީ މީޑިއާ އާއި އެހެނިހެން ފަރާތްކުން އޭނާއާ ގުޅުވައި ލިޔެފައިވާ ހަބަރުތަކުން ގަލްފްކްރާފްޓްގެ ނަން ނަގަން ގޮވާލާ ކަމަށާއި ރާއްޖޭގައި ދިގު މުއްދަތަކަށް ހިނގަމުން އަންނަ ފޮރިން އިންވެސްޓްމެންޓެއްކަމަށްވާ ގަލްފްކްރާފްޓް މޯލްޑިވްސްގެ ކިބައިން ލޔުމުން މިކަމުގައި މާފަށް އެދެން ގޮވާލާ ކަމަށެވެ. އަދި މީގެ ފަހުން މީގެ ފަހުން އެކަމަށް ސަމާލުވެ ދެވޭ މައުލޫމާތު ފުރިހަމައަށް ޔަގީން ކުރުމަށްފަހުގައި ނޫނީ ޝާއިއު ނުކުރުމަށް ނަސޭހްތެރިވާ ކަމަށެވެ.

ހާމިދު މިފަދަ ބަޔާނެއް ނެރުއްވި ނަމަވެސް އޭނާގެ ނަމުގެ ކުރިޔަށް "ގަލްފް ކްރާފްޓް" ބޭނުންކޮށްގެން ނިސްބަތް ކުރާތާ ވަރަށް ގިނަ އަހަރުތައް ވަނީ ވެފައެވެ. އަދި މި ކަމާ ގުޅިގެން ގަލްފކްރާފްޓް މޯލްޑިވްސް އިން އެއްޗެއް ބުނެފައެއް ވެސް ނުވެއެވެ.

އޭނާ ދިރިއުޅުއްވާ، އަދި ކުރިން ނައިބު ރައީސް އަހުމަދު އަދީބުވެސް ދިިރިއުޅުއްވ ޝުރާމަންޒިލް ބަލައި ފާސްކޮށް އެ ގެއިން ބައެއް ތަކެތި ގެންދިޔައީ މިދިއަ ހުކުރު ދުވަހުގެ ރޭގައެވެ