ރާއްޖެ ކުޅިވަރު

އިންތިހާބު ނިމެންދެން މިނިވަން 50 ޗެމްޕިއަންޝިޕް ހުއްޓާލައިފި

އަންނަ ބުރާސްފަތި ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެފްއޭއެމުގެ އިންތިހާބު ނިމެންދެން މިނިވަން50 ޗެމްޕިއަންޝިޕް ހުއްޓާލައިފި އެވެ.

މުބާރާތުގައި ވާދަކުރާ ރަށްތަކުގެ ކައުންސިލް ރައީސުނަށް އެފްއޭއެމުން މިއަދު ފޮނުވި ސާކިއުލާގައިވަނީ އިންތިހާބަށްފަހު މުބާރާތް އަލުން ފަށާނެ ތާރީހެއް އަންގާނެ ކަމަށެވެ.

އެފްއޭއެމު އިންތިހާބު ބުރާސްފަތި ދުވަހު ބާއްވަން ނިންމާފައިވާއިރު އެއިންތިހާބު ފަސްކުރަން ޔޫތު މިނިސްޓްރީން ވަނީ އަންގައިފަ އެވެ. އެއީ އެފްއޭއެމުގެ ފައިސާ ބޭނުންކޮށްގެން ކުލަބުތަކަށް ރިޝްވަތުދޭ ކަމަށްބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލައެއް އޭސީސީން ބަލައި ނިމެންދެންނެވެ.

ނަމަވެސް މި މައްސަލާގައި އޭޝިޔާގެ ފުޓްބޯޅައިގެ މައި ޖަމާއަތުން ވަނީ އިންތިހާބު ފަސްކޮށް، ސަރުކާރުން އެފްއޭއެމަށް ނުފޫޒުފޯރުވާނަމަ ރާއްޖެ ފުޓްބޯޅައިން ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރުދީފަ އެވެ. އެއީ މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެފްއޭއެމުހގެ އިންތިހާބު ބާއްވައި ނިންމުމަށް ފީފާގެ އެގްޒެކްޓިވް ކޮމިޓީން މިދިޔަ މަހު ނިންމާފައިވާތީ އެވެ. މިއީ އިންތިހާބު ބާއްވައި ނިންމަން ފީފާއިން ދިން ފަހު ފުރުސަތަށްވާއިރު މި މުއްދަތު ހަމަވާން ބާކީ އޮތީ އެންމެ 10 ދުވަހެވެ.

އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލައްވާފައިވަނީ ފީފާއިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އެކަންޏެވެ. އޭނާއަކީ އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި އޭއެފްސީގެ ހިންގާ ކޮމިޓީގެ މެމްބަރެކެވެ. އިންތިހާބުގައި އޭނާ އެކަނި ވާދައްވާތީވެ އޮންނާނީ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ.