ރާއްޖެ ކުޅިވަރު

ފަހު ވަގުތު ވިކްޓަރީ މޮޅުވީ އީގަލްސް ފަރުވާކުޑަވުމުން: ސާންތީ

އީގަލްސް އަށް ދެ ލަނޑުގެ ލީޑެއް ލިބިފައިވަނިކޮށް ފަހަތުން އަރައި އެންމެ ފަހު ސިކުންތުކޮޅުގައި ޖެހި ލަނޑުން 3-2އިން އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ވިކްޓަރީ މިއަދު މޮޅުވީ، އީގަލްސް ކުޅުންތެރިން މޮޅުވާން ބޭނުންނުވުމުން ކަމަށް އެ ޓީމުން ބުނެފި އެވެ.

އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) މެޗަށް ފަހު ބުނީ އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ފަރުވާކުޑަކުޅުމެއް ކަމަށެވެ.
"ވިކްޓަރީ އަށް ޑިޒާވް މޮޅެއްމިއީ. އެއީ ވިކްޓަރީ މޮޅުވާން ކުޅުނީ. އީގަލްސް ކުޅުންތެރިން މިއަދު ނުކުޅޭ. ކުޅުންތެރިން ފަރުވާ ވެސް ކުޑަވީމަ މެޗު ގެއްލިގެން މިދިޔައީ،" ސާންތީ ބުންޏެވެ.

މެޗުގެ ފުރަތަމަ ލަނޑު އީގަލްސް ޖެހީ މެޗު ފަށައިގެން ހަމަ ވަނަ މިނިޓްގައި ޖެރާޑޯ ޖެމިނޭޒް ރޭޔެސް އެވެ. އޭނާގެ މި ލަނޑަށް ފަހު އީގަލްސްއިން ނަތީޖާ ފުޅާކުރީ 15 ވަނަ މިނިޓްގައި އަންސާރު އިބްރާހީމް ޖެހި ލަނޑުންނެވެ.

ވިކްޓަރީން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ 55 ވަނަ މިނިޓްގައި އޮމަދޫ ވެސްޓެވެ. އަދި ޖެހިގެން އައި މިނިޓްގައި ނަތީޖާ ހަމަހަމަވީ މެދުތެރެއިން އަހުމަދު ނިޔާޒް ޖެހި ބޯޅަ އީގަލްސް ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ގޯލަށް ވަދެގެންނެވެ. އޭގެ ފަހުން ވިކްޓަރީ މުޅިންހެން އެޓޭކްކޮށްގެން ކުޅުނު މެޗުން އެ ޓީމު މޮޅުވީ އިތުރު ވަގުތުގެ ފަސް މިނިޓްގެ ފަހު ސިކުންތުކޮޅުގައި ހާފުގެ މެދަކަށްވުރެ ޕެނަލްޓީއޭރިޔާ ކައިރިން އޮމަދޫ ޖެހި ބޯޅަ ގޯލުގެ މަތީ ކަނަށް ވަދެގެންނެވެ.

މެޗަށް ފަހު ވިކްޓަރީގެ ކޯޗު އަހުމަދު ނާޝިދު ބުނީ މިއީ ވަރަށް މުހިންމު މޮޅެއް ކަމަށެވެ.

"މިއީ ވިކްޓަރީ އަށް ވަރަށް މުހިންމި މޮޅެއް. މީގެ ސަބަބުން ދެ ވަނަ ބުރަށް ނުކުންނައިރު ވިކްޓަރީ އަށް ވަރަށް ބޮޑު ހިތްވަރަކަށްވާނެ. މި މެޗުގައި އީގަލްސް ފުރަތަމަ ހާފުގައި ދެ ލަނޑު ޖެހިޔަސް މުޅި މެޗު ކުޅުނީ ވިކްޓަރީ. ވިކްޓަރީ އަށް ހައްގު މޮޅެއް މިއީ،" މެޗަށް ފަހު ނާދު ބުންޏެވެ.

މި މެޗުން މޮޅުވުމުން ފުރަތަމަ ބުރު ނިމުނުއިރު ވިކްޓަރީ އަށް ލިބިފައިވަނީ ހަތް މެޗުން ނުވަ ޕޮއިންޓާއެކު ޓޭބަލުގެ ފަސް ވަނަ އެވެ. އީގަލްސް އަށް ލިބިފައިވަނީ 10 ޕޮއިންޓާއެކު ހަތަރު ވަނަ އެވެ.

ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވެފައ އޮތުމުން އެއްވެސް އިންތިޒާމެއްނެތް ޓާފް ދަނޑުގައި ކުޅެމުންދާ މުބާރާތުގައި މާދަމާ ކުޅޭނީ ޓޭބަލުގެ ކުރީގައިވާ ޗެމްޕިއަން ނިއު އާއި މާޒިޔާ އެވެ.