ލައިފްސްޓައިލް

މިލިއަނަރުންގެ ސިފަތަކަކީ ކޮބާ؟

މިލިއަނަރުން އެހެން މީހުންނާ ތަފާތީ ކޮން ގޮތަކުން ހެއްޔެވެ؟ ރަނގަޅެވެ. އެމީހުންގެ އަތުގައި ވަރަށް ބައިވަރު ފައިސާ ހުރީމަ އެވެ. ދެން ކޮން ސަބަބެއް ހެއްޔެވެ؟

އެމީހުންނަކީ ރެއާއިދުވާލު ހުއްޓުމެއް ނެތް ކާމިޔާބީ އަށް ވާސިލުވުމަށް މަސައްކަތްކުރާ މީހުން ހެއްޔެވެ؟ އެމީހުންގެ ސިކުނޑިތަކަކީ ހަރުހިލަ ހިތާއި ފަރުބަދަތައް މާމުޔަށް ބަދަލުކޮށްލާ ފެންވަރުގެ ސިކުނޑިތަކަކީ ހެއްޔެވެ؟ ނުވަތަ ޖޭމްސް ބޮންޑް ފަދަ ފިލްމުތަކުން ފެންނަ ނުރައްކާތެރި އަދި އެހާމެ މަކަރުވެރި ނުބައިބައި މީހުންގެ ސިފަތައް ލިބިފައިވާ މީހުންނީތޯ އެވެ؟

މިލިއަނަރުންގެ ހާއްސަ ސިފަތަކާ ބެހޭ ގޮތުން ނިކަން ތަފްސީލުކޮށް މައުލޫމާތު ހިމަނާފައިވާ ދެ ފޮތެއް އޮންނާނެ އެވެ. އެއީ "ދަ މިލިއަނާ ނެކްސްޓް ޑޯ" އާއި "ދަ މިލިއަނާ މައިންޑް" އެވެ. މި ދެ ފޮތް ލިޔުނު ލިޔުންތެރިން އެމީހުންގެ މި މަސައްކަތުގައި 700 އަށް ވުރެ ގިނަ މިލިއަނަރުންނާ އިންޓަވިއުކޮށް ދިރާސާކޮށްފައިވެ އެވެ.

އޭގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ އެމީހުންގެ ގައިން ދަލާއި ލޭ އޮހޮރުވައިގެން އަމިއްލަ މަސައްކަތުން މިލިއަނަރުންގެ ގޮނޑި ކަށަވަރުކޮށްފައިވާ މީހުންނެވެ. އެހެންވީމަ އަމިއްލަ މަސައްކަތުން މިލިއަނަރަކަށްވުމަކީ ކިހާ ވަރެއްގެ ކަމެއް ހެއްޔެވެ؟

ޔަގީނަށް އެގެން އޮތް ކަމަކީ އެއީ ފަސޭހަ ކަމެއް ނޫން ކަމެވެ.

މިލިއަނަރުންނަކީ އެމީހުންގެ ކާމިޔާބީ އަށް ވާސިލުވުމަށް ނުވަތަ އަމާޒުތަކަށް ވާސިލުވުމަށް އާދައިގެ މީހުން ނުކުރާ އެތައް ކަމެއް އެތައް ތަރުތީބަކަށް ކުރަމުން ގެންދާ މީހުންނެވެ. އެހެންވީމަ މަތީގައި ފާހަގަކޮށްފައި އެވާ ދެ ފޮތުގެ ދިރާސާއިން ފާހަގަކޮށްލެވުނު ބައެއް ސިފަތަކަށް ބަލާލަމާ ހިނގާށެވެ.

އަމިއްލަ އަށް ކޮންމެ ވެސް ކަމެއް ފަށާށެވެ.

ވަކިން ހާއްސަކޮށް މޮޅު ހިޔާލެއް ނުވަތަ ވިޔަފާރީގެ ގޮތުން ބޮޑު ނަފާއެއް ލިބިދާނެ ކަމަށް ގަބޫލުކުރެވޭ ފެންވަރުގެ އައިޑިއާއެއް އަތުގައި އޮވެއްޖެ ނަމަ އެ ހިޔާލެއް އެހެން މީހަކަށް ދިނުމުގެ ބަދަލުގައި އެންމެ ބުއްދިވެރި ގޮތަކީ އަމިއްލަ އަށް އެ ހިޔާލެއްގައި ހިފައިގެން ކުރިއަށް ދުއްވައިގަތުމެވެ.

ކަށަވަރުކުރަން ޖެހޭ ކަމަކީ އެއިން ފައިދާ ވަންނަނީ ތިމާގެ އަމިއްލަ ޖީބަށް ކަމެވެ. ވަޒީފާ އަދާކުރާ ތަނެއްގެ ވެރިއެއްގެ ޖީބަށް ނޫން ކަމެވެ.

މިއީ މިލިއަނަރުންގެ ސިފައެކެވެ.

ދިރާސާތަކުން ދައްކާ ގޮތުން އަމިއްލަ މަސައްކަތެއް ކުރާ މީހުންނާއި އެހެން މީހުންނަށް މަސައްކަތްކުރާ މީހުންނާ އަޅާ ބަލާއިރު އަމިއްލަ ވިޔަފާރިއެއް ހިންގާ މީހާ މަހުޖަނަކަށް ނުވަތަ މިލިއަނަރަކަށް ވުމުގެ ފުރުސަތު އާދައިގެ މީހާ އަށް ވުރެ ހަތަރު ގުނަ މަތިވެ އެވެ.

އެކަމަކު ވެސް ވަރަށް ބިރުވެރިކަމެއް!

ބޮޑު ކުންފުންޏެއްގެ މަގާމެއް ދޫކޮށްލާފައި ނުވަތަ ރަނގަޅަށް ހިނގަހިނގައި ހުރި ކުންފުންނަކުން ޔަގީންވެފައި އޮތް ވަޒީފާއެއް ދޫކޮށްލާފައި އަމިއްލަ މަސައްކަތެއް ފެށުމަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ރިސްކެކެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ މިލިއަނަރުން ގަބޫލުކުރާ ގޮތް ތަފާތެވެ. އެމީހުން ގަބޫލުކުރާ ގޮތުން ތިބާގެ މުޅި އުމުރުގައި އެހެން މީހަކަށް ހިދުމަތްކުރުމަކީ ނުވަތަ މަސައްކަތްކޮށް ދިނުމަކީ އަމިއްލަ މީހާގެ ދިރިއުޅުމަށް އޮންނަ މާ ބޮޑު ނުރައްކަލެކެވެ.

ކުޑަކޮށް ވިސްނާލީމަ، ފަހަރެއްގައި މިލިއަނަރެއް ފަދައިން ވިސްނެން ފަށައިފާނެ އެވެ. މިސާލަކަށް މަސައްކަތްކުރާ އޮފީސް ބަނގުރޫޓުވެއްޖެ ނަމަ ނުވަތަ އެކުންފުނީގެ ވެރިޔާ ތިބާއާ މެދު ކަމަކާ ހިތްހަމަނުޖެހިގެން ވަޒީފާ އިން ކަނޑާލައިފި ނަމަ އޭގެ ނޭދެވޭ އަސަރު އެތައް ގޮތަކަށް ދިރިއުޅުމަށް ކުރާނެ އެވެ.

ހަގީގަތަކީ، އެހެން މީހަކަށް ނުވަތަ ކުންފުންޏަކަށް މަސައްކަތްކޮށް ދިނުމަކީ ތިމާގެ ދިރިއުޅުމުގެ ކޮންޓްރޯލް ވަރަށް ގިނަ ފަހަރަށް ގެއްލިގެންދާ ކަމެކެވެ. އަމިއްލަ ދިރިއުޅުމުގެ މިސްރާބު އޭރުން އަބަދުވެސް ބަލަން ޖެހޭނީ މަތީގައި ހުންނަ ވެރިމީހާގެ ސަމުގާ އިންނެވެ.

މިލިއަނަރުންނަކީ މިގޮތަށް މަސައްކަތްކުރަން ބޭނުންވާ ބައެއް ނޫނެވެ. އެމީހުން ބޭނުން ވަނީ މިނިވަންކަމާ އެކު މަސައްކަތްކޮށް އަމިއްލަ މުސްތަގުބަލު ބޭނުން ގޮތަކަށް ކަނޑައަޅާށެވެ. އެވަރަށް އިތުބާރު ވެސް އެމީހުންގެ ބޮޑުވީމަ އެވެ.

އިތުބާރާއި އަޒުމް ވަރުގަދަވުމުގެ އިތުރުން މިލިއަނަރުންނަކީ ނިކަން ގަދަ އަށް ގަވާއިދުން މަސައްކަތް ވެސް ކުރާ މީހުންނެވެ.

ކޮންމެ ވިޔަފާރިއެއް ވެސް އޯކޭތަ؟

އޯކޭއެއް ނޫނެވެ. މިލިއަނަރުންނަކީ ހިތަށް އަރާހާ ވިޔަފާރިއެއް ކުރަން ޝައުގުވެރިވާ ބައެއް ނޫނެވެ. އެންމެ ކުޑައިރުއްސުރެން ފެށިގެން ހިތު އަޅައިގެން އުޅޭ ވިޔަފާރި ވެސް ގިނަ މިލިއަނަރުން ނުކުރެ އެވެ.

އޭގެ ބަދަލުގައި ކުރަން ޖެހޭ ވިޔަފާރިއެއް ނުވަތަ ފަށަން ޖެހޭ ވިޔަފާރިއެއް އެމީހުން ކަނޑައަޅަނީ އެއަކުން ލިބޭނެ ފައިދާއަކަށް ބަލައިގެންނެވެ. އެ ވިޔަފާރިއަކީ ނިކަން ގަދަ އަށް ފައިސާ ހެދޭނެ ވިޔަފާރިއެއް ކަމުގައި ވަނީ ނަމަ މިލިއަނަރުން ދާނީ އެ ދިމާލަކަށެވެ. އެ ދާއިރާއަކީ އެ މީހަކަށް މުޅިން އާ އަދި އެކަމުގައި ތަޖުރިބާއެއް ނެތް ދާއިރާއަކަށްވިޔަސް ކަން އޮތީ މިހެންނެވެ.

މިލިއަނަރުން ވިޔަފާރިއެއް ފަށާއިރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކުޑަކުޑަ ސަޕްލައިއަކުން ބޮޑު ޑިމާންޑެއް އުފެއްދޭ ކަހަލަ ވިޔަފާރިތަކަށެވެ.

މިހެން ބުނީމަ ބައެއް މީހުންގެ ހިތަށް އަރައިފާނެ އެވެ. އެންމެން ވެސް ވިޔަފާރި ކުރާނީ ދެން އެހެންނެއް ނޫން ހެއްޔެވެ؟ އާއެކެވެ. އެކަމަކު އެގޮތަށް ވިޔަފާރި އިހްތިޔާރުކުރާ މީހުން ހަގީގަތުގައި ވެސް ވަރަށް މަދުކަން އެނގެނީ ކިތައް މީހުންނަށްތޯ އެވެ؟

މިސާލަކަށް ދިރާސާތަކަށް ބަލާލާއިރު އަލަށް ވިޔަފާރިއެއް ފަށާ މީހުންގެ 63 ޕަސެންޓް މީހުން ބުނެފައި ވަނީ އެމީހުންގެ ވިޔަފާރިއެއްގައި މާ ބޮޑު ވާދަވެރިކަމެއް ނުވަތަ ޑިމާންޑެއް ނޯންނަ ކަމަށެވެ. އަދި ވިޔަފާރިއެއް ފަށާއިރު މާކެޓް ރިސާޗް ހަދަނީ މީގެ ތެެރެއިން ތިން ބައި ކުޅައެއްބައި މީހުންނެވެ.

އަނެއްކޮޅުން ގިނަ މީހުންނަކީ ފައިދާވާނެ ރަނގަޅު އިންޑަސްޓްރީއެއްގައި ވިޔަފާރިއެއް ފަށަން ވެސް ނޭނގޭ މީހުންނެވެ. މިލިއަނަރުންނާއި އާދައިގެ މީހުންގެ ތަފާތަކީ މިއީ އެވެ.

ހުރިހާ މިލިއަނަރުންނަކީ ބުއްދިވެރިންނެއް ވެސް ނޫނެވެ.

އެކަމަކު މި އެންމެންނަކީ ވެސް އެމީހުންގެ ވޯކް އެތިކުގައި އަބަދުވެސް 100 ޕަސެންޓް ޖަހާ މީހުންނެވެ.

ގިނަ މިލިއަނަރުންނަކީ މާ މައްޗަކަށް ކިޔަވައިގެން ތިބޭ ބައެއް ވެސް ނޫނެވެ. އެމީހުންގެ ކާމިޔާބީގެ ހުރިހާ ވެސް ޝުކުރެއް ހަގީގަތުގައި ހައްގު ވަނީ އެމީހުންގެ މަސައްކަތުގެ އަހުލާގަށާއި މަސައްކަތުގައި ކުރާ ހިތްވަރަށާއި އެކަމަކަށް ދޭ އަހަމިއްޔަތަށެވެ.

ފަހަރެއްގައި މިލިއަނަރުން، މިލިއަނަރުންނަށް ވަނީ ވެސް މި ސަބަބާ ހެދި އެވެ. ގަދަ އަށް ކިޔަވައިގެން ކަންކަން އުނގެނިގެން ތިބޭ "ސްމާޓް" މީހުންނަކީ އެމީހުންގެ ދިރިއުޅުމުގައި ކޮންމެ ކޮންމެ ކަހަލަ ރިސްކުތަކެއް ނަގަން ބޭނުންވާނެ ބައެއް ނޫނެވެ. ބަދަލުގައި ރިސްކު ނަގައިގެން ގެއްލުންވެގެން، ދިރިއުޅުން ހަނާކޮށްގެން އެންމެފަހުން މުއްސަނދި ވަނީ ރިސްކު ނަގަން ކެރޭ މީހާ އެވެ.

މިލިއަނަރުންގެ އެމީހުންގެ ޚަރަދަށް ވަރަށް ބަލާނެ!

"ދަ މިލިއަނާ ނެކްސްޓް ޑޯ" ފޮތުގައި ބުނެފައިވާ ގޮތުން 1،000 ޑޮލަރުގެ ކޯޓު ފަޓުލޫނު ހެދުމެއް ގެންގުޅުއްވާ ކޮންމެ މިލިއަނަރަކަށް، އެ އަގުގައި އެ ފެންވަރުގެ ކޯޓު ފަޓްލޫނު ހެދުމެއް ގެންގުޅޭ މިނިއަނަރުން ނޫން މީހުންގެ އަދަދު ހައެކަށް އަރަ އެވެ. އެހެންވީމަ ގިނައިން ފައިސާ ލިބޭ މީހާ އަށް ވުރެ ބޮޑު ހޭދައެއް ހުރިހާ ކަމަކަށް ކުރަނީ މަދުން ފައިސާ ލިބޭ މީހުންނެވެ.

މިސާލަކަށް ލަގްޒަރީ ކާރުތަކަކީ ވެސް މަހުޖަނުންނަށް ވުރެ ބޮޑަށް އާދައިގެ މުސާރައެއްގައި އުޅޭ މީހުން މާ ބޮޑަށް ދަހިވެތިވާ ފަދަ އުޅަނދުތަކެވެ. ފޮތުގައި އިންޓަވިއުކޮށްފައިވާ މިލިއަނަރުންގެ ތެރެއިން ދެ ބައިކުޅަ އެއްބައި މީހުންނަކީ ދުވަހަކު ވެސް އެމީހުންގެ އަމިއްލަ ކާރަކަށް 30،000 ޑޮލަރަށް ވުރެ މަތިން ޚަރަދުކޮށްފައިވާ މިލިއަނަރުންނެއް ނޫނެވެ.

އެހެންވީމަ ފެރާރީ އާއި މާސެޑާޒް ބެންޒް ކާރުތަކުގައި މި އުޅެނީ ކޮން ބައެއް ހެއްޔެވެ؟