ރާއްޖެ ކުޅިވަރު

މާޒިޔާގެ އެޓޭކް ވަރަށް ވަރުގަދަ: ނިއުގެ ކޯޗު

މާޒިޔާ އަކީ ހުރިހާ ގޮތަކުން ވެސް މޮޅު ޓީމެއް ކަމަށާއި ހާއްސަކޮށް އެ ޓީމުގެ އެޓޭކް ވަރުގަދަ ކަމަށް ނިއުގެ އާ ކޯޗު ނިކޮލާ ކަވަޒޮވިޗް ބުނެފި އެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މިއަދު މާޒިޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ކޯޗު ބުނީ މެޗުގެ ކުރިން އޭނާ މާޒިޔާގެ ކުޅުން ބަލައިފައިވާ ކަމަށެވެ.

"އެއީ ވަރަށް މޮޅު ޓީމެއް. ފަހަތް ރަނގަޅު، މެދުތެރެ ވެސް މޮޅު އަދި ހާއްސަކޮށް އެޓޭކް ވަރުގަދަ ޓީމެއް،" މިދިޔަ ހަފުތާގައި ޓީމާ ހަވާލުވި ސާބިއާގެ ކޯޗު ބުންޏެވެ.

އޭނާ ބުނީ ޕްރެޒިޑެންޓްސް ކަޕަށް ފަހު ލީގަށް ތައްޔާރުވާން ނިއު ހާއްސަ މަސައްކަތެއް ނުކުރާ ކަމަށާއި އޭނާ ޓީމާ ހަވާލުވުމަށްފަހު ކުރި ކަމަކީ ވަކިވަކި ކުޅުންތެރިންނާއި ޓީމުގެ ކޯޑިނޭޝަން ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށެވެ.

"ތައްޔާރުވުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކޭނެ. އެއީ އަހަރެން އަދި މިކުރީ އިންޑިވިޖުއަލް ކުޅުންތެރިންނާއި ޓީމުގެ ކޯޑިނޭޝަން ރަނގަޅު ކުރަން ކުރަންޖެހޭ ފަދަ ބައެއް ކަންކަން. ތައްޔާރުވާން ވަގުތެއްނެތެއްނު،" ސްރީލަންކާގެ ކުރީގެ ކޯޗު ބުންޏެވެ.

އޭނާ ބުނީ މާޒިޔާއާ ދެކޮޅަށް ނިއުގެ ބިދޭސީ މިޑްފީލްޑްރު ވިލިއަމް މަކޯ އަށް ނުކުޅެވުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

"އޭނާ އަކީ މި ޓީމަށް އިތުރު ކުރިއެރުންތަކެއް ގެނުވިދާނެ ކުޅުންތެރިއެއް. އެކަމަކު އޭނާ ނުލައި ކުޅެން ޖެހިފައި މިވަނީ،" ކޯޗު ބުންޏެވެ.

މި މެޗަކީ އައްޑޫ ސިޓީގައި މިމަހުގެ ހަތަރު ވަނަ ދުވަހު ނިމުމު ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލްގައި ނިއު އަތުން މާޒިޔާ މޮޅުވި މެޗަށް ފަހު މި ދެ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ނިއު އާއި މާޒިޔާ އަކީ މިވަގުތު ޓޭބަލުގެ ކުރީގައި އޮތް ދެ ޓީމަށްވާއިރު މިހާރު އެންމެ ވާދަވެރި ދެ ޓީމު ވެސްމެ އެވެ.