ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

27 ރިސޯޓެއްގައި ކޮވިޑް ޖެހިފައިވާ 200 މީހުން

ކޮވިޑް-19 އިގެ ބަލި މީހުން 13 ރަށެއްގައި އަދި 27 ރިސޯޓެއްގައި މި ވަގުތު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ މިވަގުތު ކޮވިޑްގެ ބަލި މީހުން 27 ރިސޯޓެއްގައި އެބަތިބި ކަމަށެވެ. އަދި އެ ރިސޯޓްތަކުގައި 200 މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 42 ފަތުރުވެރިންނާއި 158 މުވައްޒިފުންނެވެ. ނަމަވެސް އެ ރިސޯޓްތަކުގެ މައުލޫމާތު ހާމަ ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން 13 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަ ތިއްބެވެ. އެ ރަށްރަށުގައި 17 މީހުން އެބަތިއްބެވެ. އެއީ ފަސް ދިވެހިންނާއި 12 ބިދޭސީންނެވެ.

ކޮވިޑްގެ ބަލި މީހުން ތިބީ ހދ. ކުޅުދުއްފުށި އެ އަތޮޅު ނޭކުރެންދޫ އާއި ކުމުންދޫ އަދި ށ. ޅައިމަގު، ކޮމަންޑޫ، ފޭދޫގެ އިތުރުން ބ. އަތޮޅު ގޮއިދޫ، ކެންދޫ، ފުޅަދޫ ގައެވެ. އަދި ކ އަތޮޅުން ހުރާ، މާފުށީގެ އިތުރުން ގއ. ނިލަންދޫ އާއި ގދ. ނަޑެއްލާ ގައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީތަކުގެ ތެރެއިން ލ. ގަން ފެސިލިޓީގައި ދެ މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އެ ދެ މީހުންނަކީ އުމުރުން ދުވަސްވީ ކޮވިޑްގެ ހައިރިސްކު މީހުންނެވެ. އަނެއް ހަ ފެސިލިޓީ ހުރީ ހުސްކޮށެވެ.