ބޭރު ކުޅިވަރު

ބަޔާން ބަލިކުރަން ވަރަށް މޮޅަށް ކުޅެންޖެހޭ: ވެންގާ

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ ބަޔާން މިއުނިކް ބަލިކުރަން އާސެނަލް ވަރަށް މޮޅަށް ކުޅެން ޖެހޭ ކަމަށް އެކުލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ވެންގާ ބުނީ މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ބަޔާން މިއުނިކާ ދެކޮޅަށް އޭނާގެ ޓީމާމެދު ސަޕޯޓަރުން އުއްމީދީ ނަޒަރަކުން ދެކެން ޖެހޭ ކަމަށެވެ.

"އަހަރުމެން (އިނގިރޭސި) ލީގުގައި މިވަގުތު އޮތް ފޯމަށް ބަލާއިރު އެއުއްމީދު ގެންގުޅެންޖެހޭ. އަހަރުމެންގެ އިތުބާރު ބޮޑު. އަހަރުމެންނަށް އެނގޭ ކުރަންވީ ކަންތައް. 0-0އަކީ ރަނގަޅު ނަތީޖާއަކަށްނުވާނެ. ގޯލު ޖެހުމަސް އަހަރުމެން އެޓޭކްކުރަންޖެހޭނެ،" މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ ޓީމުގެ ކޯޗު ބުންޏެވެ.

ވެންގާ މިހެން ބުނިއިރު ބަޔާން އަކީ ޖަރުމަނު ލީގުގައި މިއިން ދުވަހަކު ނެތް ވަރުގެ ފޯމެއްގަ އެވެ. އެ ޓީމު ވަނީ ކުޅުނު ނުވަ މެޗުން ވެސް މޮޅުގެ ޖަރުމަނު ލީގުގެ ރެކޯޑެއް ވެސް ހަދައިފަ އެވެ.

ކޯޗު ޕެޕް ގާޑިއޯލާ ބުނީ މެޗުގައި 90 މިނިޓްގައި ހިތްވަރުކުރުމަށް ނޫން އިތުރުކަމެއް ކުރާކަމަށް ކުޅުންތެރިން ގާތުގައި އޭނާ ނުބުނާނެ ކަމަށެވެ.