ޑރ. މުހައްމަދު މުއިއްޒު

ނަތީޖާ ނެރެވޭނީ ސަރުކާރުގެ "ޕަޕެޓަކަށް" ނުވާ މީހަކަށް: މުއިއްޒު

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ނަތީޖާ ނެރެވޭނީ މި ސަރުކާރުގެ "ޕަޕެޓް" އަކަށް ނުވާ ރައްޔިތުންގެ ފަޅީގައި ހުންނާނެ ރައްޔިތުންގެ ހާދިމަކަށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަން ނިންމަވާފައިވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ނަތީޖާ ނެރެވޭނީ މި ސަރުކާރުގެ "ޕަޕެޓް" އަކަށް ނުވާނެ އަދި ސަރުކާރުގެ ޕްރެޝަރަށް ދީލާ ނުލާނެ، ސަރުކާރާ "ޑީލް" ތައް ނުހަދާނެ ރައްޔިތުންގެ ފަޅީގައި ހުންނާނެ ރައްޔިތުންގެ ހާދިމަކަށް ކަމަށެވެ. އެކަން ސަރުކާރުގެ "ހާދިމަކަށް" ނުކުރެވޭނެ ކަމަށް މުއިއްްޒު ވިދާޅުވިއެވެ.

މުއިއްޒު އިއްޔެ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ގުޅިފަޅާއި ފުށި ދިއްގަރު ފަޅަކީ މާލެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭން ހާއްސަ މަންޒިލަކަށް ހެދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މާލޭ މޭޔަރު ކަމަށް ހޮވޭ މީހެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވާން ޖެހޭނީ މާލެ ރައްޔިތުންނަށް ދާއީމީ ބޯހިޔާވަހިކަން ހޯދާދިނުމަށް މަސައްކަތް ކުރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މޭޔަރުގެ އެންމެ އިސް މަސްއޫލިއްޔަކަށްވާން ޖެހޭނީ އެކަން ކަމަށެވެ.