ބޭރު ކުޅިވަރު

ގާޑިއޯލާ މަޑުކުރާނެކަން ޔަގީން: ބަޔާން މިއުނިކް

ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗުކަމުގައި ސްޕޭނުގެ ޕެޕް ގާޑިއޯލާ މަޑުކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެކުލަބުން ބުނެފި އެވެ.

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގޭ ބުނީ މިއަހަރު ނިމުމުގެ ކުރިން ގާޑިއޯލާ އޭނާގެ ކުރިމަގާމެދު ނިންމާ ގޮތެއް އެނގޭނެ ކަމަށެވެ.

"ރަނގަޅު އެހެން ކުލަބުތަކުން މަސައްކަތްކުރާނެކަން ޔަގީން އޭނާގެ އެހީއަށް. އެކަމަކު އަހަރުމެންނަށް ޔަގީންކަން އެބައޮތް އޭނާ މިކުލަބުގައި މަޑުކުރާނެ ކަމަށް،" ރުމެނިގޭ ބުންޏެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު ގާޑިއޯލާ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރާ ކުލަބަކީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އެވެ. މީގެ އިތުރުން އިނގިރޭސި ގައުމީ ޓީމާ ހަވާލުވެދާނަންތޯ މީގެ ދެ ހަފުތާ ކުރިން ނޫސްވެރިން ސުވާލުކުރުމުން ގާޑިއޯލާ ވަނީ ޕްރެސްކޮންފަރެންސް ދޫކޮށް ގޮސްފަ އެވެ.

އުމުރުން 44 އަހަރުގެ ކޯޗު ކުރިން ބުނެފައިވަނީ އޭނާ އަށްވުރެ ރަނގަޅު މީހަކު ބަޔާނަށް ބޭނުންވެއްޖެކަމަށް ގަބޫލުކުރެވުމާއެކު މަގާމުން ވަކިވާނެ ކަމަށެވެ.