ރަށު ޓޫރިޒަމް އެންމެ ބޮޑަށް ފުޅާކޮށްފައިވާ ކ. މާފުއްޓަށް އަރާ ފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފި އެވެ.
މާފުއްޓަށް އަރާ ފޭބުން މަނާކޮށްފައިވަނީ އެ ރަށުގެ ގެސްޓް ހައުސްއަކަށް ދިޔަ ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އޭނާ އެ ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އެގްޒެކްޓިވް ސްކްރީނިންގެ ތެރެއިންނެވެ.
އެޗްޕީއޭއިން ބުނީ މާފުށި މޮނިޓަރިންއަށް ގެނައީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި ބަޔަކު ތިބި ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މުޅީން ނިމި އެޗްޕީއޭއިން ވަކި ގޮތެއް އަންގަން ދެން މާފުއްޓަށް އަރާ ފޭބުން މަނާ ކޮށްފައިވާ ކަމަށެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ގެސްޓްހައުސް ޓޫރިޒަމް ނުވަތަ ރަށު ޓޫރިޒަމް ހުއްޓާލުމަށްފަހު އަލުން ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. މިހާތަނަށް ގެސްޓްހައުސް ހުޅުވާފައިވަނީ މާފުއްޓާއި ހުރާ އަދި ގުރައިދޫ އާއި ތޮއްޑޫގެ އިތުރުން ރަސްދޫ އާއި ވ. ތިނަދޫ އަދި ކެޔޮދޫ ފަދަ މަދު ރަށްތަކެއްގައެވެ. މިއީ ގެސްޓް ހައުސް ހުޅުވި ރަށެއް އެޗްޕީއޭގެ މޮނިޓަރިންއަށް ގެނައި ފުރަތަމަ ފަހަރެވެ.