ހަބަރު

ފެހެންދޫ ބަނދަރު މަޝްރޫއުގެ އަޕްޑޭޓެއް ދީފި

ރަށު ބަނދަރު ތަރައްގީ ކުރަން ސަރުކާރުގައި އޮންނަ ޕްރޮގްރާމްގެ ތެރެއިން މިހާރު މަސައްކަތް ފަށާފައިވާ ބ. ފެހެންދޫ ބަނދަރުގެ މަސައްކަތް ހިނގާގޮތް އެމްޓީސީސީން ކިޔައިދީފި އެވެ.

ފެހެންދޫގެބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސަރުކާރައި ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުނި، އެމްޓީސީސީއާ އެވެ.

އެމްޓީސީސީން ބުނީ ފެހެންދޫ ބަނދަރު މަޝްރޫއުގެ 60 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 43،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

ފެހެންދޫ ބަނދަރު އެމްޓީސީސީއާއި ހަވާލު ކޮށްފައިވަނީ ޖުމްލަ 45.1 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއު މޮބިލައިޒްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.