އެމްއެންޑީއެފް

ސެނަހިޔަގައި ނާރުގެ ޓެސްޓްތައް ހަދަން ފަށައިފި

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ހިދުމަތް އަޕްގްރޭޑް ކުރުމަށްފަހު ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

މި ހިދުމަތްތައް ތައާރަފު ކުރުމަށް މިއަދު ސެނަހިޔަގައި މިލިޓަރީ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ލެބޯޓްރީ ހުޅުވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ޗެއާޕާސަން ފާތިމަތު ފިރާޝާއެވެ.

ލެބޯޓުރީ އިން ދެމުގެންދާ ހިދުމަތްތައް އިތުރުކޮށް ނާރުގެ ބަލިތަކާ ގުޅުން ހުރި ޓެސްޓްތައް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މިއީ ސެނަހިޔައިން މުޅިން އަލަށް ދޭން ފެށި ހިދުމަތެކެވެ. މީގެ އިތުރުން ލެބޯޓްރީއަށް ގެންވިފައިވާ ބަދަލުތަކާއެކު ލޭގެ ސާމަޕަލު ނެގުމަށް ހަތަރު ސްޓޭޝަނެއް މިހާރު ވަނީ ގާއިމުކޮށްފައެވެ. އޭގެތެރޭގައި ތުއްތު ކުދިންގެ ލޭ ގެ ސާމަޕަލް ނެގުމަށް ހާއްސަ ސްޓޭޝަނެއް ހިމެނެއެވެ. މި ބަދަލުތަކާއެކުގައި އެކްސްރޭ އާއި ފިޒިއޮތެރެޕީ އަދި ލެބޯޓްރީގެ ހިދުމަތަށް އެދޭ މެމޯ ހެއްދުމުގެ ހިދުމަތް ލެބޯޓްރީ ކައުންޓަރުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ސިފައިންގެ ކުލިނިކްގެ ގޮތުގައި އޮޕަރޭޓްކުރި ސެނެހިޔާ، ފުރިހަމަ ހޮސްޕިޓަލަކަށް ބަދަލު ކުރަން ނިންމާ އެ މަސައްކަތް ފެށީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަގާމާ ހަވާލުވެ ވަޑައިގެން ނޮވެންބަރު 2018 ގައެވެ. އެއީ އެކަމަނާ މަގާމާ ހަވާލުވެވަޑައިގެންނެވިތާ 8 ދުވަސްތެރޭގައެވެ.