ރައްޔިތުންނަށް ހަމަ ނޭވާ ލެވޭނީ ދައުލަތުގެ ހަޒާނާއިން ވައްކަން ކުރި މީހުން ޖަލަށްލައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވިއިރު ކޮރަޕްޝަންގެ ބޮޑު ތުހުމަތުތަކެއް ކުރެވޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ހައިކޯޓުން މިނިވަންކޮށްފަ އެވެ.
މަނީލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފައިވާ ޔާމީން، މިނިވަންވުމާއެކު ވިދާޅުވީ ނޭވާ ލެވޭނީ ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ އަދި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދީގެން ކަމަށެވެ.
ނަމަވެސް އެމްޑީޕީއަށް މެޖޯރިޓީ ދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު މިރޭ ވިދާޅުވީ ދައުލަތުގެ ހަޒާނާއިން ވައްކަން ކުރި މީހުންގެ މައްސަލަތައް ބެލުމަށް މިނިވަން ފަނޑިޔާރުގެއެއް ހޯދޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.
ކުރީގެ ސަރުކާރުގެ ކޮރަޕްޝަންތަކާއި ފަސާދަތައް ބަލައި ފިޔަވަޅު އެޅޭނީ ވެސް ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވަނީ ކުރީ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލް ބިނާކުރުމުގެ ނަމުގައި ހިންގާފައިވަނީ ބޮޑު ކޮރަޕްޝަންގެ އަމަލެއް ކަމަށް ވިދާޅުވެ އޭގެ ބައެއް ތަފްސީލްތައް ވެސް މިރޭ ވިދާޅުވެދެއްވާފަ އެވެ.
"މިކަންކަން ގަބޫލު ނުކުރެވޭތީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަން އަޅުގަނޑުމެން ނުކުތީ، ރައްޔިތުންނަށް ހަމަ ނޭވާ ލެވޭނީ މިދެންނެވި ވައްކަންތައް ކުރި މީހުން ހައްޔަރުކޮށް ޖަލަށްލެވިގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ޕްރޮގްރެސިވް ކޯލިޝަނަށް މެޖޯރިޓީ ލިބުމުން ނޭވާ ލެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ފާޑުވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ހުދުމުހުތާރު ވެރިކަމަށް ދެން ރައްޔިތުން ނޭވާލާން ބޭނުން ނުވާ ކަމަށެވެ.
އޭގެ އިތުރުން ވިދާޅުވީ ރައީސް ޔާމީނަށް ހަމަ ނޭވާ ލެވޭނީ ބޮޑުބޭބެ އާއި ބޮޑުބޭބެގެ ދަރިކަލުންނާއި ކޯލިޝަން ޕާޓްނަރު ގާސިމް އިބްރާހިމް ޖަލަށްލުމުން ކަމަށެވެ. ދައުލަތުގެ ހަޒާނާއިން ބޮޑެތި ވައްކަންތައް ނުކުރެވޭނަމަ، ރައީސް ޔާމީންނަށް ހަމަ ނޭވާ ނުލެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.