އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވިސްނުންފުޅާއި އެކު ރާއްޖެ މިއަދު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރެވިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި ދިގު މުއްދަތަކަށް ޖަލުގައި ހުންނެވި ނަޝީދު އެބޭފުޅާގެ ގާނޫނީ ޓީމުގައި ހިމެނި ވަޑައިގަންނަވާ، ހަސަން ލަތީފު މެދުވެރިކޮށް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިއަދު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ނައްތާލެވޭނެ ވިސްނުން މޯދީގެ ކިބައިގައި އެބަހުރި ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން މޯދީ ރާއްޖެއަށް ޒިޔާރަތްކުރެއްވުމަކީ އެމަނިކުފާނު ނުހަނު އެދިވަޑައިގަންނަވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ހަލަބޮލިކަމާއި ހެދި ދެގައުމުގެ މެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުމަށް ހީނަރުވެގެން ނުދާނެ ކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ގަބޫލުކުރައްވާ ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމަށް ނުހަނު އިތުބާރުކުރައްވާ ކަމަށް ނަޝީދުގެ ވިދާޅުވިކަމަށް ވަކީލު ވަނީ ޓްވީޓް ކުރައްވާފަ އެވެ.
"އިންޑިއާ ރާއްޖޭގެ ގުޅުން ބިނާ ވަނީ އިންޑިއާއިން ކޮށްދޭ ނުވަތަ ކޮށްދެވިދާނެ ކަންތައްތަކުގެ މައްޗަކަށް ނޫން. އެކަމަކު އެ ގުޅުން ބިނާވަނީ އިންޑިއާގެ ވިސްނުމުގެ މައްޗަށް. މިނިވަންކަމުގެ މައްޗަށް،" ނަޝީދާއި ހަވާލާދީ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެ އެވެ.
އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމަށް މޯދީ އައުމަށްފަހު ރާއްޖެއަށް ފުރަތަމަ ދަތުރުފުޅު ހަމަޖެއްސެވީ މިއަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. ނަމަވެސް ރައީސް ނަޝީދު ހައްޔަރުކުރުމާއި ގުޅިގެން ދިމާވި ސިޔާސީ ހަލަބޮލިކަމާއި ހެދި މޯދީގެ އެ ދަތުރުފުޅު ވަނީ ވަރަށް ކުއްލި ގޮތަކަށް ކެންސަލް ކުރެއްވާފަ އެވެ.
މޯދީ ވަރަށް އަވަހަށް ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މޯދީ ދަތުރުފުޅެއް ކުރައްވާނީ ކޮން އިރަކުކަމެއް ނޭނގެ އެވެ.