ހަބަރު

ގުޅުން ނެތް ކަމަށް ބުނި ނަމަވެސް ގަލްފްކްރާފްޓް ވެބްސައިޓްގައި ހާމިދުގެ ނަން!

ގަލްފްކްރާފްޓާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރާއްޖޭގައި "ގަލްފްކްރާފްޓް ހާމިދު" ނަމުގައި މަޝްހޫރުވެފައިވާ ހާމިދު އިސްމާއިލް ވިދާޅުވި ނަމަވެސް ރާއްޖޭގައި ގަލްފް ކްރާފްޓް ތަމްސީލް ކުރާ ދެ ރެޕްޒެންޓެޓިވުންގެ ތެރޭގައި ހާމިދުގެ ނަން އޮތް ކަމަށް ދައްކައިފި އެވެ.

ގަލްފްކްރާފްޓްގެ މައި ކުންފުނި، "ގަލްފްކްރާފްޓް ޔޫއޭއީ" ގެ ރަސްމީ ވެބްސައިޓް ގެ ބުނާ ގޮތުން ހާމިދަކީ ރާއްޖޭގެ އެކުންފުނީގެ ރެޕްރެޒެންޓެޓިވްއެކެވެ. އިތުރު ބޭފުޅެއްގެ ނަން ވެސް ހިމަނާފައިވާ އެ ވެބްސައިޓްގައި މިހާރުވެސް ހާމިދުގެ ނަން އެބައޮތެވެ.

އަދި ވޭތުވެދިޔަ އަހަރުތަކުން ފެށިގެން މި ފަހަކާ ޖެހެންދެން ހާމިދަށް ނިސްބަތް ކޮށްފައި ވަނީ ގަލްފްކްރާފްޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައެވެ. އޭނާ މަޝްހޫރުވެފައި ވަނީ ވެސް "ގަލްފްކްރާފްޓް ހާމިދު" ގެ ގޮތުގައެވެ.

ނަމަވެސް ހާމިދު ދިރިއުޅުއްވާ ގެ މ. ޝުރާމަންޒިލަށް ފުުލުހުން ވަދެ ބަލައި ފާސް ކުރުމާ ގުޅިގެން އެ ކަމާ ގުޅޭ ހަބަރުތައް މީޑިއާގައި ކަވަރު ކުރި "ގަލްފް ކްރާފްޓް" ގެ މެނޭޖިން ޑިރެކްޓަރަކީ ހާމިދު ކަމަށާއި ބުނުމާއި އޭނާއަށް ނިސްބަތްކޮށް "ގަލްފްކްރާފްޓް" ހާމިދު ބޭނުންކޮށްފައިވާތީ ހާމިދު ވަނީ އެކަމާ އިންކާރު ކުރައްވާ ގަލްފްކްރާފްޓާ އޭނާއާ ގުޅުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ހާމިދު ވަނީ އިއްޔެ ބަޔާނެއް ވެސް ނެރުއްވާފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ފުުލުހުން އޭނާ ދިރިއުޅޭ މ. ޝުރާމަންޒިލް ބަލައި ފާސް ކުރުމާ ވިދިގެން އެކި ފަރާތްތަކުން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް މީޑިއާގައި ހަބަރު ފެތުރުުމުގައި އޭނާގެ ނަމުގެ ކުރިޔަށް "ގަލްފްކްރާފްޓް" ބޭނުންކޮށްގެން ފަތުރަމުންދާ ހަބަރުތަކަކީ އެއްވެސް ހަގީގަތެއް މައްޗަށް ބުރަވެ ފަތުރާ ހަބަރުތަކެއް ނޫން ކަމަށެވެ.

"... ގަލްފްކްރާފްޓް މޯލްޑިވްސްއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓް ފޮރިން އިންވެސްޓްމެންޓް ކުންފުންޏެކެވެ. އެކުންފުނީގެ މައި ކުންފުންޏަކީ ޔޫއޭއީގެ 'ގަލްފްކްރާފްޓް ޔޫއޭއީ' އެވެ. އަޅުގަނޑުގެ ނަމުގައި ގަލްފްކްރާފްޓްގެ އެއްވެސް ހިއްސާއެއް ނުވާނެ އެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑްގެ އެއްވެސް މަގާމެއްގައިވެސް އަޅުގަނޑު ނުހިމެނޭކަން ވެސް މައުލޫމާތައްޓަކައި ދެންނެވީމެވެ. މި މައްސަލާގައި މީޑިއާއިން ގަލްފްކްރާފްޓްގެ ނަން ބޭނުން ކުރަމުން ދިއުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެކެވެ. އެކަން އަޅުގަނޑު ހަރުކަށިކޮށް ކުށްވެރި ކުރަމެވެ،" އޭނާގެ ބަޔާނުގައި ވެއެވެ.

މީޑިއާ އާއި އެހެނިހެން ފަރާތްކުން އޭނާއާ ގުޅުވައި ލިޔެފައިވާ ހަބަރުތަކުން ގަލްފްކްރާފްޓްގެ ނަން ނަގަން ގޮވާލާ ކަމަށާއި ރާއްޖޭގައި ދިގު މުއްދަތަކަށް ހިނގަމުން އަންނަ ފޮރިން އިންވެސްޓްމެންޓެއްކަމަށްވާ ގަލްފްކްރާފްޓް މޯލްޑިވްސްގެ ކިބައިން ލޔުމުން މިކަމުގައި މާފަށް އެދެން ގޮވާލާ ކަމަށް ވެސް ބުނެފައި ވެއެވެ.

ހާމިދު މިފަދަ ބަޔާނެއް ނެރުއްވި ނަމަވެސް އޭނާގެ ނަމުގެ ކުރިޔަށް "ގަލްފް ކްރާފްޓް" ބޭނުންކޮށްގެން ނިސްބަތް ކުރާތާ ވަރަށް ގިނަ އަހަރުތައް ވީއިރު ވެސް އަދި އޭނާ ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ ފާސް ކުރުމުން ވެސް މިހާތަނަށް ގަލްފްކްރާފްޓް އިން އެކަމާ އެއްޗެއް ބުނެފައެއް ނުވެއެވެ.

ކުރިން ދިވެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް ކަން ވެސް ކުރެއްވެވި ހާމިދު ދިިރިއުޅުއްވާ ޝުރާމަންޒިލް ބަލައި ފާސްކޮށް އެ ގެއިން ބައެއް ތަކެތި ގެންދިޔައީ މިދިއަ ހުކުރު ދުވަހުގެ ރޭގައެވެ. ހާމިދަކީ ނައިބު ރައީސް އަހުމަދު އަދީބާ ގުޅުން އޮތް އާއިލީ ބޭފުޅެކެވެ. ނައިބު ރައީސް މިވަގުތު އިންވެސްޓްމެންޓް ފޯރަމަށް ޗައިނާއަށް ވަޑައިގެން އުުއްވާއިރު ހާމިދު ވެސް ހުންނެވީ ޗައިނާގަ އެވެ.