ހަބަރު

މަޖިލިސް ބަގު ކުރަން އުޅުނު މައްސަލައެއް ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސްގެ އޮފީސް "ބަގު" ކުރަން އުޅުނުކަމުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަން ފަށައިފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކޮމިޓީ ކޮޓަރިއެއްގައި ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ބޭނުމުގައި "ބަގު" ކުރުމަށް އާލާތްތަކެއް ހަރުކުރަން އުޅުނު ކަމުގެ މައްސަލައެއް މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ސަމާލު ކަމަށް ގެންނަވާފައިވާ ކަމަށެވެ.

މިގޮތުން، މަޖިލިސް ބަގު ކުރުމަށް މަޖިލީހުގައި މަސައްކަތްކުރާ ސެކިޔުރިޓީ ސްޓާފުންނާއި ފުލުސް އޮފީހުގައި މަސައްކަތްކުރާ ސްޓާފަކާ ވާހަކަ ދެކެވި، މަޖިލީހުގެ ސެކިޔުރިޓީ ސްޓާފަކު އެކަން ސާޖަންޓް އޮފް އާމްސްގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް، ނަޝީދު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަކީ އެމަނިކުފާނު ވިސްނުންފުޅުގައި އޮތް ކަމެއް ނޫން ކަމަށާއި، ނަމަވެސް، މަޖިލީހުން ސާޖަންޓް އޮފް އާމްސް އިސްވެ އެ މައްސަލަ ކޮންމެވެސް މިންވަރަކަށް ބަލަން ބޭނުންފުޅުވާ ކަމަށެވެ.

"ފުލުސް އޮފީހުގެ މިދެންނެވި ކުއްޖާ ގުޅުއްވަމުން ގެންދެވީ މި ތަނުގެ އަންހެން ސްޓާފަކާ. ދެން އެބޭފުޅާ ވެސް ވަރަށް ހަރުދަނާކަމާ އެކީގައި މި މަޖިލީހަށް އެކަން ކޮށްދެއްވީ. އަޅުގަނޑު އެ ބޭފުޅާއަށް ޝުކުރު ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.

އެއާއެކު، އެ މައްސަލަ އިތުރަށް ބެލުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީއަށް ނަޝީދު ވަނީ ފޮނުއްވައިފަ އެވެ.