ކުޅުދުއްފުށި

ކުޅުދުއްފުށި ހޮސްޕިޓަލަށް އިންކިއުބޭޓަރެއް ލިބިއްޖެ

Nov 20, 2020
2

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް އިންކިއުބޭޓަރެއް ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން އެކަން ހާމަކޮށް ކޮށްފައިވާ ޓްވީޓެއްގައި ބުނީ 15 އަހަރު ދުވަހަށް ފަހު އެ ހޮސްޕިޓަލަށް އިންކިއުބޭޓަރެއް ލިބިފައިވާ ކަމަށެވެ. އިންކިއުބޭޓަރާއެކު ދުވަސް ނުފުރާ ވިހަން ޖެހޭ ހާލަތްތަކުގައި މާލެ ދާން ޖެހޭ ދިއުން މަދުވެގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އަދި މި އަހަރުގެ ތެރޭގައި އެންއައިސީޔޫއަށް ތިން ބޭބީ ވާމާސް އަދި ދެ ނިއޮނަޓަލް ވެންޓިލޭޓާސްވެސް ލިބިފައިވާ ކަމަށް ކުޅުދުއްފުށި ހޮސްޕިޓަލުން ބުންޏެވެ.

އަތޮޅުތެރޭގެ ސިއްހީ ނިޒާމު ރަނގަޅު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ގާއިމް ކުރުމުގެ މަޝްރޫއެއް ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ކުޅުދުއްފުށި ހޮސްޕިޓަލްވެސް ހިމެެނެއެވެ. އެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅަށް މުޅީން ނިންމާލެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.