ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ޔާމީން ވަޑައިގެންނެވީ ނުއަގުގައި ވިއްކެވި ރަށްތަކުގެ ފައިސާވެސް ހިފައިން"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމަށް ރަށްތައް ދޫކޮށްފައިވަނީ ނުއަގުގައި ކަމަށާ އެ ރަށްރަށުން ލިބުނު ފައިސާގައި އެމަނިކުފާނު ޖެހިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކުރީ ސަރުކާރުތަކުން ރިސޯޓް ހަދަން ދޫކުރި ގިނަ ރަށްތަކެއް ނުހެދި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހުއްޓިފައިވާ ކަމަށެވެ. ކުރީ ސަރުކާރުތަކުން ދޫކުރި 85 ރަށެއް އަދިވެސް ނުހެދި އޮތް ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޓޫރިޒަމަށް ރަށްތައް ދޫކޮށްފައިވަނީ ނުއަގުގައި ކަމަށެވެ. އެ ރަށްރަށް އިންވެސްޓަރުންނަށް ދީގެން ލިބުނު ފައިސާގައިވެސް އެމަނިކުފާނު ޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

"އަދި މިހާ ހިސާބަށް އައިއިރުގައި ކުރީގެ ސަރުކާރުތަކުން އަޅުގަނޑު ދަންނަވާނީ ވިއްކާފައިވާ 85 ރަށް ރިސޯޓް ނުހެދި އެބައޮތް. ދައުލަތަށް ލިބެންވާ އާމްދަނީ އެއް ނެތް، ނުލިބޭ. އަޅުގަނޑުމެން މިހާތަނަށް އައިއިރުގައި އެއްވެސް ފަޅު ރަށެއް ރިސޯޓް ހަދާކަށް އަދި ދޫކޮށްފައެއް ނުވާނެ. އަދި އެހާ ހިސާބުން ނިމުނީއެއް ނޫނޭ އިނގޭތޯ. ރައީސް ޔާމީންގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް އެ ލިބިވަޑައިގެންނެވި ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓްގައި ހުރިނަމަތާ މި ދަތި ހާލަތުގައި އަޅުގަނޑުމެންނަށް އެއިގެން ހަރަދު ކުރެވޭނީ،"

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ދަރަނި ހުރީ 26 ބިލިއަންގައި ނަމަވެސް ފަސް އަހަރުގެ ވެރިކަން ނިންމާލީ ރާއްޖޭގެ ދަރަނި 60 ބިލިއަނަށް މަތިކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ ދެ އަހަރު މި ސަރުކާރުން އުފެއްދީ 15 ބިލިއަންގެ ދަރަނި ކަމަށެވެ.

"ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން. ވަރަށް ސާފުކޮށް މި ދެންނެވީ. މި ފަހަރުގެ ބަޖެޓްގައި ދަރަނި ދެއްކުމަށް ޖަހާފައިވާ ހަތަރު ބިލިއަނަކީ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނި ދެއްކުމަށް ޖަހާފައިވާ ފައިސާ. މިއީ މިއަދު އަޅުގަނޑު ތިޔަ ބޭފުޅުންނަށް ސާފުކޮށްދޭން ބޭނުންވާ ކަމެއް،"

ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ރިޒާވްގައި ހުރީ 250 މިލިއަން ޑޮލަރު ކަމަށާ މި ދަތި ހާލުގައިވެސް އެ އަދަދަށް ފައިސާ ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފައިނޭންޝިއަލް ޓީމަށް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް. އަޅުގަނޑުމެން މަގަކުން ކައްސައެއް ނުލާނެ. އިރާދަކުރެއްވިއްޔާ ހަރުމުދާ ނުވިއްކާ މި ރާއްޖެ އަމާން އައްސޭރިއަކަށް އަޅުގަނޑުމެން ގެންގޮސްދޭނަން،" ރައީސް ވިދާޅުވިއެވެ.