އަންނަ މަހު ހުޅުވާ އޮޒެން ރިޒާވް ބޮލިފުށި ރިސޯޓުގެ އިސް މަގާމަށް، ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކޮށް ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ އަލީ ޝާކިރު ހަމަޖައްސައިފި އެވެ.
އަލީ ޝާކިރު ހަމަޖައްސާފައި ވަނީ އެ ރިސޯޓު މެނޭޖަރުގެ މަގާމަށެވެ. ރިސޯޓު މެނޭޖަރަކީ ޖީއެމްގެ މަގާމަށް ފަހު އެންމެ އިސް މަގާމެވެ. ރިސޯޓު މެނޭޖަރުގެ މަގާމަށް ހަމަޖެއްސި ޝާކިރަކީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ދިވެހިންގެ ތެރޭގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެކެކެވެ.
ޓޫރިޒަމް ދާއިރާ އިން ކިޔަވާ ވިދާޅުވެފައިވާ ޝާކިރު މީގެ ކުރިން ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގައި މަސައްކަތް ކުރެއްވި އެވެ. އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވަނީ ހުޅުލެ އައިލެންޑް އައިލެންޑް ހޮޓަލުގަ އެވެ. އެ ހޮޓަލުގައި 17 އަހަރު މަސައްކަތް ކުރެއްވި އެވެ. ވިލާގައި ވެސް މަސައްކަތް ކުރި އެވެ.
މީގެ އިތުރުން އޮބްލޫ ސިލެކްޓް ސަންގެލީގެ ރިސޯޓާއި ވަރުބައި އެޓްމޮސްފިއާގެ ރިސޯޓު މެނޭޖަރުގެ މަގާމު ވެސް އަދާ ކުރައްވާފައިވެ އެވެ. ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރުމުގެ އިތުރުން އޭނާއަކީ އިޖުތިމާއީ ދާއިރާ އާއި ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ދާއިރާގައި ވެސް ހިދުމަތްތެރި ބޭފުޅެކެވެ.
އަންނަ މަހު ހުޅުވާ އޮޒެން ރިޒާވް ބޮލިފުށި ރިސޯޓު ފަރުމާކޮށްފައި ވަނީ އެންމެ ފެންވަރު މަތީކޮށް ހިދުމަތް ދެވޭނެ ގޮތަކަށެވެ. މި ރިސޯޓުގައި އެންމެ މަތީ ފެންވަރުގެ ހިދުމަތަށް ޕްރައިވެޓް ހަތް އޯޝަން ރިޒާވް ވިލާ ތަރައްގީކޮށްފައި ވެއެވެ. މި ވިލާތަކުގައި މޫދަށް ފޭބޭ ގޮތަށް 750 މީޓަރުގެ ސްލައިޑެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން ސުވިމިން ޕޫލް ހިމެނޭ ގޮތަށް އިތުރު ނުވަ މޫދު ވިލާ އާއި ފަސް ކޮޓަރީގެ ބަންގަލޯއެއް ވެސް ހުރެ އެވެ.
ބޮލިފުށި ރިސޯޓުގައި ޖުމްލަ 90 ވިލާ ހުރެ އެވެ.
މި ކުންފުނިން ރާއްޖޭގައި ފުރަތަމަ ރިސޯޓެއް ހުޅުވާފައިވަނީ 2016 ވަނަ އަހަރު އެވެ. ފުރަތަމަ ހުޅުވީ ކުރިން ގިނަ ބަޔަކު ދަތުރު ގޮސް އުޅުނު ރަށެއް ކަމަށްވާ މާދޫފިނޮޅުގަ އެވެ.