ހަބަރު

އަދަބު ލުއި ކުރާ ގޮތަށް 32 ދައުވާއަށް ޒިޔަތު އިއުތިރާފުވެއްޖެ

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދައުލަތާއެކު އަދަބު ލުއި ދިނުމުގެ އެއްބަސްވުމެއް ހަދައި އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާ އަށް އެއްބަސްވެއްޖެ އެވެ. އަދި ދައުލަތާއި ފުލުހުން ގުޅިގެން ހިންގާ ޖޮއިންޓް ތަހުގީގަށް އެއްބާރުލުންދޭންވެސް އޭނާ ވަނީ އެއްބަސްވެފަ އެވެ.

ޒިޔަތު މިހެން އެއްބަސްވެފައިވަނީ ޅ. މާބިންހުރާގެ މައްސަލާގައި އަށް އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ބޭއްވި އަޑުއެހުމުގަ އެވެ.

މިއަދު ބޭއްވި އަޑުއެހުން ފައްޓަވަމުން ފަނޑިޔާރު މުހައްމަދު އިބްރާހިމް ވިދާޅުވީ ޖަލު ހުކުމް އަނބުރާ ގެންދެވުމަށް ޒިޔަތުގެ ފަރާތުން ސިޓީއެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލަ އަނބުރާ ގެންދަވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއާއެކު އެއްބަސްވުމެއް ހަދާފައިވާތީ ކަމަށްވެސް ސިޓީގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު މުހައްމަދު އިބްރާހިމް ވަނީ މި ސިޓީ އާއި ގުޅިގެން ޒިޔަތާއި ސުވާލު ކުރައްވާފަ އެވެ. އެގޮތުން މައްސަލަ އަނބުރާ ގެންދިޔުމަކީ އިސްތިއުނާފް ހައްގެއް ދޫކޮށްލުންކަން ޒިޔަތައް އިނގޭތޯ އާއި މައްސަލަ އަނބުރާ ގެންދަން ނިންމީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެންތޯ ސުވާލު ކުރެއްވި އެވެ. އަދި އެފަދަ ސިޓީއެއް ފޮނުވުމުގެ ނަތީޖާ އެނގިވަޑައިގަންނަވާތޯވެސް ފަނޑިޔާރު ވަނީ ސުވާލު ކުރައްވާފަ އެވެ.

ޖަވާބުގައި ޒިޔަތު ވިދާޅުވީ އިސްތިއުނާފް ހައްޔގު ދޫކޮށްލާކްނ އިނގޭ ކަމަށާއި މިގޮތަށް ނިންމީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ކަމަށެވެ. އަދި މި ސިޓީ ފޮނުއްވީ އޭގެއިން ނިކުންނާނެ ނަތީޖާވެސް ރަނގަޅަށް އެނގިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މިއަދުގެ މަޖިލީހުގައި ޕްރޮސެކިއުޓާ އޮފީހުގެ ފަރާތުން ވާހަކަ ދައްކަވަމުން ވަކީލާ ވިދާޅުވީ ޒިޔަތާއެކު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެއްބަސްވުމެއް ހެދީ ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި އަދި ކޮރަޕްޝަން ތަހްގީގު ކުރުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނާއި ވެސް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން މިއެއްބަސްވުމުގައި މިހާރު ޒިޔަތާ ދެކޮޅަށް އުފުލާފައިވާ 32 ދައުވާއަށް އޭނާ އިއުތިރާފްވެފައިވާ ކަމަށްވެސް ޕީޖީގެ ވަކީލާ ވަނީ ވިދާޅުވެފަ އެވެ. އެހެން ކަމުން ދައުވާ އަނބުރާ ގެންދިޔުމުގެ އިއުތިރާޒެއް ނެތް ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދެއްކި ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ދައުވާ ސާބިތުވެ މިހާރު ޒިޔަތު ގެންދަވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލާގެ އިސްތިއުނާފު ހައިކޯޓުގައި ވެސް ކުރިއަށް ގެންގޮސްފައިވާއިރު އެ ކޯޓުން ވެސް ހުކުމްކުރީ ޒިޔަތަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ރަނގަޅު ކަމަށެވެ.

އަށް އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވީނަމަވެސް ހޯމް މިނިސްޓްރީ އަށް ލިބިދީފައިވާ ބާރުގެ ދަށުން އެ މިނިސްޓްރީގެ ނިންމުމަކަށް އޭނާ ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ގޭބަންދަށް ބަދަލު ކޮށްފަ އެވެ. އޭގެ ފަހުން މިއަދާ ހަމަޔަށްވެސް އޭނާ ހުންނެވީ ގޭބަންދުގަ އެވެ.