ލައިފްސްޓައިލް

ހެއްވާލަދިން ވައިންސް: އެލްޖޭ ވައިންސްގެ ވާހަކަ!

އަހުމަދު ލުޖެއިން އަކީ އާދައިގެ ސޮރެއް ނޫނެވެ. ފަހަރެއްގައި އެންމެ ބަސް އަހައިގެން، އެންމެ މަޑުން އިންނަ ކުއްޖަކަށް ވެސް އޭނާ ނުވެދާނެ އެވެ. އޭނަގެ ސަމާސާ މާ ބޮޑީ އެވެ.

އޭނާ އަކީ ހަމަ ހަގީގަތުގައި ވެސް ބޮޑު މަޖާގަނޑެކެވެ.

އުމުރުން 18 އަހަރުގެ ލުޖެއިން އަކީ ޔަގީނަށް ވެސް ސޯޝަލް މީޑިއާގެ ނުފޫޒުގަދަ ދިވެހިންނާ އެންމެ ރައްޓެހި އެއް ސެލެބްރިޓީ އެވެ. ނުވަތަ ކޮމޭޑިއަން އެވެ. "އެލްޖޭ ވައިންސް" ގެ ނަމުގައި އޭނާ ސޯޝަލް މީޑިއާގައި، ހާއްސަކޮށް ފޭސްބުކްގައި ޕޭޖެއް ހަދައިގެން އާންމުކުރަމުން ގެންދާ "ވައިންސް ވީޑިއޯތަކަކީ" ނުވަތަ "ހެއްވާ މަޖާ ވީޑިއޯ ކްލިޕްތަކަކީ" ދިވެހި ސިނަމާ އާއި ދިވެހިން އާންމުކޮށް ފޫހިފިލުވަން ބަލައި އުޅޭ ކޮމެޑީތަކަށް ވުރެން ވެސް ރަނގަޅު ރަހަތަކަކާ އެކު ދިވެހިން ހެއްވަމުން، ހޮޑުލައްވަމުން، ހީސް ލައްވަމުން، ސީ ލައްވަމުން ގެންދާ މަސައްކަތްތަކެވެ.

އެހެންވީމަ މި "އެލްޖޭ ވައިންސް" އެއްގެ މަޝްހޫރުކަމެއް ސޯޝަލް މީޑިއާގައި މާ ބޮޑުވީމަ އަޅުގަނޑުމެން ވެސް އޭނާއާ ބައްދަލުކޮށް އޭނާގެ "މަޖާ" ވާހަކަތަކާއި ތަޖުރިބާތަކުގެ ވާހަކަ އަޑުއަހާލީ އެވެ. އެކަމަކު އޭނާ ބުނީ އޭނާއާ މިގޮތަށް ބައްދަލުކުރި ފުރަތަމަ ބަޔަކީ އަޅުގަނޑުމެންނެއް ވެސް ނޫން ކަމަށެވެ.

އެއީ ތެދެކެވެ. މަގުމަތިން ހިނގާލާފައިދާއިރު ވެސް އަދި ކޮފީއަކަށް އަރައި ހުންނައިރު ވެސް މި އެލްޖޭއެއްގެ މަގްބޫލުކަން ބޮޑުކަމުން ދާހާ ބަޔަކު ނުވަތަ އޭނާ ކޮފީއެއް ބޯން ހުންނަ ތަނަކަށް ވަންނަ ގިނަ ބަޔަކު އޭނާ އަށް ގޮވާލަން ބޭނުންވެ އެވެ. ނުވަތަ އޭނާއާ އެކު "ސެލްފީއެއް ކަނޑާލަން" ވެސް ބޭނުންވެ އެވެ.

އެހެންވީމަ އެލްޖޭ ނުވަތަ ލުޖެއިންގެ މި "ޖޯކެއް" ފެށުނު ގޮތަކީ ކޮބައި ހެއްޔެވެ؟

"މިހާރު ތިން އަހަރުވެއްޖެ އަޅުގަނޑު މި ކަމެއް ކުރާތާ. އެންމެ ފުރަތަމަ ހަމަ ވައިންސް އެޕް ބޭނުންކޮށްގެން ދެން އިންސްޓަގްރާމްގައި ވައިންސްތައް ޝެއާކުރަމުން ގެންދިޔައީ. ދެން ވީގޮތަކީ އެ ވީޑިއޯތަކަށް ނިކަން ބޮޑު މަގްބޫލުކަމެއް ލިބުނީ،" ލުޖެއިން ކިޔައިދިނެވެ.

އެންމެފަހުން މި މަގްބޫލުކަމެއްގެ ތެރެއިން ގޮސް އޭނާ ފޭސްބުކްގެ ހަލަބޮލިކަމުގެ ތެރެއަށް ނުކުތުމުން ދެން ލިބުނު މަޝްހޫރުކަމާއި މަގްބޫލުކަން އަދި ވަކިން ބޮޑުވީ އެވެ. ލާރި އަޅައިގެން ސްޕޮންސާކުރުމެއް ނެތި ލުޖެއިންގެ ވައިންސް ފޭސްބުކް ޕޭޖަށް މިވަގުތު 13،000 އަށް ވުރެ ލައިކްސް ލިބިފައިވެ އެވެ.

އާންމުކޮށް އޭނާގެ ވައިންސް ވީޑިއޯތަކަށް 15،000 ވިއުސް އިން ފެށިގެން 30،000 އާ ދެމެދުގެ ވިއުސް ލިބިފައި އެބަހުއްޓެވެ. ސަމާސާއަކަށް މީހުން ހެއްވަން ނުކުތް މި ޒުވާނާ އަކީ އެހެންވީމަ "ސީރިއަސް ކޮމޭޑިއަން" އެއް ނޫން ހެއްޔެވެ؟

"ކުރިން މިއީ އަޅުގަނޑު މަޖަލަކަށް ކޮށްލި ކަމެއް. އެކަމަކު މިހާރު މިކަން މި ކުރަނީ މީހުން މުނިފޫހިފިލުވައިދޭން،" ލުޖެއިންގެ ހިޔާލު މިހާރު ހުރީ މިހެންނެވެ.

"އެންމެ ފުރަތަމަ ފެށިއިރު ވަރަށް މީހުން ފާޑުކީ. އެއީ ވައިންސް އަކީ ކޮބައިކަން ނޭނގޭތީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ޖެއްސުމަށް ވެސް އޭރު މީހުން ފޮނުވާނެ ހޭޓް ކޮމެންޓްސްވެސް. މަޖަލެއް ނޫނޭ ކިޔާފަ ވެސް ކޮމެންޓްކުރޭ."

އެކަމަކު އެ ކޮމެންޓްތައް ކިޔައިގެން އޭނާ އަށް ކުރި މާ ބޮޑު އަސަރެއް ނެތްކަން އެ ވަނީ ސާބިތުކޮށްދީފަ އެވެ. ފަހަރެއްގައި އޭނާގެ މި ސަމާސާއެއްގައި މުޅި އާއިލާގެ އެންމެނާއި އެކުވެރިން ވެސް ބައިވެރިވާތީ އެވެ.

"މަންމަ އުޅޭނެ މާމަ އުޅޭނެ ދައްތަ ވެސް އުޅޭނެ. މުޅި އާއިލާގެ އެއްބާރުލުން ލިބޭ މި ފޯރިއެއް ނަގަން. ހެނދުނު ހޭލައިގެން އަންނަ ގޮތަށް މަންމަ ވެސް އަހާލާނެ ކޮބާ ދަރިފުޅާ ނެތްހެއްޔޭ ވައިންއެއް މިއަދު ކުޅެލާނެ،" ލާނެތް ހިނިގަނޑަކާ އެކު ލުޖެއިން ބުނެލި އެވެ.

"އާއިލާގެ އެންމެން ތިބެނީ މިކަމަށް އާދަވެފައި މިހާރު ކޮންމެ ދުވަހަކު އެގޮތަށް ކުޅެކުޅެ."

"މިހާރު އެލްޖޭ ވައިންސްއޭ ކިޔާފައި މީހުން މަގުމަތިން ވެސް ގޮވާލާނެ ވަރަށް ގިނައިން. ކޮފީއަކަށް އެރިޔަސް ވަރަށް ގޮވާލާނެ. ވަރަށް ސަޅިއޭ ހިނގާށޭ ސެލްފީއެއް ނަގާލަން ބުނާނެ އާންމުކޮށް މީހުން."

ލުޖެއިން ބުނީ އެގޮތަށް މީހުން އައިސް ކޮށްލާ ތައުރީފަށް ވުރެ ބޮޑު ހިތްހަމަޖެހުމެއް އޭނާ އަށް މި މަސައްކަތުން ލިބެނީ އޭނާގެ ވީޑިއޯތަކުން އެހެން މީހުން ހެއްވާލަދެވޭތީ އާއި އެހެން މީހުންގެ ހިތި ހަނދާންތައް ދުރަށް ޖައްސައިދެވޭތީ ކަމަށެވެ.

"އެއް ދުވަހަކު ކޮފީއެއްގައި ހުއްޓައި އައިސް އަންހެން ކުއްޖަކު ބުނި އޭނާގެ އެންމެ ހިތްދަތި ދުވަސްތަކުން އަރައިގެން ދިޔައީ ވެސް ލުޖެއިންގެ ވައިންސްތައް ބަލައިގެންނޭ،" އޭނާ ކިޔައިދިނެވެ.

"އެ ވާހަކަ އޭނާ ބުނީމަ ވަރަށް ޓަޗިން ސްޓޯރީއަކަށްވީ އެކަން އަޅުގަނޑަށް ވެސް."

ލުޖެއިން ބުނީ އޭނާގެ ވީޑިއޯތަކަށް އާންމުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބިފައި ވަނީ އޭގެ ކޮންޓެންޓް ރަނގަޅުވުން ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ކޮމެޑީ ވައިންސްތަކެއް ހަދަން ފެށީ އެއްބައި މީހުން ގޭ ތެރޭގައި ލެޕްޓޮޕް ހިފައިގެން ނުވަތަ ފޯނު ހިފައިގެން އުޅޭއިރު އާންމުކޮށް ބަލާނީ ކޮމެޑީ އެއްޗެހި ކަމަށް ވީމަ. އެގޮތަށް ފަށައިގެން ވީޑިއޯތައް މަޝްހޫރުވާން ފެށީމަ ކޮންމެ ދުވަހަކު ވެސް އެކުވެރިޔަކާ އެކު ކޮފީއަކަށް އަރައި ކޮންމެވެސް ކަމަކާ ބެހޭ ގޮތުން ޑިސްކަސްކޮށްފައި އިޝޫއަކަށް ވީޑިއޯއެއް ކުޅެލަނީ،" ލުޖެއިން ބުންޏެވެ.

"އާންމުކޮށް ގިނަ ވައިންސްތައް ހުންނާނީ ޓިޕިކަލް ޑޭ އަކުން އިންސްޕަޔާވާ ކަމެއް ކޮމެޑީކޮށްލައިގެން ކުޅެލާފައި. ހުރިހާ އެންމެނަށް ވެސް ދިރިއުޅުމުގައި ދިމާވާ ކަންކަމަށް މަޖާ ގޮތަކަށް ބަލާލައިފައި ހުންނާނީ. އެހެންވީމަހެން އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ ވައިންސްތައް ގިނަ ބަޔަކަށް ކަމުދަނީ ވެސް."

އޭނާ ބުނީ އޭނާގެ މަސައްކަތުގައި ފޯރިއެއް ހިފާފައިވުމުން އެ ފޯރީގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި މުޖުތަމައުގެ މުހިންމު އިޝޫތަކަށް އަލިއަޅުވައިގެން ވައިންސް ހަދައި މީހުން ހޭލުންތެރިކުރުމަކީ ވެސް ކުރަން ބޭނުންވާ ކަމެއް ކަމަށެވެ.

"މިހާރު މަސައްކަތް މި ކުރަނީ ބުލީއާ ދެކޮޅަށް މަސައްކަތްކުރާ ގްރޫޕަކާ ގުޅިގެން. މުޖުތަމައުގައި ހުންނަ މައްސަލަތަކަށް ބަލައިގެން ވައިންސް ހަދައިގެން އެއިން މެސެޖުތަކެއް ދެވޭނެ ގޮތެއ،" ލުޖެއިން ބުންޏެވެ.

އެނގޭ ހެއްޔެވެ؟ ލުޖެއިން އަކީ ފޭސްބުކުން މި ފެންނަ ވީޑިއޯތަކުގައި މާ މަޖާ ނުވަތަ ބޮޑު ސަމާސާއެއްހެން ހީވިޔަސް އަސްލު ދިރިއުޅުމުގައި އޭނާ އަކީ އަހުލާގު ވެސް ރަނގަޅު އަދި ކިޔެވުމުގައި ވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. އޭނާ މިހާރު ވެސް ދަނީ ވަރަށް ސީރިއަސް ދާއިރާއަކުން ތައުލީމު ހާސިލުކުރަމުންނެވެ.

"އަޅުގަނޑު މި ކިޔަވަނީ ހޮޓެލް މެނޭޖުމަންޓް. އެއީ ވަރަށް ކުޑައިރުއްސުރެން ފެށިގެން ކިޔަވަން ބޭނުންވެފައި ހުރީމަ،" ތައުލީމު ހާސިލުކުރަމުން އަންނަ ސްރީ ލަންކާގައި އުޅެފައި ކުރު ޗުއްޓީއަކަށް މާލެ އައިސް ދިން އިންޓަވިއުއެއްގައި ލުޖެއިން ބުންޏެވެ.

ލުޖެއިން އަކީ އޭނާގެ މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. ޔަގީނަށް ވެސް އެމީހުން ފަހުރުވެރިވާނެ ނަމެކެވެ.

އަދި އެނގޭ ހެއްޔެވެ؟ ކުރީގެ މަޝްހޫރު ފިލްމީ ތަރި އައިޝަތު ޝިރާނީ އަކީ ލުޖެއިންގެ ބޮޑުދައިތަ އެކެވެ. އެހެންވީމަ އޭނާގެ އެކްޓްކުރުމުގެ ހުނަރާ މެދު އިތުރު ސުވާލެއް ކުރުމުގެ ބޭނުމެއް ދެން ނެތެއް ނޫން ހެއްޔެވެ؟