ފިނިޕޭޖް

އަޝީސް ރޯއީ މަރުވުމުން ޝޮކެއް

"ސަސުރާލް ސިމަރް ކާ"ގައި މުހިއްމު ބައެއް އަދާކުރި ޓީވީ އެކްޓަރު އަޝީސް ރޯއި މަރުވުމުން ޓީވީ އަދި ފިލްމު އިންޑަސްޓްރީގެ ފަންނާނުންނަށް ބޮޑު ޝޮކެއް ލިބިއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު އަޝީޝް، 55، މަރުވީ ކިޑްނީގެ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާ ކިޑްނީ މައްސަލަ ޖެހިގެން އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އަދި ދުވަސް ދުވަސްކޮޅުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔަ އެވެ.

މިދިޔަ މޭ މަހު އަޝީޝް ވަނީ ޑައެލިސިސް ހަދަން ޖެހޭ ކަމަށާއި ފަރުވާއަށް ފައިސާ ނެތިގެން އޭނާގެ އެކުވެރި ފަންނާންގެ ކިބައިން ފައިސާގެ އެހީއަކަށް އެދިފަ އެވެ. ސޯޝަލް މީޑީއާގައި އޭނާ ޝެއާކުރި ޕޯސްޓުގައި ބުނެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ކިޑްނީ ބައްޔަށް ފަރުވާ ކުރަން ޖެހުމުގެ ސަބަބުން އަތްމަތި ހުސްވެފައިވާ ކަމަށެވެ. މޭ މަހު އޭނާ އެހީއަށް އެދުނުއިރު ވެސް އޮތީ ހޮސްޕިޓަލެއްގެ އައިސީޔޫގަ އެވެ.

އަޝީޝް އާއެކު "ރިޝްތާ ސާޖޭދާރީ ކާ" ކިޔާ ސީރީޒް އެއްގައި މަސައްކަތްކުރި ސޫރަޖް ތާޕާރް އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި އެއް ދުވަހަކު އެ ސިލްސިލާގެ ސެޓެއްގައި އަޝީޝް ނޭވާ ކުރުވާ ގޮތްވެ އަނބުރައިގަނެގެން ވެއްޓުނީ އެވެ. އޭނާގެ ކިޑްނީ ބަލި ހުރިކަން އެންމެންނަށް އެނގުނީ އެ ދުވަހު އެވެ. އޭގެ ފަހުން ފަރުވާ ކޮށް އޭނާ ހުރީ ވަރަށް ބޮޑަށް ރަނގަޅުވެފައި ކަމަށް ވެސް ސޫރަޖް ބުންޏެވެ. އަދި ދާދިފަހުން އޭނާ ކުޅުނު ފިލްމެއްގެ ޑަބިން މަސައްކަތް ވެސް ކުރި ކަމަށް އަޝީޝްގެ އެކުވެރި އެކްޓަރު ބުންޏެވެ.

"ބޮންޑް" ފަދަ ބައެއް ހިންދީ ފިލްމުތަކުގައި ޑައިރެކްޓަރު ހަންސަލް މެހެތާ އާއި އަނުބަވް ސިންހާ އަދި އެކްޓަރު މަނޯޖް ބަޖްޕާއީ އާއެކު ވެސް އަޝީޝް މަސައްކަތް ކޮށްފައި ވެއެވެ. މި އެންމެން ވެސް ވަނީ އަޝީޝްގެ ކުއްލި ވަކިވުމުގެ ހިތާމަ ފާޅުކޮށް ޓުވީޓްކޮށްފަ އެވެ.

ނަމަވެސް ޓީވީ އެކްޓަރު އިގްބާލް ޚާން ބުނި ގޮތުގައި އަޝީޝް މަރުވުމުން މާ ހެޔޮއެދޭ ބަޔަކަށް ވެގެން ތަފާތު މެސެޖުތައް ސޯޝަލް މިޑިއާގައި ޕޯސްޓް ކުރިޔަސް ފިލްމު އަދި ޓީވީ އިންޑަސްޓްރީގެ މީހުން އޭނާ އެހީތެރިކަމަށް އެދުމުން އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

"މި އިންޑަސްޓްރީގައި އެއްވެސް މީހަކީ ތިމާއަށް ހެޔޮއެދޭ އެކުވެރިއެކޭ ބުނެވޭކަށް ނެތް. މިއީ ވަރަށް ދެރަކަމެއް. މިކަހަލަ ކޮންމެ ހިތާމަވެރި ހާދިސާއަކުން ވެސް ހާމަވަނީ އެކްޓަރުން ހަމައެކަނި ބަލައިގަންނަނީ އެމީހުންގެ ހުރި ހުނަރެއްގެ ސަބަބުން އެކަނިކަން. އިންސާނެއްގެ ހައިސިއްޔަތުން އެމީހުން ބަލައިނުގަންނަކަން. އެހެން ނޫންނަމަ މިފަދަ ހިތާމަވެރި ހާދިސާތަކެއް ނުހިނގާނެ،" އިގްބާލް ބުންޏެވެ.

މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި އަޝީޝް މަސައްކަތް ކުރަން ފެށީ 1990 ގެ އަހަރު ތަކުގަ އެވެ. އިމްރާން ހާޝިމީގެ "ރާޖާ ނަޓްވަރްލާލް" އަދި "އެމްޕި3: މޭރާ ޕެހެލާ ޕެހެލާ ޕިޔާރް" ގައި އޭނާ މަސައްކަތް ކޮށްފައި ވެއެވެ. ޓީވީ ޝޯތަކުގެ ތެރެއިން "ބަނޭގީ އަޕްނޭ ބާތު"، "ރިމިކްސް"، "ކުޗް ރަންގް ޕިޔާރް ކޭ އޭސޭ ބީ" އަދި "ޖީނީ އައުރް ޖީޖޫ"ގައި ވެސް އޭނާ މުހިއްމު ރޯލުތަކެއް އަދާ ކުރި އެވެ.