އިންޓަ މިލާންއަށް ބަދަލުވިތާ، އެއް އަހަރު ނުވަނީސް އެ ކުލަބު ދޫކޮށްލުމުގެ ހުއްދަ މިޑްފީލްޑާ ކްރިސްޓިއަން އެރިކްސަންއަށް ކުލަބުން ދީފި އެވެ.
ޑެންމާކްގެ މިޑްފީލްޑާ އިންޓައަށް ބަދަލުވީ، މިއަހަރު ޖަނަވަރީ މަހު ޓޮޓެންހަމް ހޮޓްސްޕާސްއިންނެވެ. ކުލަބަށް ބަދަލުވިތާ އެއް އަހަރު ނުވަނީސް ކުލަބު ދޫކޮށްދިއުމުގެ ހުއްދަ އިންޓައިން އެރިކްސަންއަށް ދީފައި ވަނީ، އެ ކުލަބުގައި ކޯޗް އެންޓޯނިއޯ ކޮންޓޭއާއެކު އޭނާއަށް ލިބޭ ފުރުސަތު މަދުވުމުން ކުލަބުގައި އޭނާގެ ކުރިމަގާ ބެހޭގޮތުން ސުވާލު އުފައްދާފައި ވަނިކޮށެވެ.
މި ސީޒަންގައި މިހާތަނަށް އޭނާ އަށް ފުރުސަތު ދިނީ ހަތަރު މެޗުންނެވެ. އެންމެ ފަހުން ސެރީ އޭ ގައި ކުޅުނު ތިން މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައިވެސް އޭނާ ބޭނުން ނުކުރެ އެވެ. އޭނާ އަށް ލިބޭ ފުރުސަތު މަދުވުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރިނަމަވެސް ކޮންޓޭ ބުނެފައި ވަނީ އެއް ކުޅުންތެރިޔެއްގެ ހިތްހަމަ ޖެހުމަށް ޓީމު ސްކޮޑު އެކުލަވާ ނުލެވޭނެ ކަމަށެވެ.
އިންޓަގެ ސީއީއޯ ގްސެއްޕޭ މޮރާޓާ ވިދާޅުވީ، އެރިކްސަން ބޭނުންނަމަ ކުރިއަށް އޮތް ޖަނަވަރީ ޓްރާންސްފާގައި އޭނާއަށް ކުލަބު ދޫކޮށްލެވި ދާނެ ކަމަށެވެ. މޮރާޓާ ވިދާޅުވީ ޓްރާންސްފާ ޕީރިއަޑްގައި އެރިކްސަންގެ ހާލަތު ގާތުން ބަލާނެ ކަމަށެވެ. އަދި އޭނާ އަށް ހުށަހަޅާ ޓްރާންސްފާތަކާ މެދުވެސް އިންޓައިން ފުންކޮށް ވިސްނާނެ ކަމަށެވެ.
"އެތެރޭ މަރުހަލާގައި ކޮންޓޭ ވަނީ މިހާރު އެކަމާ ބެހޭގޮތުން ވާހަކަ ދައްކާފަ،" އެރިކްސަންގެ ހަލާތާ ބެހޭގޮތުން ވާހަކަ ދައްކަމުން މޮރާޓާ ވިދާޅުވި އެވެ.
"އަހަރެން އިތުރު ކޮށްލަން ބޭނުންވާ ވާހަކައަކީ ކުޅުންތެރިޔަކު ކުލަބު ދޫކޮށްލަން ބޭނުންވާ ކަމަށް ވަންޏާމު އަހަރެމެން އެ ކުޅުންތެރިޔަކަށް މަޖުބޫރެއް ނުކުރާނަން ޓީމުގައި ހުންނާކަށް."
ޓޮޓެންހަމްގެ ކުރީގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ "ގޮލާޒޯ" ގެ ނަމުން ނަމުން ވަނަން ދީފައިވާ އެރިކްސަން އިންޓައަށް ބަދަލުވީ 16.9 މިލިއަން ޕައުންޑަށެވެ. ސްޕާސް ދޫކޮށްލަން އެއް އަހަރު ކުރިން އޭނާ ނިންމީ، އެހެން ގައުމެއްގައި ތަފާތު ޗެލެންޖެއް ނެގަން ބޭނުންވާ ކަމަށް ބުނެ އެވެ.