ރިޝްވަތު ނެގިތަކުގެ ތުހުމަތުގައި ނޭޕާލުގެ ފުލުހުން ހައްޔަރުކޮށްފައިވާ ނޭޕާލްގެ ހަތަރު ކުޅުންތެރިންނާއި ކޯޗު އޭއެފްސީން ސަސްޕެންކޮށްފި އެވެ.
އޭޝިޔާގެ ފުޓްބޯޅައިގެ މައި ޖަމާއަތުން ސަސްޕެންޑްކުރި ހަތަރު ކުޅުންތެރިންނަކީ ގައުމީ ޓީމުގެ ކެޕްޓަން ސަގަރު ތާޕާ އާއި ވައިސް ކެޕްޓަން ސަންދީބް ރާއީ އާއި ގޯލްކީޕަރު ރިޓޭޝް ތާޕާ އާއި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ބިކާޝް ސިންގްގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު އަންޖަން އެވެ.
މި ކުޅުންތެރިން ސަސްޕެންޑްކުރީ 20 ދުވަހަށެވެ. ނަމަވެސް މައްސަލަ ތަހުގީގުކޮށް ނިމުމަށްފަހު މި ކުޅުންތެރިންނަށް ދިގު މުއްދަތުގެ ސަސްޕެންޝަނެއް އައުން ގާތްކަމަށް ނޭޕާލުގެ މީޑިޔާތަކުން ބުނެ އެވެ.
މި ކުޅުންތެރިން ހައްޔަރުކުރީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ކުޅުންތެރިންނަށް ފާރަލައިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގަ އެވެ.
އޭއެފްސީން ނިންމާފައިވަނީ މިފަދަ އަމަލެއް ހިންގައިފިނަމަ އެ ބަޔަކު އޭއެފްސީގެ ހުރިހާ ހަރަކާތްތަކަކުން ސަސްޕެންޑްކުރުމަށެވެ.
އެ އިދާރާގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ ދާތޯ ޖޯން ވިންޑްސޯ ވިދާޅުވީ މިއީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށާއި އޭއެފްސީގެ މި ނިންމުމުގެ ސަބަބުން އޭޝިޔާގެ ފުޓްބޯޅައިން ކޮރަޕްޝަން ފޮހެލަން އެ ޖަމާއަތުން ދެމުން އަންނަ އިސްކަން އެންމެނަށް ވެސް އެނގިގެންދާނެ ކަމަށެވެ.