ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ޖެނުއަރީ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވިލާ ކޮލެޖުން ބުނީ އަންނަ ޖެނެއަރީ މަހު އެ ކޮލެޖުގެ ކުޅުދުއްފުށި ކެމްޕަހުގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ޓީޗިން، އެޑިއުކޭޝަން، ޝަރީއާ، ލޯ، އިސްލާމް، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިން އެންޑް ފައިނޭންސް، މާކެޓިން، ހިއުމަން ރިސޯސް، އިންޖިނިއަރިން، ރިސާޗް، ނާސިން، ސައިކޮލޮޖީ، ޕަބްލިކް ހެލްތް އަދި މެރިން ސްޓަޑީސް ދާއިރާއިން ޖުމްލަ 102 ކޯހެއް ހިންގާނެ ކަމަށެވެ.
މި އިންޓޭކްގައި މާސްޓާސް ފެންވަރުގެ 14 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ ހަ ކޯހަކާއި، ޑިގްރީ ފެންވަރުގެ 27 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 21 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 14 ކޯހަކާއި އަދި ސެޓްފިކެޓް ތިނެއް ފެންވަރުގެ 11 ކޯހަކާއި ސެޓްފިކެޓް ލެވެލް ދޭއްގެ ދެ ކޯހުގެ އިތުރުން ސެޓްފިކެޓް ލެވެލް އެކެއްގެ އެއް ކޯސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވިލާ ކޮލެޖުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެކޮލެޖުން ވަނީ އޭސީސީއޭގެ ނޮލެޖް ލެވެލް، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލްގެ އިތުރުން، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ހާއްސަ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަސިޓީގެ ބީއެސްސީ (އޮންސް) އިން އެޕްލައިޑް އެކައުންޓިން ކޯހަށް ވަނުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. ޖެނުއަރީ އިންޓޭކުގައި މި ހުޅުވާލެވޭ ކޯސްތަކުގެ ތެރެއިން 79 ކޯހަކީ އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު އޮތް ކޯސްތަކެއް ކަމަށްވެސް އެ ކޮލެޖުން ވަނީ ބުނެފަ އެވެ.
މިހާރު ފުރުސަތު ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އެއް ކަމަށްވާ، ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓާސް އަދި ބެޗެލާސް ޑިގްރީ ކޯސްތައް ހިމެނޭ ކަމަށް ވިލާ ކޮލެޖުން ވަނީ ބުނެފަ އެވެ. އަދި މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކާއި އިންޑަސްޓްރީތައް ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތަކެއްް ކަމަށްވެސް އެ ކޮލެޖުން ވަނީ ބުނެފަ އެވެ.
ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ ޑިސެންބަރު މަހުގެ 19 ވަނަ ދުވަސް ކަމަށާއި އަންނަ ޖެނުއަރީ މަހުގެ ތިން ވަނަ ހަފްތާގެ ތެރޭގައި ކިޔެވުން ފަށާނެ ކަމަށްވެސް އެ ކޮލެޖުން ވަނީ ބުނެފަ އެވެ.
ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކޭނެ އިންތިޒާމްވެސް މިހާރު ހަމަޖެހިފައުވާ ކަމަށާއި މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލާސް ޑިގްރީ ޕްރޮގްރާމެއް ކިޔެވުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާނެ ކަމަށް އެ ކޮލެޖުން ވަނީ ބުނެފަ އެވެ.