ދީން

ޣާފިލުކަން: އަބާއްޖަވެރިކަން ގެނުވާ ކަމެއް

ޤިޔާމަތް ދުވަހަކީ އަންނާނޭ ދުވަހެއްކަން ކޮންމެ މުސްލިމަކަށްމެ އެނގެއެވެ. ނަމަވެސް އެދުވަސް އަންނާނޭކަން އެނގުމުންގެ ފައިދަ ލިބިގަންނަނީ މަދު ބައެކެވެ. ޤިޔާމަތް ވާހިނދު މީސްތަކުންގެ ޙާލަތު ހުންނާނޭ ގޮތް އަންގަވައި ކީރިތި ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ اقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مَّعْرِضُون ﴾ (الأنبياء: 1) މާނައީ: "މީސްތަކުންނަށް އެއުރެންގެ (ޢަމަލުތަކުގެ) ހިސާބު ބެއްލެވުމުގެ ވަގުތު ގާތްވެއްޖެއެވެ. ނަމަވެސް އެބައިމީހުންވަނީ ޣާފިލުވެފައިވާ ހާލުގައެވެ."

ޣާފިލުކަމުގެ ސިފަޔަކީ މާތް ﷲ ރުހިވޮޑިގެން ނުވާ ސިފައެކެވެ. ކާފިރުވީ މީސްތަކުން ދުނިޔޭގެ އަވައިގައި ޖެހި ޣާފިލުވެގެންވާކަން އަންގަވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ يَعْلَمُونَ ظَاهِرًا مِّنَ الْحَيَاةِ الدُّنْيَا وَهُمْ عَنِ الآخِرَةِ هُمْ غَافِلُون ﴾ (الروم: 7) މާނައީ: "ދުނިޔޭގެ ދިރިއުޅުމުން އެއުރެންނަށް އެނގެނީ ބޭރުފުށުގެ ކަންތަކެވެ. އަދި އެއުރެންވަނީ، އާޚިރަތް ދުވަހާމެދު ޣާފިލުވެގެންވާ ބަޔަކު ކަމުގައެވެ."

ޢަރަބި ބަހުގެ ޢިލްމުވެރިއެއް ކަމުގައިވާ އިބްނުލް ފާރިސް ވިދާޅުވެފައިވެއެވެ. "ޣާފިލުކަމަކީ، އިންސާނާގެ ސިއްކުނޑިން އެއްޗެއް ފިލައިގޮސް، އެކަމެއް ނުވަތަ އެއްޗެއް ހަނދާންނެތުމެވެ. ކަމަކަށް އިހުމާލުވެ، ފުރަގަސްދިނުމުގެ މާނައިވެސް މި ކަލިމަ ބޭނުންކުރެވެއެވެ." ޣާފިލުކަމާއި، ހަނދާންނެތުމުގެ ތަފާތަކީ، ހަނދާންނެތުމަކީ މީހެއްގެ އިޚުތިޔާރަކާއި ނުލާ ހިނގާކަމެކެވެ. ނަމަވެސް ޣާފިލުކަމަކީ ގަސްތުގައި، އެނގިހުރެ އިހުމާލެވެ ހަނދާން ނައްތައިލުމެވެ.

ޣާފިލުވެފައިވާ މީހުންގެ ތެރެއިން ނުވުމަށް މާތް ﷲ ވަނީ އަންގަވާފައެވެ. ﴿ وَاذْكُر رَّبَّكَ فِي نَفْسِكَ تَضَرُّعاً وَخِيفَةً وَدُونَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالآصَالِ وَلاَ تَكُن مِّنَ الْغَافِلِين ﴾ (الأعراف: 205) މާނައީ: "އަދި ކަލޭގެފާނުގެ ހިތްޕުޅުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަކުރައްވާށެވެ! މަޑުމޮޅިވެ، ބިރުވެތިވާ ޙާލުގައެވެ. ބަސްބުނުމުގެ ތެރެއިން އަޑުހަރުކުރުމަށްވުރެ މަޑުންނެވެ. ހެނދުނާއި ހަވީރުގެ ވަގުތު ތަކުގައެވެ. އަދި ޣާފިލުވެގެންވާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!

ޣާފިލުކަމުގެ ޢަލާމަތްތައް

ތިމާ ޣާފިލުވެފައިވާކަމުގެ ޢަލާމާތްތަކުގެ ތެރޭގައި، ނަމާދާއި އަޅުކަން ކުރުމަށް ކަންނެތްވުން ހިމެނެއެވެ. އިސްލާމް ދީން ބޭރުފުށުން ފާޅުކޮގެން އުޅޭ މުނާފިޤުންގެ ސިފަތަކުގެ ތެރޭގައިވެސް، އެބައިމީހުންނަކީ ނަމާދު ކުރާހިނދު، ކަންނެތްކަމާއެކު ނަމާދުކުރާ ބައެއް ކަމުގައި މާތް ﷲ ވަނީ ވަޙީކުރައްވާފައެވެ. އަދި މުނާފިޤުންންނަށް އެންމެ ބުރަ، ދެނަމާދަކީ ޢިޝާ ނަމާދާއި، ފަތިސްނަމާދުކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘްކުރައްވާފައެވެ.

ޣާފިލުކަމުގެ ޢަލާމާތްތަކުގެ ތެރެއިން ހިމެނޭ އަނެއްކަމަކީ ފާފަތަކަކީ މާކުޑަ، އާދައިގެ ކަމެއްކަމުގައި ދެކެވޭ ދެކުމެވެ. ޙަޤީޤީ އީމާންކަމުގެ އަހުލުވެރިންނަށް ފާފަތައް ފެންނާނީ ބޯމަތީގައިވާ ބޮޑު ފަރުބަދައެއް ފަދައިންނެވެ. އެފަރުބަދަ ބޮލަށް ވެއްޓިދާނޭތީ ބިރުގަންނަ ފަދައިން އެފާފަތަކަށް އަރައިގަނެވުނީތީ ބިރުވެތިވާނެއެވެ. ފާޖިރު ފާސިޤުންނަށް ފާފަތައް ފެންނަނީ ނޭފަތުގެ ކުރީގައި ޖައްސާ މެއްސެފަދަ އާދައިގެ ގޮތަކަށެވެ. އެ މެހި އަތުން ފޮޅާލާހައި ފަސޭހައިން އޭނާ އެފާތައް ކޮށް، އެކަން ހަނދާންނައްތައިލައެވެ."

ފާފަކުރުމަށް ދެއްވިހިފައި، އެ ކަމަކީ މާ މޮޅުކަމެއްކަމުގައި ދެކުމަކީވެސް ޣާފިލުކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. މި އުއްމަތުގެ މީސްތަކުގެ ތެރެއިން، މުޖާހިރުން ފިޔަވައި އެހެން އެންމެންނަށް ފާފަ ފުއްސަވައިދެއްވާނޭކަމުގައި ކރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ. މުޖާހިރުންނަކީ ރޭގަނޑު ފާފަކޮށް، ނަމަވެސް މާތް ﷲ ގެ އޯގާވަންތަކުމުން އޭނާ މީސްތަކުގެ ތެރޭގައި ފަޟީޙަތް ނުކުރައްވައި، އެފާފަ ވަންހަނާ ކޮށްދެއްވުމުން، އޭނާ އަމިއްލައަށް މީސްތަކުންގެ މެދުގައި އެފާފައިގެ ވާހަކަ ދައްކައި އެކަމެއް ކުރެވުނީތީ ފަޚުރުވެރިވެ އުޅޭ މީހާއެވެ.

ޣާފިލުކަމުގެ ތެރެއަށް ވައްޓައިލާ ސަބަބުތައްވެސް ނުހަނު ގިނަގުނައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މާތް ﷲ އާމެދު ޖާހިލުވުމުވެ. އެއިލާހަކީ ކޮން ފަރާތެކަމާއި، އެއިލާހުގެ ހައިބަވަންތަކަމާއި ގަދަކީރިތިވަންތަކަން ތިމާގެ ހިތުގައި ނެތުމެވެ. އެއިލާހުގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ނޭނގުމެވެ.

ޣާފިލުކަމުގެ ތެރެއަށް އިންސާނާ ވައްޓައިލާ އަނެއް ކަމަކީ ދުނިޔޭގެ ދަހިވެތިކަމެވެ. ދުނިޔޭގެ ދަހިވެތިކަމަކީ ހުރިހާ ފާފަތަކެއްގެ އަސްލު ކަމުގައި ބުނެވެއެވެ. އެ ދަހިވެތިކަމުގެ މޭވާއަކީ ޣަފްލަތްތެރިކަމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ أَلْهَاكُمُ التَّكَاثُرُ ﴾ (لتكاثر: 1) މާނައީ: "(މުދަލާއި ދަރިން) ގިނަކަމަށް އެކަކުއަނެކަކަށް ފަޚުރުވެރިވެ އުޅުން، ތިޔަބައިމީހުން (ﷲގެ މަތިން ހަނދުމަނެއްތައި) މަޝްޣޫލުކޮށްފިއެވެ."

ފާފަތަކަށް އަރައިގަތުމަކީ ޣާފިލުކަމުގެ ތެރެއަށް ގިނަ ބަޔަކު ވައްޓައިލާ ކަމެކެވެ. ޙަދީޘްފުޅެއްގެ މާނައިގައެވެއެވެ. "\ ﷲ ގެ އަޅަކު ފާފައަކަށް އަރައިގަތުމުން އޭނާގެ ހިތުތެރޭގައި ކަޅުކުލައިގެ ލައްގަނޑެއް ޖަހައެވެ. އޭނާ އެކަމުން އެއްކިބާވެ، ތައުބާވެއްޖެނަމަ އެލައްގަނޑު ފިލައިދެއެވެ. އޭނާ ފާފަތަކަށް އެނބުރި ހިނގައްޖެނަމަ އެ ލައްގަނޑު ބޮޑުވެއެވެ. އެގޮތަށް ބޮޑުވަމުންގޮސް މުޅި ހިތްތުގައި ކަވަރެއް ލެވެއެވެ."

ޣާފިލުކަމުން ސަލާމަތްކޮށްދޭ ކަންތައްތައް

ޣާފިލުކަމުގެ ފަރުވާތަކުގެ ތެރެއިން ހިމެނޭ އެންމެ މުހިންމު ކަމަކީ މާތް ﷲ ޒިކުރުކުރުމާއި ކީރިތި ޤުރްއާން ކިޔެވުން ހިމެނެއެވެ. އަދި ދީނީ ދަރުސްތައް އަޑުއެހުމާއި ދިނީ މަޢުލޫމާތު އިތުރުކުރުމަށް ފޮތް ކިޔައި ހެދުމަކީވެސް ޣާފިލުކަމުން ސަލާމަތްކޮށްދޭ ކަމެކެވެ. ހަމައެފަދައިން ދުނިޔޭގެ ޙަޤީޤަތް ދެނެގަނެ ދުނިޔޭގެ ހެއްލުންތެރިކަމާމެދު ހޭލުންތެރިވުމަކީވެސް ޣާފިލުކަމުން ސަލާމަތް ކޮށްދޭ ކަމެކެވެ.

ގިނަގިނައިން މަރު ހަނދާންކުރުމާއި، ތިމާއަކީ މިދުނިޔެއާ ވަކިވެދާނޭ މީހެއްކަން ހަންދާން ކުރުމަކީ ދުނިޔޭގެ ދަހިވެތިކަމާއި، ޣާފިލުކަމުން ސަލާމަތް ކޮށްދޭ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅެގެ މާނައިގައިވެއެވެ. "ތިޔަބައިމީހުން ޤަބުރުސްތާނަށް ޒިޔާރަތް ކުރާށެވެ. އެހެނީ އެއީ އާޚިރަތް ހަނދުމަކޮށްދޭ ކަމެކެވެ." ޣާފިލުކަމުން ސަލާމަތްވާންއެދޭ މީހާ އޭނާގެ އީމާންކަން ހަރުދަނާކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. އީމާންކަން ހިތުގައި ހަރުލައިފިނަމަ ޣާފިލުކަން އެހިތުން ފިލައި ދާހުއްޓެވެ.