ދުނިޔެ

މަސްތުވާތަކެތި ބޭނުންކުރުމުން އަދަބު ނުދޭން އދ. އިން ވިސްނި

ނިއުޔޯކް (ބީބީސީ) -- މަސްތުވާތަކެތި ބޭނުން ކުރުމާއި އަމިއްލަ ބޭނުމަށް އެފަދަ ތަކެތި ގެންގުޅުމަކީ އަދަބު ދެވޭނެ ކުށެއް ނޫން ކަމަށް ކަނޑައަޅަން އދ. ގެ ކަމާބެހޭ އިދާރާއިން މަސައްކަތް ކުރިކަން ލީކުވި ލިޔުމަކުން ހާމަވެއްޖެއެވެ.

އދ. ގެ މަސްތުވާތަކެއްޗާ ކުށް ކުރުމާ ބެހޭ އިދާރާ، ޔޫއެން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އެކުލަވައިލި މި ލިޔުމާ ކޮންމެވެސް ބާރު ގަދަ ގައުމެއް ދެކޮޅު ހެދުމުގެ ސަބަބުން އެ ލިޔުން ވަނީ އަނބުރާ ގެންގޮސްފައެވެ.

މަސްތުވާތަކެތި ބޭނުން ކުރުމާއި އަމިއްލަ ބޭނުމަށް މަސްތުވާތަކެތި ގެންގުޅުމަކީ އަދަބު ކަތަކެކެވެނޑައެޅިފައިވާ ކުށެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެންނައުމަށް ލީކުވި މިލިޔުމުގައި އދ. ގެ މެންބަރު ގައުމުތަކަށް ގޮވާލާފައި ވެއެވެ. މި ލިޔުން ބުނާގޮތުން މިފަދަ އަދަބުތަކަކީ އެކަށީގެންނުވާ ފިޔަވަޅުތަކެކެވެ.

މި ލިޔުން އެކުލަވާލާފައިވަނީ އެ އިދާރާގެ އެޗްއައިވީ/އެއިޑްސް ސެކްޝަނުގެ ވެރިޔާއެވެ. އަދި މިއީ މިހާރު މެލޭޝިޔާގައި ކުރިއަށްދާ އދ. ގެ ކޮންފަރެންސަކަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.

ޔޫއެންއޯޑީސީ ގެ އޮފިޝަލަކު ވިދާޅުވީ މިއީ ގަރާރަކަށް ހެދުމަށް އެކުލަވާލާފައިވާ ލިޔުމެއް ނޫން ކަމަށެވެ. އަދި މި ލިޔުން އެކުލަވާލި ޑރ. ބެގް އަކީ އދ. ގެ މެދު ފަންތީގެ އޮފިޝަލެއް ކަމަށާއި އޭނާގެ މި ލިޔުމުގައި ހިމަނާފައި އެވަނީ ލަފައެއް ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މި ލިޔުމުގައި ގައުމުތަކަށް ގޮވާލާފައި ވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި ޕޮލިސީތައް ކަނޑައެޅުމުގައި އަދަބު ދިނުން ހިމެނުމުގެ ބަދަލުގައި މައްސަލަ ހައްލު ކުރެވޭނެ ސިއްހީ ގޮތްތަކެއް ހޯދުމަށެވެ. އަދި މިހާރު އޮންނަ ގޮތަށް، އަދަބު ދިނުމުގެ ސަބަބުން މުޖްތަމައުގައި ސިއްހީ މައްސަލަތައް ގިނަވެ، ސަލާމަތާ ރައްކާތެރިކަމަށް ބުރޫއަރައި އިންސާނީ ހައްގުތަކަށް ހުރަސް އެޅޭ ކަމަށް ވެސް މި ލިޔުމުގައި ބުނެއެވެ.